ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދު ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ތަފާސް ހިސާބުން ދައްކާގޮތުގައި ފުރަތަމަ ދެގަޑިއިރުގެ ތެރޭގައި 65،600 މީހުން ވޯޓުލާފައިވެއެވެ. އެގޮތުން ހެނދުނު 10 ގެ ނިޔަލަށް 23.20 ޕަސެންޓު މީހުން ވޯޓުލާފައިވާ ކަމަށާއި އޭގެ ތެރޭގައި 13.55 ޕަސެންޓަކީ ފިރިހެނުން ކަމަށާއި 9.65 ޕަސެންޓަކީ އަންހެނުން ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމުގެ ހައްގު 282,394 މީހުންނަށް ލިބުނުއިރު ދެވަނަ ބުރުގައި އަލަށް ވޯޓުލެވޭ 409 މީހުންނާއެކު ޖުމްލަ 282,804 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ. އޭގެ ތެރެއިން 246،492 މީހުން ވޯޓު އަދި ލާފައި ނުވާ ކަމަަށް އީސީން ބުނެއެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގިނަ ބަޔަކު ވޯޓުލާފައި ނުވާއިރު އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމަށް 50،047 މީހުން ވަނީ ރީ-ރަޖިސްޓްރީވުމަށް ފޯމު ހުށަހާފައެވެ.
ދެވަނަ ބުރުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރެއިން މާލެ ސަރަހައްދުގައި 187 ފޮށި ބަހައްޓާއިރު އަތޮޅުތަކުގައި 3119 ފޮށީ އަދި ރިސޯޓުތަކުގައި 5 ފޮށި ވަނީ ބަހައްޓާފައެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނާއި އެ ބޭފުޅުންގެ ރަނިންމޭޓުން ވެސް މިހާރު ވޯޓުލައްވާފައިވާއިރު، ކުރީގެ ރައީސް ޔާމީން ވެސް ވަނީ ވޯޓު ލައްވާފައެވެ.
މިއަދުގެ ވޯޓުކުން ހަވީރު 17:00 އަށް ކުރިއަށް ގެންދާއިރު، ވަގުތު އިތުރު ނުކުރާނެ ކަމަށް އީސީ އިން ވަނީ ބުނެފައެވެ.