ޕީޕީއެމްގެ ރިޔާސީ ޓިކެޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އަރުވައިފިއެވެ. ޓިކެޓް އެރުވީ މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޚާއްސަ ހަފުލާއެއްގައެވެ. ޓިކެޓްު އެރުވީ އަތޮޅުތަކުން ވަޑައިގެން ތިއްބެވި މަންދޫބުންގެ އަތްޕުޅު މަތީން ގެނެސް ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމާ ޙަވާލު ކުރެއްވީމާ އޭނާއެވެ.
ޓިކެޓް ހަވާލުވެވަޑައިގަތުމަށް ފަހު ރައީސް ޔާމީން ވާހަކަފުޅު ދެއްކެވިއެވެ. މި ވާހަކަފުޅުގައި މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ދަރަނީގެ މިންވަރު ބޮޑުވެފައިވާ މިންވަރާއި ކޮރަޕްޝަންގެ ހާލަތު އޮތް ގޮތުގެ މައްޗަށް ބައްލަވައިލެއްވިއެވެ.
މީގެ އިތުރަށް ރާއްޖޭގައި މިހާރު ތިއެްބެވި ސިޔާސީ ލީޑަރުންނަށްވެސް ފާޑު ވިދާޅުވިއެވެ. ރާއްޖޭގެ ހާލަތު ނުބައިން ނުބަޔަށް ދާއިރު އެ ބޭފުޅުން އެ ވާހަކަފުޅު ނުދައްކަވަނީ ކީއްވެގެންތޯ ސުވާލު ކުރެއްވިއެވެ. އެކަން ބަލަން ޖޙެ ކަމަށްވެސް ވިދާޅުވިއެވެ.
އިންޑިއާއަށް ދަރާ ދެރުމުގެ ވާހަކައާއި ޗައިނާއިން ލޯނު ނެގި ނަމަވެސް ރާއްޖެއަށް ދަތިވާނޭ އެއްވެސް ޝަރުތެއް ނުކުރާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އިންޑިއާއިން ދަރަނި ނަގައިގެން ކުރާ ކަންކަމުގައި މައްސަލައެއް ކުރިމަތި ވެއްޖެނަމަ ދާން ޖެހެނީވެސް އިންޑިއާގެ ކޯޓަށް ކަމަށާއި ރާއްޖޭގެ ސިޔާދަތު ގެއްލިގެން ދާނީ ކިހައި ވަރަކަށްތޯ އެމަނިކުފާނު ސުވާލު ކުރެއްވިއެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރުގެ ސަރުކާރުގެ ބޭފުޅުންނަށް އިންތިޚާބެއް ކާމިޔާބު ކުރެވޭނީ ބަޔަކު އަތް ބާނައިގެން އެކަން ކޮށް ދިނީމައެވެ. މިހާރުވެސް އެބޭފުޅުން އުއްމީދު ކުރައްވަނީ އެ ގޮތަށް އަނެއްކާވެސް ކާމިޔާބު ކުރެއްވިދާނެ ކަމަށް ކަމުގައިވެސް ވިދާޅުވިއެވެ.