ފަލްސަފާ (18)

(24 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގޭގެ ދޮރު މަޑުމަޑުން ހުޅުވައި ލެވުނެވެ. އެތެރެޔަށް ވަދެގެން އެ އަންނަނީ ނޫރުއެވެ. ނޫރުހުރީ ކަންބޮޑުވެގެންގޮސް ހަލާކު ވެފައެވެ. އެއްފިޔަވަޅު ކުރިޔަށް އެޅިއްޔާ ދެފިޔަވަޅު ފަހަތަށް އަޅައެވެ. މުޅިމީހާ ހުރީ ގަނޑުވެފައެވެ. އޭނާއަކަށް އެއްވެސްތަނެއް ނުފެނެއެވެ. ގޭތެރޭގައި ، އޭނާގެ އިންތިޒާރުގައި ބަޔަކު ތިބިކަމެއް ނުއެނގެއެވެ. އެ ޙަރަކާތްތެރި ސާދާ މިޒާޖުގެ ނޫރުގެ ބަސްވަނީ ހުއްޓިފައެވެ. ލޮލުން ފޭބި ކަރުނައިގެ އަސަރު އަދިވެސް ފެންނަން ހުށްޓެވެ.

ނޫރު ވަނުމާއެކު ، އޭނާގެ ބައްޕައާއި ބޭބެއާ އަދި ފަހަރި ނޫރާގާތަށް އައުމަށް އަވަސްވެ ގަތެވެ. އޭނާއަށް އެހުރީ ކޮންމެވެސް ކަމެއް ވެފައެވެ. އެހެން ނޫންނަމަ އޭނާއަކީ އެގޮތަށް ހުންނާނެ މީހެއްނޫނެވެ. ކަމަކާ ދެރަވިޔަސް އަދި ކަންބޮޑުވިޔަސް ، ނޫރުގެ ޙަރަކާތްތެރިކަން ކެނޑިފައި ހުރިތަނެއް ދުވަހަކުވެސް ނުފެންނާނެއެވެ. އޭނާއަކީ ދިމާވާ ކަންކަމަށް ކެތްތެރިކަމާއެކު ކުރިމަތިލާ ކުއްޖެކެވެ. މާޔޫސް ކަމަކީ ، ނޫރުގެ ޑިކްޝަނަރީގައި ލިޔެވިފައިވާ ބަހެއްނޫނެވެ. ނޫރުގެ ޙާލަތު ފެނުމާއެކު އެންމެންގެ ހިތަށްވެސް އަސަރުކޮށް ، ބިރުވެރިކަން ވަނެވެ. އެކަކަށްވުރެ އަވަހަށް އަނެކަކު އައިސް ނޫރުއަށް ވެފައިހުރިގޮތެއް ސާފުކުރުމަށް އަވަސްވެގަތެވެ.

" ނޫރު އެވެ. ކިހިނެއްވީ ހެއްޔެވެ ؟ މީހަކު ކަމެއްކުރީ ހެއްޔެވެ ؟ " ހާރިސް އޭނާގެ ކޮއްކޮއާ ގާތަށް ޖެހިލައި ކަންބޮޑުވެފައިހުރެ ސުއާލު ކުރިއެވެ.

ނޫރު ، އޭނާގެ ބޭބެގެ ލޮލަށް ބަލައިލިއެވެ. އޭނާއަކަށް އަނގަޔަކުން ނުބުނެވުނެވެ. ވަޞީމު އޭނާގެ ދަރިފުޅާ ގާތަށް ޖެހިލިއެވެ. އަދި ، ނޫރުއަށް ގޮވާލައި ކިހިނެއްވީތޯ ސުއާލު ކުރިއެވެ. ކޮންމެވެސް އެއްޗެކޭ ބުނެ ، އަނގައިން ބުނުމަށް އެދުނެވެ. ، ވެގެން އުޅޭގޮތެއް ، އެމީހުންގާތު ބުނާނީ ކިހިނެއްކަމެއް ނޫރުއަކަށް ނޭނގެއެވެ. ބައްޕައާ ދިމާއަށް ނޫރު ، ބަލައިލިއެވެ.

" ބައްޕާއެވެ ! އެމީހުން މުރުތަޟާ އާއި ތަހުނިޔާގެ ކައިވެނި ކުރަން ނިންމައިފިއެވެ. " ދެބަހުން އެއްބަސް އަޑުއިވޭގޮތަށް ނޫރުއަށް ބުނެވުނެވެ.

ނޫރުގެ ވާހަކައިން އެންމެންނަށްވެސް ލިބުނީ ޙައިރާންކަމެވެ. އެހާ އަވަހަށް ހެއްޔެވެ ؟ އެންމެންނަށްވެސް ބުނެވުނެވެ. އެންމެންގެ ބަސް ހުށްޓުނެވެ. އެއީ ކިހިނެއް އަދި ކީއްވެގެންތޯ ވަޞީމަށް އަހައި ލެވުނެވެ. އެއިން އެއްވެސްކަމެއް ނޭނގޭ ކަމުގައި ، ނޫރުއަށް ދެފަހަރަށް ބުނެވުނެވެ. ނޫރުއަށް ލިބުނު ޝޮކްގެ އަސަރު އަދިވެސް ހުރީ ނުފިލައެވެ. ބޮލަށް އެނބުރުން އަރާހެން ހީވެގެން ، ދެއަތުން ބޮލުގައި ހިފަހައްޓައިގެން ހުރެ ، ނޫރު އޭނާގެ ކޮޓަރިޔާ ދިމާއަށް މިސްރާބު ޖެހިއެވެ.

ހާރިސް އޭނާގެ ބައްޕަގެ ކޮނޑުގައި އަތްބާއްވައިލިއެވެ. ވަޞީމުހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާއަށް ރޯން ފެށުނެވެ.

" އަހަރެންގެ ދަރިފުޅުގެ އުފާވެރިކަން އެހެން ވަކިކޮށެއް ނުލެވޭނެއެވެ. އަހަރެން ޙަފުޞާއާ އިތުރަށް ވާހަކަ ދައްކާނަމެވެ. " ރޮމުން ރޮމުން ވަޞީމަށް ބުނެވުނެވެ.

 

" ނޫރު ފެނުނީމަ މުރުތަޟާއަށް އުނދަގޫވެގެން އެއްޗެއް ނުވެސްކައި އެދިޔައީއެވެ. އަހަރެމެންގާތު އިށީނދެލައި އެއްޗެއް ކާލިނަމަ ވަރަށް އުފާވީހެވެ. " ސާޖިދާ ބުންޏެވެ.

އަނގޮޓި އެޅި ވަގުތާ ދިމާކޮށް ނޫރުއަށް އެގެޔަށް އާދެވުނު ގޮތަކާމެދު ، އެންމެންވެސް ތިބީ ކަންބޮޑުވެފައެވެ. ޠާހިރާގެ އަރުތެރެޔަކަށް އެއްވެސް ކާއެއްޗެއް ނުދިޔައެވެ. ކާއެއްޗެއްގައި އަތްލާ ހިތެއްވެސް ނުވިއެވެ. ޙަފުޞާއިނީ ، ސާޖިދާގެ ބިރިޔާނީގެ މީރުކަމަށް ތަޢުރީފު ކުރަމުން ، ބޮޑު ބަތްތަށްޓެއް އަޅައިގެން ކާށެވެ. ކަމެއްވީހެންވެސް އޭނާއަކަށް ހިއެއް ނުވެއެވެ.

ސާޖިދާ ބުނިގޮތުގައި ، ކަންކަން އެދަނީ ހީޚުރިގޮތަކަށް ނޫނެވެ. ކައިވެނި އަވަސް ނުކޮށްފިއްޔާ އެކަން ގޯހުންގޯހަށް ހިނގައިދާނެއެވެ. ސާޖިދާގެ ކަންބޮޑުވުމަކީ ، އެކަށީގެންވާ ކަމެއްކަމަށް ޙަފުޞާ ބުންޏެވެ. ސާޖިދާ އެބުނީ ކީކޭކަން ޙަފުޞާއަށް ވިސްނުނެވެ. އޭނާގެ ދަރިފުޅަށް ޙަފުޞާގެ ފުރިހަމަ އިތުބާރު އެބައޮތްކަން ޙަފުޞާ ޔަޤީންކޮށްދިނެވެ. އޭނާގެ އަމިއްލަ ނަފުސަށްވުރެ ، މުރުތަޟާގެ މައްޗަށް އިތުބާރު ކުރެވެއެވެ. ޙަފުޞާ ބޭނުންނުވާ ކަމެއް މުރުތަޟާއެއް ނުކުރާނެއެވެ. އަދި ، މުރުތަޟާއަށް އޭނާ ދީފައިވާ ތަރުބިއްޔަތަށްވެސް ޔަޤީންކަމުގައި ބުންޏެވެ. މުރުތަޟާ ހުންނާނީ ޙަފުޞާގެ ނިންމުމުގެ މަތީގައެވެ. އެހެން އެއްވެސް މީހަކަށް އެމީހުންގެ އެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. ނޫރު ދެންކުރާ އެއްވެސްކަމަކުން އެ ނިންމުމަކަށް އަސަރެއް ނުފޯރާނެއެވެ. މުރުތަޟާކުރާ ކަމަކުންވެސް އެނިންމުން ބަދަލެއް ނުވާނެއެވެ. ޙަފުޞާގެ ނިންމުމުގެ ޔަޤީންކަން ސާޖިދާއަށް ކަށަވަރު ކޮށްދިނެވެ.

" ކަމުގެ ޙަޤީޤަތް އަހަރެމެންގެ ކުރިމަތީ މިއޮތީ ، ރޭގަނޑުގެ އަނދިރިކަން ފަދައިން ފެންނާށެވެ. މުރުތަޟާއާއި ތަހުނިޔާ ވަކިގޮތަކަށް ނިންމަން އަހަރެމެންކުރެ އެކަކުވެސް ބާރުއަޅައި ، ނުފޫޒު ފޯރުވައިގެން ކަމަކު ނުދާނެއެވެ. އެކަން އެދެމީހުންނަށް ދޫކޮށްލާށެވެ. އެންމެ ބުއްދިވެރި ގޮތަކީ ، އެދެމީހުން އެކަކު އަނެކަކު ޤަބޫލުކުރަންދެން އަހަރެމެން މަޑުކޮށްލުމެވެ. " ޢާޞިފް ބުންޏެވެ.

ކާމޭޒު ދޮށުގައި ތަހުނިޔާ މަޑެއް ނުކުރެއެވެ. ޠާހިރާވެސް ، އެންމެފަހުން އަނގައިން ބުނެ ، އޭނާއަށް ފެންނަ ގޮތެއް ހާމަ ކުރިއެވެ. މުރުތަޟާއާއި ތަހުނިޔާއާ ދެމީހުން ، އެކަކު އަނެކަކަށް ޤަބޫލުކޮށް ބަލައިގަތުމަކީ އެންމެންގެވެސް މަޤްޞަދެވެ. ޢާޞިފް އެބުނީ ރަނގަޅު ވާހަކައެއްކަމަށް ޠާހިރާވެސް އެއްބަސްވެ ، އެވާހަކަޔަށް ތާއީދު ކުރިއެވެ.

" އެކަން ކުރުމަށްޓަކައި ، މުރުތަޟާއާއި ނޫރުލްޢައިނު ދުރުކޮށް ، އެދެމީހުން އެއްތަން ނުވާނެ ގޮތަކަށް ކަންތައްތައް ބެހެއްޓުމަކީ ވަރަށް މުހިންމު ކަމެކެވެ. މުރުތަޟާ ފަދައިން ، ތަހުނިޔާވެސް ނޫރުލްޢައިނާ ބައްދަލުވިޔަދީގެން ނުވާނެއެވެ. " ޙަފުޞާ އޭނާގެ ޚިޔާލު ފާޅު ކުރިއެވެ.

އަރުސަލާން ގޮވައިގެން ޓެރަސްމަތީ އުޅެފައި ތަހުނިޔާ ، އެވަގުތު އެތަނަށް އައެވެ. އަރުސަލާންއަށް ޕާރުސަލެއް ހަދައި ، ސާޖިދާ ހެދި ކަވާބުކޮޅެއް ދިނެވެ. ސާޖިދާގެ ބޭނުމަކީ ، ޙަފުޞާއަށް މީރު އެއްޗެއް އެގެޔަށް ފޮނުވުމެވެ. ތަހުނިޔާ އައިސް ދުރުގައިހުރި ހުސް ގޮނޑިއެއްގައި އިށީނދެލިއެވެ. ޙަފުޞާ އެންމެފަހުން އެބުނި ވާހަކަ ، ތަހުނިޔާއަށް އިވުނެވެ. އެކަމާ ޙަފުޞާ އިނީ ވަރަށް ކަންބޮޑުވެފައެވެ. އެއްވެސް މީހަކާ ދިމާއަށް ބަލައިވެސް ނުލައި ، އަނގައިން ނުބުނެ ، ތަހުނިޔާ އިނެވެ.

 

ކޮޓަރިޔަށްވަދެ ފައިވާން ބާލައި އެއްލައިލުމަށްފަހު ، އެތާ ބެހެއްޓިފައިހުރި ފޮށްޓެއްގެ މަތީ ނޫރު އިށީނދެލިއެވެ. އެ ފޮށިމައްޗަށް އޭނާ ތިރިވީ ބޭއިޚުތިޔާރުގައެވެ. އެއީ އިށީންނަން ބެހެއްޓިފައިހުރި އެއްޗެއް ނޫނެވެ. އެއީ އަގުބޮޑު ، އާސާރީ އެއްޗެކެވެ. ނޫރުގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެހިނިތުންވުން މަޑުމަޑުން ގަދަވަމުންގޮސް ހުނުމަކަށް ބަދަލުވިއެވެ. އަޑުގެ ނެތްތަނަށް އޭނާ ހޭން ފެށްޓިއެވެ. ހެމުން ހެމުންގޮސް ނޫރު ، ތަޅުންގަނޑުމައްޗަށް ތިރިވިއެވެ.

ނޫރުގެ ކުރިމަތީ ތަޞްވީރު ކުރެވެމުން އެދަނީ ، މުރުތަޟާއާއި ތަހުނިޔާގެ އެންގޭޖްމަންޓް އަނގޮޓި އެޅުވުނު މަންޒަރެވެ. އެކަމާ އުފަލުން އެންމެން ހެވިފައިތިބި ތަނެވެ. ނޫރުގެ ހުނުމަކަށް ބަދަލެއް ނާދެއެވެ. އަޑުގެ ނެތްތަނަށް ހެމުން ގެންދިޔައެވެ. ސިކުނޑިޔަށް ލިބުނު ޝޮކާއި ހިތަށް ލިބުނު ކެކުޅުމުގައި އޭނާއަށް އެކުރެވެނީ ކީއްކަމެއް ނޭނގެއެވެ. އެންމެ ދެރަވަގެން ، އޭނާގެ ހިތަށް ތަދުވާކަމެއްވެސް އިޙްސާސެއް ނުވެއެވެ. ހެމުން ހެމުންގޮސް ، ނޫރުގެ އެ ހުނުން ރުއިމަށް ބަދަލުވިއެވެ. ގިސްލައި ރޯން ފެށްޓިއެވެ. އޭނާގެ ޢާއިލާ ނަގާފައި ، އޭނާގެ ޙަޔާތުގައި އެންމެ ގާތްކޮށްތިބި ދެމީހުން އޭނާއަށް އެދިނީ ކިހާބޮޑު ކެއްސެއް ހެއްޔެވެ ؟ އިންސާނެއްގެ ހިތް ހަލާކުވުމަށް މެދުވެރިވާނެ އެންމެ ހިތްދަތި ޙާލަތަކީ އެއީއެވެ. އޭނާއަށް ވަގަށް ، އޭނާގެ ގާތްމީހުން ލަނޑު ދީ ބޭވަފާތެރި ވުމެވެ. އެހިސާބުން އެ އިންސާނާގެ ދިރިއުޅުން ، އަނދިރިވެގެން ދާނެއެވެ. އުއްމީދުތަކުގެ ދިރުން ނެތިގެން ދާނެއެވެ. ދުނިޔެމަތިން ފޫހިވެ ، ދުނިޔޭގައި އުޅުމުގެ ބޭނުމެއް ނެތްކަމަށް ނިންމާނެއެވެ. ހުރިހާ އިޚްތިޔާރުތަކެއް ، ބޭ އިޚުތިޔާރަށް  ބަދަލުވެގެން ދާނެއެވެ. އޭނާއަށްޓަކައި ، އޭނާގެ ދުނިޔެ ހުއްޓޭނެއެވެ.

ތަހުނިޔާއާ ގުޅައި މަރުޙަބާ ކިޔާނީ ބާވައެވެ. ނުވަތަ އެ ރަޙުމަތްތެރިޔާ އެދިން ލަނޑުގެ ބަދަލުގައި ، ހިތްވަރު އާކޮށްފައި އަޅައިނުލާ ދޫކޮށްލާނީ ބާވައެވެ. ނޫރުގެ ހިތަށް އެރިއެވެ. ނޫރު ، އޭނާގެ ފޯނު ނަގައި ތަހުނިޔާއާ ގުޅިއެވެ. އަދި ގުޅުމަކަށްވުރެ އަވަހަށް ކަނޑައިލިއެވެ. ތަހުނިޔާ އިނީ އެކުރެވުނު ކަމަކާމެދު ހާސްވެފައެވެ. ކުޑަދޮރުން ބޭރު ބަލަހައްޓައިގެން އިންދާ ފޯނުވާން ފެށިއެވެ. ބަލައިލިއިރު އެއީ ނޫރު އެވެ. ނޫރުއަށް އޭނާ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ ؟ އެ ފޯނު ނަގާނީ ބާވައެވެ. ނުވަތަ ، ފޯނުން އެވާހަކަ ނުދައްކައި ނޫރުއާ ބައްދަލުކޮށް އެކަން ހިނގިގޮތް ކިޔައިދޭނީ ބާވައެވެ. ފޯނު ކެނޑިގެން ދިޔައިރުވެސް ތަހުނިޔާއަކަށް އެފޯނެއް ނުނެގުނެވެ. އިރުކޮޅެއްފަހުން ،  އަނެއްކާވެސް ފޯނުވާން ފެށިއެވެ. އެއީވެސް ނޫރުގެ ފޯނެކެވެ. މި ފަހަރު ، ލަސްނުކޮށް ފޯނުނެގިއެވެ.

" އަހަރެންގެ ބެސްޓް ފްރެންޑެވެ ! ވަރަށްބޮޑަށް މަރުޙަބާއެވެ. " ނޫރު ހެމުން އަދި ރޮމުން ، ތަހުނިޔާއަށް މަރުޙަބާ ކިޔެވެ.

ތަހުނިޔާ ވާހަކަ ދައްކަން ފެށްޓިއެވެ. އޭނާގެ ހުވަފެނަށް ލޮނުއަޅައި ރަހަތަފާތު ނުކުރުމަށް އެދުނެވެ. ނޫރުއަށް ކުރާނެ އަސަރާއި ލިބޭނެ ތަކުލީފު ތަހުނިޔާއަށް އިޙްސާސް ކުރެވެއެވެ.  ތަހުނިޔާގެ ހިތުގައި އަޅާ ވޭނާއި ލިބިފައިވާ ނުތަނަވަސްކަން ، ނޫރުއަށްވެސް އެނގެން ޖެހޭނެކަމަށް ތަހުނިޔާ ބުންޏެވެ.

" އެހެން ހެއްޔެވެ ؟ ތަހުނިޔާއަށް ހަމްދަރުދީވާން ޖެހޭނެ ދޯއެވެ ؟ ތަހުނިޔާއަށް ދެރަގޮތްތަކެއް މެދުވެރިވީ ދޯއެވެ ؟ އަހަރެންނަށް މަޢާފު ކުރާށެވެ. ދިމާވި ދެރަ ޙާލަތަށް އަހަރެން ވަރަށް ދެރަވެ ހަމްދަރުދީ ވަމެވެ. ހަނދާން ނެތުނީއެވެ. ހަމްދަރުދީ ވާންޖެހޭނީ ދެރައެއް ލިބޭ މީހުންނަށެވެ. ލޯބީގެ ނާކާމިޔާބީގައި ކުށެއްނެތި އަނިޔާ ލިބޭ މީހުންނަށެވެ. ރަޙުމަތްތެރިކަމުގެ ނަމުގައި ދޯކާ ދޭ މީހުންނަށެވެ. " ނޫރު ބުންޏެވެ.

އޭނާގެ ބޮލުގައި އެއްވެސް އިލްޒާމެއް ނުއެޅުވުމަށް ތަހުނިޔާ އެދުނެވެ. އެ ހިނގައިދިޔަ ކަމެއްގައި އޭނާގެ އެއްވެސް ބާރެއްނެތްކަމުގައި ތަހުނިޔާ ބުންޏެވެ. ހުރިހާ ކަމެއްވެސް ދިޔައީ މައިންބަފައިންގެ ނުފޫޒުގެ ތެރެއިންނެވެ. އެކަން ހުއްޓުވުމަށް އޭނާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތް ޙާލަތެއްގައެވެ. އެކަމާމެދު ވިސްނައިލާނެ ފުރުޞަތެއްވެސް އޭނާއަކަށް ނުދެއެވެ. އަވަސް އަރުވާލާފައި އެކުރިކަމެއް ކުރީ އޭނާގެ މައިންބަފައިންނެވެ. ތަހުނިޔާގެ ރުހުމާލައިގެންނެއް ނޫނެވެ.

" ތަހުނިޔާއަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ތިކުޅުނު ކުޅުމެއް ތި ކުޅުނީ ވަރަށް މޮޅަށެވެ. ސާބަސް ދެވޭ ވަރަށެވެ. ރަޙުމަތްތެރިކަމަށް ބޭވަފާތެރިވުން ނޫން އެހެންކަމެއް ތަހުނިޔާގެ ބާރުގެ ދަށަކު ނެތެވެ. " ނޫރު ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ.

ތަހުނިޔާ ނޫރުއަށް ގޮވައިލިއެވެ. އަދި އޭނާ ބޭވަފާތެރި ނުވާކަމަށް ބުންޏެވެ. ނޫރުއަށް މީހަކު ބޭވަފާތެރިވީނަމަ ، އެމީހަކީ މުރުތަޟާއެވެ. އޭނާގެ އެބަހަށް އިތުބާރު ކުރުމަށް ތަހުނިޔާ ނޫރުގެ ކިބައިން އެދުނެވެ.

" ތިއީ ކޮންކަހަލަ ރަޙުމަތްތެރިއެއް ހެއްޔެވެ ؟ ތަހުނިޔާއަކީ ، ބުނާބަހުގައި އިތުބާރު ހުންނަ ، ވިސްނުންތެރި ކުއްޖެކެވެ. ތަހުނިޔާގެ އަތުގައި މުރުތަޟާ ، އަނގޮޓިއެއް އެޅުވިއިރު ، އެ ރަޙުމަތްތެރިކަން ކޮބައި ހެއްޔެވެ ؟ ކިޔަވައިގެން ، ސިކުނޑި ތަނަވަސްވެގެން ، ތަހުނިޔާއަށް ވަކިކުރަން އެނގުނު ، ރަނގަޅާއި ނުބައި މިއަދު ކޮބައި ހެއްޔެވެ ؟ އަހަރެންނަށް އިއްޔެވީ ވަޢުދަށް އެވީ ކިހިނެއް ހެއްޔެވެ ؟ ތަހުނިޔާއަށް ހީވަނީ އަހަރެންނަށް އެއްވެސް ކަމެއް ނޭނގޭކަމަށް ހެއްޔެވެ ؟ ތަހުނިޔާއަކީ ޙީލަތްތެރިޔެކެވެ. ތަހުނިޔާގެ ހިތުގައި މުރުތަޟާގެ މައްޗަށް އުފެދިފައި އޮތް އިޙްސާސްތަކުން ، ތަހުނިޔާއަށް ފުރުޞަތު ލިބުނީމަ ، އަހަރެންނަށް އަންގައިވެސް ނުލާ ، ރަޙުމަތްތެރިޔާގެ މޫނުމަތީ ތިޖެހި ތަފާލުގެ ތަދު އަހަރެންގެ މުޅި ޢުމުރަށްވެސް ހުންނާނެކަން ހަނދާން ކުރައްޗެވެ. " ވަރަށް އަސަރާއެކު ނޫރު ވާހަކަ ދައްކަމުން ގެންދިޔައެވެ.

ތަހުނިޔާހުރީ ބުނާނެ އެއްޗެއްވެސް ނޭނގި ހުއްޓުން އަރާފައެވެ. އޭނާއަށް ނޫރުއަށް ގޮވައިލެވުނެވެ. އަދި ތަހުނިޔާގެ ރަޙުމަތްތެރިކަމަކީ އޭނާ މަރުވުމަށްދާނދެން ހިތުގައި ދެގޮތެއްނުވެ ހަރުލައި އޮންނާނެ ގުޅުމެއްކަން ހަނދާން ކުރުމަށް އެދުނެވެ.

ތަހުނިޔާ އެހުރީ ނޫރުއާ ކެރިގެން ކުރިމަތިލާން ތައްޔާރަށެވެ. ދިމާވެގެން މިއުޅޭ ކަމަކީ ، ދެމީހުން ފޯނުން ވާހަކަ ދައްކައިގެން އެއްޗެއް ވިސްނޭވަރަށްވުރެ އަވަހަށް ، އެތައް ބަޔެއްގެ ނުފޫޒުގެ ތެރެއިން ނިމުނު ނިންމުމެކެވެ. އެއީ ، ތަހުނިޔާއަށްވެސް ބާރެއް ފޯރުވޭގޮތަށް އޮތްކަމެއްނޫނެވެ. ތަހުނިޔާއަކީވެސް މަންމަޔަކާއި ބައްޕައެއްގެ ނުފޫޒުގެ ދަށުވެ ، އަމިއްލަ ބާރެއް ނެތި މަޖުބޫރުވެފައިހުރި ކުއްޖެކެވެ. އެވާހަކަތައް ނޫރުއަށް ވިސްނައިދެވޭނެގޮތެއް މިހާރަކު ނުފެންނާނެއެވެ. ވާހަކަ ދައްކައިލުމަށްޓަކައި ނޫރުއާ ދެމީހުން ބައްދަލުކޮށްލުމުގެ މުހިންމުކަން ތަހުނިޔާ ، އޭނާގެ ރަޙުމަތްތެރިޔާއަށް ވިސްނައި ދިނެވެ. އެއީ މިވަގުތަށް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް ، ތަހުނިޔާ ވާހަކަ ދައްކަ ދައްކާ ހުއްޓާ ، ނޫރު ފޯނު ކަނޑައިލިއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.