ބާރަމަހަކީ ، ހިޖުރީ ކަލަންޑަރުން ރަބީޢުލްއައްވަލް މަހެވެ. ބާރަދުވަހަކީ ، ރަބީޢުލްއައްވަލްމަހުގެ ބާރަ ދުވަހެވެ. ރަބީޢުލްއައްވަލްމަހުގެ ބާރަދުވަހަކީ ، ރަސްމީ ބަންދު ދުވަހެކެވެ. މިއަހަރުގެ މިދުވަސް ، ދެ މުނާސަބަތަކާ ދިމާވެއެވެ. އެއީ ، ކީރިތި ރަސޫލާގެ ޢީދުމީލާދު ދުވަހާއި ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހާއެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢީދުމީލާދު ދުވަހަކީ ، ރާއްޖޭގައި ވަރަށް ޚާއްޞަގޮތެއްގައި ކުލަގަދަކޮށް ފާހަގަ ކުރަމުން އައި ދީނީ ޢީދު ދުވަހެކެވެ. ބާރަވިލޭރެޔަކީ ، ރާއްޖޭގެ އެކިކަންކޮޅުގައި ބާރަ މައުލޫދު ކިޔާ ރެޔެކެވެ. ބާރަދުވަހުގެ އިރު އޮއްސުނީއްސުރެ އެރޭގެ ފަތިސްވެއްޖައުމަށްދާނދެން ، މައުލޫދުކިޔުން އޮންނާނެއެވެ. މާލޭގައިވެސް މައުލޫދުކިޔާ ގްރޫޕްތައް ހަދައިގެން ، އެއްގެޔަކަށްފަހު އަނެއްގެޔެއްގައި މައުލޫދުކިޔުން އޮވެއެވެ. ފަހަކަށް އައިސް މައުލޫދުކިޔައި އުޅުނީ 50 ރުފިޔާއަށެވެ. އެރޭ ހަތަރުދަމު ، މައުލޫދުކިޔަމުންގޮސް ، ހުރިހާ ގެޔެއް ނިމުނީމަ ، މައުލޫދު ކިޔައިގެން ގޭގެއިން ލިބޭފައިސާ ، މައުލޫދު ޕާޓީގައި މައުލޫދުކިޔަން އުޅުނު އެންމެންގެ މެދުގައި ބަހައި ލެވޭނެއެވެ.
ބާރަ ދުވަހު އޮންނާނީ ، ކުކުޅު ކަތިލައި ޞަލަވާތް ކިޔެވުމެވެ. މައުލޫދަށް ނުކައްކާގެޔެއް ރަށެއްގައި ނުހުންނާނެއެވެ.
މީގެ އަށްސަތޭކަ އެތައް އަހަރެއްގެ ކުރިން ، ރާއްޖޭގެ ރައްޔިތުން އިސްލާމްދީން އިޚުތިޔާރުކުރީ ، ބުދުދީން ދޫކޮށްލުމަށް ފަހުގައެވެ. ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށްވަނީ ސުންނީންގެ ގޮތުގައެވެ. ސުންނީންގެ ތެރޭގައި ހަތަރު މަޛުހަބެއް އޮވެއެވެ. ޝާފިޢީ ، މާލިކީ އަދި ޙަނަފީއާއި ޙަންބަލީ އެވެ. އެއީ މީލާދީން 767 އިން 820 އަށް ދުނިޔޭގައި ހުންނެވި ، މުޙައްމަދު ބިން އިދްރީސް އަލްޝާފިޢީ ނުވަތަ އިމާމް ޝާފިޢީގެ ޝާފިޢީ މަޛުހަބާއި ، މީލާދީން 780 އިން 855 އަށް ދުނިޔޭގައި ހުންނެވި އަޙްމަދު ބިން މުޙައްމަދު ބިން ޙަންބަލް ގެންނެވި ، ޙަންބަލީ މަޛުހަބާ އަދި ، މީލާދީން 711 އިން 795 އަށް ދުނިޔޭގައި ހުންނެވި ، މާލިކް ބިން އަނަސް ގެ މާލިކީ މަޛުހަބާއި ނުޢުމާން ބިން ޘާބިތު ބިން ޒޫތާބިން މަރުޒަބާން ނުވަތަ އިމާމް ޙަނަފީ ގެންނެވި ޙަނަފީ މަޛުހަބެވެ.
ބުދުދީން ދޫކޮށް ، ރާއްޖޭގެ ރައްޔިތުން އިސްލާމްވީ ، ސުންނީ މަޛުހަބުގެ އިމާމެއްގެ އަތްޕުޅު މައްޗަށެވެ. ރާއްޖޭގައި ތަޢާރުފްވެގެން ދިޔައީ ޝާފިޢީ މަޛުހަބުގެ އަސާސްތަކެވެ. 1932 ވަނައަހަރު ، ދިވެހިރާއްޖޭގައި ޢަމަލުކުރަން ފެށުނު ފުރަތަމަ ޤާނޫނު އަސާސީން ފެށިގެން ، މިހާތަނަށް އިޞްލާޙު ކުރެވުނު އަދި ބަދަލު ކުރެވުނު ކޮންމެ ، ޤާނޫނުއަސާސީއެއްގައިވެސް ، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީންކަމަށް ބަޔާން ކޮށްފައި ވެއެވެ. އެދީނުގެ ވަކި މަޛުހަބަކަށް ، ޤާނޫނުއަސާސީގައި ޙަވާލާދީފައެއް ނުވެއެވެ. އެހެންނަމަވެސް ، ދާދިފަހަކާ ޖެހެންދެން ، ރާއްޖޭގެ ރައްޔިތުން ތަބާވަމުން އައީ ސުންނީ މަޛުހަބަށެވެ. ޝާފިޢީ މަޛުހަބުގެ އަސާސްތަކަށެވެ. މިހާރު މިވަނީ މަޛުހަބުތައް މަސްހުނިވެ ، ތަފާތު މަޛުހަބުތައް އުފެދިފައެވެ. މަޛުހަބީ ތަފާތުތަކުން ، ރައްޔިތުން ބައިބައި ވެފައެވެ. އެހެނަސް ، ރާއްޖޭގައި މައިގަނޑު ގޮތެއްގައި ގިނަރައްޔިތުން ތަބާވަނީ ޝާފިޢީ މަޛުހަބަށެވެ. އެހެން މަޛުހަބުތަކަށް ތަބާވާމީހުން ، ނިސްބަތުން ވަރަށް މަދެވެ.
ބާރަވިލޭރޭ ކިޔާ މައުލޫދާއި ބާރަދުވަހު ކިޔާ ޞަލަވާތްކިޔެވުމާއި ކެއްކުން ، ދިވެހި އިސްލާމީ ސަޤާފަތުން އުނިވެގެންދިޔައީ ދާދި މިދާކަށް ދުވަހުއެވެ. އެހެން މަޛުހަބުތައް ތަޢާރުފް ވުމާއި ، ދީނީ ޚިލާފުތައް އުފެދި ، ހައްދުފަހަނަޅައިދިއުމުގެ ސަބަބުންނެވެ. މައުލޫދު ކިޔައި ޞަލަވާތް ނުކެވިޔަސް ، މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި އަދި މާލޭގައިވެސް ، ބާރަދުވަހު ކައްކައި ޢާއިލާ އެންމެން އެކުގައި އެއްޖަމާޢަތެއްގައި ކެއުމުގެ އާދައެއް އެބައޮތެވެ. އެއީ ދީނީކަމަކަށްވުރެބޮޑަށް ، އިޖްތިމާޢީ ގުޅުމެއްގެ ގޮތުގައި ބެލެވޭ ކަމެކެވެ. ޚާއްޞަކޮށް މެދު ޢުމުރާއި ދޮށީ ޢުމުރުގެ މީހުންގެ މެދުގައި ، ބާރަދުވަހާމެދު ކުރިން އޮތް ވިސްނުން އެހެން ގޮތަކަށް ބަދަލުވިޔަސް ، އެދުވަހުގެ ޚާއްޞަކަން އެބަ ފާހަގަ ކުރެވެއެވެ. ބާރަދުވަހު ކެއްކުމަށްފަހު ޞަލަވާތްފުޅު ކިޔަވާ ގޭގެވެސް އަދިވެސް އެބަހުއްޓެވެ. ފަހަކަށް އައިސް ، ބާރަދުވަހުގެ ރޭ މައުލޫދު ކިޔެވުމާއި ، ބާރަދުވަހު ކައްކައި ޞަލަވާތް ކިޔުން ހުއްޓިގެން ދިޔައީ އެއީ ބިދުޢައެއްކަމަށް ފަތުވާ ދެވިގެންނެވެ. ޒިޔާރަތް ޒިޔާރަތަށް ނަދުރު ބުނުމާއި ރަށްރަށުގައި ކިޔާ ކުޑަމައުލޫދާއި ބޮޑުމައުލޫދުވެސް ހުއްޓިގެން ދިޔައީ އެއީ ބިދުޢަކަމަށް ބެލިގެން ، ރާއްޖޭގައި ޢަމަލުކުރެވިގެންދިޔަ ދީނީ އިޞްލާޙީ ބަދަލުތަކާ އެކުގައެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމެކެވެ. ރާއްޖޭގައި ދީނީގޮތުން ، އާބާދީގެ ބޮޑުބައެއް ތަބާވަނީ ސުންނީ މަޛުހަބަށެވެ. ނުވަތަ އިމާމް ޝާފިޢީގެ ދީނީ އަސާސްތަކުގެ މައްޗަށެވެ. ވައްހާބީންނާއި ސަލަފީ މުސްލިމުންނަކީ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޢީދުމީލާދު ފާހަގަ ކުރުމާ ދެކޮޅު ބަޔެކެވެ. ޝާފިޢީ މަޛުހަބުގައި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރަނީ ރަބީޢުލްއައްވަލްމަހުގެ ބާރަވަނަ ދުވަހުއެވެ. ޝީޢީން ، ރަސޫލާގެ ޢީދުމީލާދު ފާހަގަކުރަނީ ރަބީޢުލްއައްވަލްމަހުގެ 17 ވަނަ ދުވަހުއެވެ. ޝީޢީން ޤަބޫލުކުރާގޮތުގައި ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ އުފަންވެވަޑައިގަތީ ރަބީޢުލް އައްވަލް މަހުގެ 17 ވަނަ ދުވަހުއެވެ.
ސުޢޫދީ ޢަރަބިއްޔާގެ އާބާދީއަކީ 39 މިލިއަން މީހުންނެވެ. އެ ޤައުމުގެ މުސްލިމުންގެ އާބާދީއަކީ 31 މިލިއަނެވެ. ސުޢޫދީ ޢަރަބިއްޔާއަކީ ސުންނީންގެ ތެރެއިން ވައްހާބީން ގިނަ ޤައުމެކެވެ. އެ ޤައުމުގެ 85 ނުވަތަ 90 އިންސައްތައަށް ނިސްބަތްވާ 20 މިލިއަން މީހުންނަކީ ވައްހާބީންނެވެ. ސުޢޫދީ ޢަރަބިއްޔާގައި ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްނޫނެވެ. އެއީ ރަސޫލާގެ ޢީދުމީލާދު ދުވަސްކަމަށްބަލައިގެން ، އެޤައުމުގައި އެދުވަސް ފާހަގައެއް ނުކުރެވެއެވެ.
ރާއްޖޭގައި މައުލޫދުކިޔުންވަނީ ހުއްޓުވުފިއެވެ. ބިދުޢައެއްކަމަށް ބަލައިގެންނެވެ. މައުލޫދަކީ ކޮބައި ހެއްޔެވެ ؟ ދިވެހިބަހުގައި މައުލޫދަކީ ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ނިސްބަތްކޮށް ، ޅެމުން ނުވަތަ ވަކިޚާއްޞަ ޢިބާރާތްތަކަކުން އެކުލަވައިލާފައިވާ ސީރަތެވެ. 12 ދުވަހުގެ ރޭ ދިވެހިން ޢާންމުކޮށް ކިޔާ މައުލޫދުތަކަކީ ، އަޙްސަނުލްޢިބަރު އާއި ބަރުޒަންޖީ މައުލޫދާއި ، ޝައްރަފުލްއަނާމް އަދި ޝުބްޙާނަ މައުލޫދު އަދި ތާނަ މައުލޫދުފަދަ މައުލޫދު ތަކެވެ.
ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ޞަލަވާތްކިޔެވުމަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާވަނީ އެންމެހައި މުއުމިނުންގެ މައްޗަށް އަމުރު ކުރައްވާފައެވެ. މަލާއިކަތްބޭކަލުންވެސް އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ވިދާޅުވާކަމަށް އަންގަވާފައި ވެއެވެ. އަދި މުއުމިނުތަކުން ، އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްކިޔަވައި ސަލާމްލެއްވުންއެދި ގިނަގިނައިން ދުޢާކުރުމަށް ﷲ ތަޢާލާވަނީ އަންގަވާފައެވެ. އެހެންކަމުން ، އެކަނި ނަމަވެސް ، ނުވަތަ ޖަމާޢަތް ހަދައިގެން ކަމަށްވިޔަސް ، ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔަވައި ސަލާމްލެއްވުންއެދި ދުޢާކުރުމަކީ ، 12 ދުވަހުވެސް އަދި އެނޫން ދުވަސްތަކުގައިވެސް އެކަން ކުރުމަށް މުއުމިނުންނަށް އަންގަވާފައިވާ ކަމެކެވެ. އެއީ ، އެކަލާނގެ އަމުރުކުރައްވާފައިވާ ކަމެކެވެ.
މިއަދު ، ދިވެހިރާއްޖެއިން މިފެންނަނީ އެމަންޒަރެވެ. ޢާއިލާމީހުން ނުވަތަ އެކުވެރިންނާއި ތިމާގެމީހުން ، 12 ދުވަހު ޖަމާޢަތް ހަދައި ، ޞަލަވާތް ކިޔެވުމަށްފަހު ޖަމާޢަތުގައި ކެއުމަށް އިންސާފުކުރާ މަންޒަރެވެ. ނުވަތަ ބައެއް ގޭގޭގައި ޞަލަވާތް ނުކިޔެވިނަމަވެސް ، 12 ދުވަހުގެ މަތިވެރިކަމުން އެދުވަސް ޚާއްޞަކުރެވިގެން ، ކައްކައި ޖަމާޢަތުގައި ކައިހަދާ މަންޒަރެވެ.
މުއިމިނާ އަށް ދަންނަވަން. "ޝާފިޢީ މަޛުހަބުގައި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރަނީ ރަބީޢުލްއައްވަލްމަހުގެ ބާރަވަނަ ދުވަހުއެވެ." މިއިބާރާތުގެ މާނައަކީ ކޮބައިތޯ؟ މިއިބާރާތުން ސަރީޙަކޮށް އެބަ އެނގޭ ޝާފިޢީ ގެފާނު އިސްތަށިފުޅުގައި އެކަން އަޅުވާފައޮތްކޮން. ރާއްޖޭގައި ޝާފިޢި މަޒުހަބު އޮތުމަކީ ދިވެހިން ދީނީ ގޮތުން ކުރާ ހުރިހާ ކަމެއް ޝާފިޢީގެފާނާއި ގުޅުވޭނެ ޙުއްޖަތެއް ނޫން. ދެން ކޮބައިތޯ ބަދު ދުޢާ ކޮށްފަ؟ ނޫނީ ޙައްޤު ނޫން އިލްޒާމެއް އަޅުވާފަ. މިބުނަނީ އެމީހަކު (ކުރާ ކަމަކަށް ނުވަތަ) ލިޔާ ލިޔުމަކަށް އެމީހަކު ޒިންމާ ވާން ޖެހޭނެއޭ. އޭގެން މާނަކުރޭ ހެޔޮ އެއްޗެއް ލިޔަފައި އޮތިއްޔާ އޭގެ ސަވާބުވެސް އެމީހަކަށް ލިބޭނޭކަމަށް. އަދިވެސް ބުނާނީ ޝާފިޢީ ގެފާނުގެ ސީރަތު އުނގެނި ދަސްކުރުމަށްފަހު ލިއުއްވުން އެދެމޭ. ހަރިކަށި ފިކުރޭ ބުނުމުގެ ކުރިން މުއުމިނާވެސް ޝާފިޢީ ގެފާނާއި ރަސޫލު (ޞ) ގެ ޢީދުމީލާދާއި ގުޅޭގޮތެއް ހެއްކާއެކި ހުށައަޅުއްވާ. އޭރުން އަޅުގަނޑުވެސް ގަބޫލުކުރާނަން.
ތިޔަ ބުނަނީ ޝާފިޢީ ގެފާނު އެދުވަސް ފާހަގަކުރެއްވި ކަމަށްތަ؟ ރަނގަޅު މައުލޫމާތު ހޯދައިގެން ލިޔުން އެދެން. ތިބާއަށް މި ލިއުމަށް ޒިންމާ ވާންޖެހޭނެ އާޚިރަތް ދުވަހުންވެސް
މިއީ ، މާލޫދު ކިޔުމާ ދެކޮޅު މީހުންނާ ދެކޮޅު ލިޔުމެއްނޫން. އަދި މާލޫދު ކިޔުމަށް ބުރަވާ ބަޔަކާ އެއްކޮޅު ލިޔުމެއްކަމަކަށްވެސް މަށަކަށް ނުފެނޭ. ޝާފިޢީގެފާނު ، ރަސޫލާގެ ޢީދުމީލާދު ފާހަގަކުރެއްވިކަމަށް ، މިލިޔުމުގެ އެއްވެސް ތަނަކުން ފެންނާކަށެއްނެތް. މިއީ ، ރާއްޖެއާއި އިސްލާމީ ތާރީޚުން ފެންނަންހުރި ހެކިތަކެއް ހާމަ ކޮށްފައިވާ ކުރު ލިޔުމެއްކަމަށް އަހުރެންނަށް ފެންނަނީ. އެނގި އިތުރުވެ ، ހަރުކަށި ފިކުރުގައި މަގުއޮޅި ، މުޖުތަމަޢު ފަސާދަކޮށް ، ފަންނުވެރިންގެ މައްޗަށް ބަދު ދުޢާކޮށް ، ޙައްޤުނޫން އިލްޒާމް އެޅުވުމަކީ އާޚިރަތްދުވަހުން ތިބާ ޖަވާބުދާރީވާންޖެހޭނެކަމެއް ނޫންތަ ؟