ކުއްލި ނުރައްކަލުގެ ޙާލަތު ނިމޭއިރަށް މަޖިލީހުގެ ޖަލްސާތައް ފަށާނެ- ނިހާން

ސަރުކާރުން މިހާރު އިއުލާން ކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތު ހަމަވުމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިޔަށްދާނެ ކަމަށް ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ޓީވީއެމްގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް އަލުން ފެށުމާއެކު އެޖެންޑާގައި ހުރި ކަންކަން ކުރިޔަށް ގެންގޮސް ނިންމަވާނެ ކަމަށެވެ.  ނިހާން ވިދާޅުވީ ރައްޔިތުންގެ މަޖިލިސް މިއަހަރު ނުހުޅުވި ލަސްވެގެންވެސް ދިޔައީ އިދިކޮޅު މީހުން ގެންނަން އުޅުނު ''ބަޣާވާތްފުޅު'' ގެ ސަބަބުން ކަމަށެވެ. ނިހާން ވިދާޅުވީ އެކަމުން ސަލާމަތް ވުމަށްޓަކައި ވަގުތު ބޭނުންވީ ކަމަށެވެ.

ނިހާން ވިދާޅުވީ މެމްބަރު ކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަނުން ކޮމިޝަނުން ކުރިން ނިންމެވި މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ޙުކުމް ކުރުމާއެކު ''ގޮނޑިއާމެދު ގޮތެއް ނުނިމި ތިބި މެމްބަރުން'' މިހާރު މަޖިލީހަށް ވަދެވަޑައިގަންނަވަން އުޅުއްވީ މަންޒަރެއް ދައްކަވަން ކަމަށެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރު އަދި ހުޅުވާފައި ނުވާއިރު މަޖިލީހުގެ ޖަލްސާތައް އަވަހަށް ފެށުމަށް އިދިކޮޅު މެމްބަރުން ވަނީ ގޮވާލައްވާފައެވެ. ސުޕްރީމް ކޯޓުގެ ޙުކުމަށް ފަހު އިދިކޮޅު މެމްބަރުން މަޖިލީހަށް ވަދެވަޑައިގަންނަވަންވެސް އުޅުއްވި އެވެ. ނަމަވެސް ސިފައިން ގޮސް އެ މެމްބަރުން ވަނުމަށް ވަނީ ހުރަސް އަޅާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.