މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގައި އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ "އެއްލައްކަ ގަސް" ޕްރޮގްރާމްގެ ދަށުން "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި އައުޓްލެޓެއް ހުޅުވައިފިއެވެ.
އިއްޔެ ހަވީރު ބޭއްވި މި ހަފްލާގައި ހުޅުމާލެ "މާލެ ފެހި" ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ހުޅުވިގެން ދިޔައީ "މާލެ ފެހި" އައުޓްލެޓް ގެ ދެވަނަ އައުޓްލެޓް ކަމަށްވާއިރު، މީގެ ކުރިން ވަނީ މާލޭގައި މިފަދަ އައުޓްލެޓެއް ހުޅުވާފައެވެ. މި ނާސަރީ އައުޓްލެޓް ތަކުން އާންމުފަރާތްތަކަށްވެސް ގަހާއި ގަސްކާނާ ގަތުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.
"މާލެ ފެހި" ހުޅުވައިދެއްވުމަށްފަހު މޭޔަރ މުޢިއްޒު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މިއީ މާލެ ސިޓީ ގައި ހުރި މިފަދަ އެންމެބޮޑު ނާސަރީ ކަމަށާއި، އެކިކުލަކުލައިގެ އެކި ވައްތަރުގެ ބޯގަންވިލާ ގަސްތަކާއި އެނޫންވެސް ގިނަ ބާވަތްތަކުގެ ގަސްތަކެއް މިއަދު ހުޅުވިގެން ދިޔަ ނާސަރީގައި ލިބެން ހުންނާނެކަމަށެވެ. މީގެ އިތުރުން މި ނާސަރީއިން ކަދުރު ރުއްވެސް ގަންނަން ލިބެންހުރިކަން މޭޔަރ ފާހަގަކުރެއްވިއެވެ.
"މާލެފެހި" ހުޅުމާލެ އައުޓްލެޓްގެ ޚާއްޞަ ކަމެއްގެ ގޮތުގައި މޭޔަރ ވަނީ އެތަނުގައި ޤާއިމްކުރެވުނު "ބަޓަފްލައި ގާޑްން" އާއިބެހޭ މަޢުލޫމާތުވެސް ހިއްސާ ކުރައްވާފައެވެ. އެގޮތުން އެ ބަގީޗާގައި ކުރިއަށްއޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ޚާއްސަ ގަސްތައް އެ ބަގީޗާގައި ހުންނާނެކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާސް ކޮކާ އެ ބަގީޗާގައި އުޅޭނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މި އައުޓްލެޓްގެ ސަބަބުން އެކި ވައްތަރުގެ ގަސްގަހާގެހި ބޭނުންވާ ފަރާތްތަކަށް ވަރަށްބޮޑު އުފަލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވޭ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މޭޔަރ ވިދާޅުވީ މިއީ މާލެސިޓީގެ އެއްލައްކަ ގަސް ޕްރޮގްރާމްގެ ތެރެއިން ކުރިއަށްދާ ކަމެއް ކަމަށާއި، މިއީ މާލޭގައި ދިރިއުޅޭ އަދި ޖުމްލަކޮށް އެތަނަށް ޒިޔާރަތްކުރާ ހުރިހާ ފަރާތްތަކަށް ދެވޭ ވަރަށް މުހިންމު ޚިދުމަތެއްކަމަށެވެ.
ކަދުރު ރުއްތަކާއި ގުޅިގެން މޭޔަރ ވިދާޅުވީ ކަދުރު ރުކަކީ މިހާރު ކައުންސިލަށް ވަރަށް ބޮޑު ޑިމާންޑެއްއޮތް ކަމެއް ކަމަށާއި، ކައުންސިލްގެ ނާސަރީއިން ކަދުރުރުއްވެސް ގަންނަން ލިބިގެންދާނެ ކަމަށެވެ.
މީގެއިތުރުން ބަގީޗާ ހައްދާފަރާތްތަކަށް ބޭނުންކުރެވޭނެހެން އުކާލެވޭ ލަކުޑިން ހަދާފައިވާ ބައެއް ތަކެތި މި ނާސަރީ އައުޓްލެޓުން ލިބިގެންދާނެއެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވުނު މި އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން ހުންނަ ގޯޅިތެރޭގައެވެ.
މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ 2.6 ގައިވާ ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން ކަމާ ބެހޭ ފަންނީ ފަރާތް ތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއި އެއްގޮތަށް އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން ކުރިއަށްދާ މަޝްރޫޢުއެކެވެ.