ޕީއެންސީގެ ވެރިކަމެއްގައި ކައުންސިލުތަކަށް ޚާއްސަ މިނިސްޓްރީއެއް ހެދުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކެމްޕެއިން ކުރެއްވުމަށް ކުރައްވާ ދަތުރުގެ ތެރެއިން ހދ. ނޮޅިވަރަމްފަރަށް ވަޑައިގެންކުރިއަށް ގެންދިޔަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ތެރެއިން ވެސް ކައުންސިލްތަކަށް ރަނގަޅު މިންވަރެއްގެ ފަންޑުތަކުގެ ފުރުސަތުތައް ކަނޑައެޅިފައި އޮންނަން ޖެހޭ ކަމަށާއި ދައުލަތުގެ ބަޖެޓުން ކަނޑައަޅާފައި މިހާރުއޮންނަ ގްރާންޓަކީ ކައުންސިލްތަކަށް އެންމެ އެކަށޭނަ ފަންޑެއް ނޫން ކަމަށެވެ.
މީގެ އިތުރުން ސިފައިންނާއި ފުލުހުންގެ މުސާރަ ދެ ގުނަ ބޮޑު ކުރައްވާނެ ކަމަށާއި އެކަމަކު ބަދަލުތަކެއް ގެންނަން ނިންމާފައި ވަނީ އެ ދެ މުވައްސަސާއަށް އެކަނި ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އެގޮތުން ސިވިލް ސަރވިސް އާއި ޔުނިފޯމް އެޅި އެހެން އިދާރާތަކާއި މިނިވަން މުވައްސަސާތައް ވެސް ހިމެނޭ ގޮތަށް މުސާރަ އާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެެނެސްދެއްވާނެ ކަމަށާއި އެކަން ކުރައްވާނީ އިގުތިސާދު ނަގާ ކޮޅަށް ޖެހުމަށްފަހު މަރުހަލާތަކަށް ބަހާލައިގެން ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ މި މަހުގެ 30ގައެވެ. ވާދަކުރައްވަނީ ފުރަތަމަ ބުރުގައި އެންމެ ގިނައިން ވޯޓު ހޯއްދެވި ރައީސް ސާލިހާއި ދެވަނައަށް އެންމެގިނަ ވޯޓު ހޯއްދެވި މުއިއްޒެވެ.
ކައުންސިލްތައް އުވާލާ ނޫނީ ބާރު ކަނޑުވާލަން ގޮތެއް ތިޔީ ހަދަން އުޅެނީ....