ދަރިވަރުންގެ އައިޑީ ހޯދަންގުޅާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ދަރިވަރުންގެ އައިޑީ ހޯދަންގުޅާތީ ސަމާލުވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން އިލްތިމާސްކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ރިޔާސީ އިންތިޚާބާ ދިމާކޮށް، ސްކޫލް ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދަން ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.

ސްކޫލް ދަރިވަރުންގެ އައިޑީކާޑު ކޮޕީ ހޯދުމަށް ގުޅަނީ ސަރވޭ އެއް ކުރުމުގެ ނަމުގައިކަމަށާއި ނަމަވެސް އައިޑީކާޑު ފަދަ ރަސްމީ ޑޮކިއުމަންތެއްގައި ހިމެނޭ ޒާތީ މަޢުލޫމާތުތަކަކީ އެކި ސްކޭމްތައް ހިންގުމާއި، އައިޑެންޓިޓީ ތެފްޓު ފަދަ އެނޫންވެސް ކުށްތަކަށް އަރައިގަތުމަށް ބޭނުންކޮށްފާނެ މަޢުލޫމާތު ހިމެނޭ ޑޮކިއުމަންޓަކަށްވާތީ، އެފަދަ ތަކެތި ހިއްސާނުކުރުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

އައިޑީ ކާޑުގެ ކޮޕީ ހޯދަން ފޯނުން ގުޅައި މެސެޖުކޮށް ހަދަނީ، ސެކްންޑަރީ ސްކޫލް ދަރިވަރުންނަށް ޢަމާޒުކޮށްގެންނެވެ.

ސްކޫލް ކުދިންގެ އައިޑީކާޑުގެ ކޮޕީ ހޯދަން ގުޅާކަމުގެ ޝަކުވާ އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ލިބިފައިވާތީ، އެކަން ސްކޫލްތަކުގެ ސަމާލުކަމަށްވެސް ގެނެސްފައިވާކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ދަރިވަރުންގެ އައިޑީކާޑުގެ ކޮޕީ ހޯދުމަށް ގުޅާ މައްސަލަތަކެއް ފެންމަތިވެ ބެލެނިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.