ފަލްސަފާ (14)

(10 ސެޕްޓެމްބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ބައްޕާއެވެ ! އެހެންކަމަށްވިޔަސް ، އަހަރެން އެ ކައިވެނިކުރާކަށް ބޭނުމެއްނޫނެވެ. ކައިވެންޏަކާމެދު އަހަރެންނެއް އަދި ނުވިސްނަމެވެ. އަދި އަމްދުން ، އެހާ ކުއްލި ގޮތަކަށް އެކަހަލަ ކަމެއް ކުރާކަށް އަހަރެން ތައްޔާރެއްނޫނެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާގެ ކަންބޮޑުވުމަށް ޖަވާބުދިނީ ސާޖިދާއެވެ. ކައިވެންޏަކާމެދު ، ކުރިން ނުވިސްނިޔަސް މިހާރު ވިސްނާށޭ ބުނެއެވެ. ތަހުނިޔާއަށް  މިހާރު 22 އަހަރު ފުރެނީއެވެ. މިހާރު އެހުރީ ފިރިފުރާވަރަށް އަޅާފައެވެ. ސާޖިދާގެ ވާހަކަ ޢާޞިފް ހުއްޓުވިއެވެ. އަދި ތަހުނިޔާ ވާހަކަ ދައްކަން އޭނާއަށް ފުރުޞަތުދޭން ، ސާޖިދާގެ ކިބައިން އެދުނެވެ.

" ޚާއްޞަކޮށް ، މުރުތަޟާއާ ކައިވެނިކުރާކަށް އަހަރެން ބޭނުމެއްނޫނެވެ. އެއީ ، އެއްވެސް ޙާލެއްގައި އަހަރެން ކުރާނެކަމެއް ނޫނެވެ. މުރުތަޟާއާއި ނޫރުލްޢައިނަކީ ، އެކަކު އަނެކަކަށް އިންތިހާއަށް ލޯބިވާ ދެމީހުންނެވެ. ނޫރުލްޢައިނުގެ ރަޙުމަތްތެރިޔަކަށްވެ ހުރެ ، އެދެމީހުންގެ ދެމެދަށް ވަންނާކަށް އަހަރެން ބޭނުމެއްނޫނެވެ. " ތަހުނިޔާ ބުންޏެވެ.

ތަހުނިޔާ ، އިތުރު ވާހަކައެއް ބުނަން ބޭނުންތޯ ޢާޞިފް ސުއާލު ކުރިއެވެ. ސާޖިދާ އިނީ ކަންބޮޑުވެފައެވެ. ތަހުނިޔާ އިތުރަށް އެވާހަކަ ދައްކަން ފުރުޞަތު ނުދިނުމަށް ސާޖިދާގެ ލޮލުން ޢާޞިފަށް ޢިޝާރާތް ކުރިއެވެ.

" ބައްޕާއެވެ ! އަހަރެންވެސް ، އަހަރެންގެ ދިރިއުޅުމަށްޓަކައި ކަމެއްކުރަން ބޭނުމެވެ. އަމިއްލަ މަސައްކަތެއް ކޮށްގެން އަހަރެންގެ އަމިއްލަ ފައިމައްޗަށް ތެދުވަން ބޭނުމެވެ. މީހެއްގެ އަނތްބަކަށްވެގެން ، ގޭގައި އިންނާކަށް އަހަރެން އަދި ބޭނުމެއްނޫނެވެ. އެއީ މިޒަމާނުގައި ކިޔަވައިގެންތިބޭ އަންހެންކުދިންގެ ވިސްނުމާއި ފިކުރާ ޚިލާފު ކަމެކެވެ. ފިރިމީހާ ދިނީމަ ކައިގެން ، ފިރިމީހާ ދަށުވެގެން އުޅުމަކީ ، މިޒަމާނުގެ ކުދިންގެ ގޮތެއްނޫނެވެ. އަހަރެން ކިޔެވީ ވަރަށް ބުރަ މަސައްކަތް ކޮށްގެންނެވެ. އަހަރެންނަށް ލިބުނު ތަޢުލީމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ ؟ އަހަރެން ، ނެތް ހިތްވަރުލާފައި ކިޔެވީ މީހަކަށް ވުމަށެވެ. މަޤްޞަދެއް އޮވެގެންނެވެ. " ތަހުނިޔާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ސާޖިދާއަކަށް އެހިސާބުން ، ހިމޭނަކުން ނީނދެވުނެވެ. ޢާޞިފަށް ގޮވާލާފައި ބުންޏެވެ. ރަނގަޅަށް ވިސްނާށެވެ ! މިކުއްޖާ އެ ވާހަކަ ދައްކަނީ ހަމަ ، ނޫރުލްޢައިނުގެ ބަހުރުވައިންނެވެ. ނޫރުލްޢައިނުގެ ވިސްނުމާއި ފިކުރުންނެވެ. ކުޑައިރުއްސުރެ ، ތަހުނިޠާއަށް އަންނަމުންދާ ބަދަލުތައް ސާޖިދާއަށް ފާހަގަ ކުރެވެމުންދާ ކަމުގައި އޭނާ ބުންޏެވެ. ނޫރުލްޢައިނު އެހުރީ ތަހުނިޔާގެ ސިކުނޑި ވަރަށް ރަނގަޅަށް ދޮވެލާފައެވެ. އޭނާއާ އެއްވިސްނުމަކަށް ބަދަލު ކޮށްފައެވެ. އަހިވަކާޖެހި އަހިވަށް ފާވޭ ނޫންހެއްޔެވެ ؟ ނޫރުލްޢައިނު ، އަހަރެމެންގެ ދަރިފުޅުގެ ދުވަސް ދުއްވާލައިފިއެވެ. މީގެ ކުރިން ، ތަހުނިޔާއަކީ ، އަހަރެމެންގެ ބަސް އަހާ ބަސްމަދު ކުއްޖެކެވެ. މިހާރު ނިކަން ބަލައިލަ ބަލާށެވެ ! އަހަރެމެންގެ ނިންމުންތަކާ ދެކޮޅު ހަދައި އަހަރެމެންގެ މޫނުމަތީ ޖަދަލުކުރަން ފެށީއެވެ.

ސާޖިދާ އެތާ ބައިންދައިގެން އޭނާގެ ދަރިފުޅާ ރަނގަޅަށް ވާހަކަ ނުދެއްކޭނެކަން ޢާޞިފަށް އެނގެއެވެ. ސާޖިދާ އެތަނުން ފޮނުވައިލާނެ ގޮތަކާމެދު ، ޢާޞިފް ވިސްނައިލިއެވެ. ޢާޞިފަށް ރަނގަޅު ވިސްނުމެއް އަތުވެއްޖެއެވެ. އެ ދެބަފައިންނަށް މީރު ، ދެތަށި ސައި ހަދައިގެން ގެނެސްދޭށޭ ބުނެ ، ގަދަކަމުން އެތަނުން ސާޖިދާ ފޮނުވައިލިއެވެ. އަދި ، ޢާޞިފްގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

" ތަހުނިޔާއެވެ ! ބައްޕަ މިދައްކާ ވާހަކަ ނިކަން ރަނގަޅަށް އަޑުއަހާށެވެ ! ދިރިއުޅުމަށް ގުޅުންތައް އިޚުތިޔާރު ކުރުމަކީ އިންސާނާގެ ކަމެކެވެ. އެހެންނަމަވެސް ، މަތިން ނިންމަވައި ތަޤްދީރު ކުރައްވާ ކަންތައްތަކެއްވެސް ހުރެއެވެ. ތިދެއްކީ ރަނގަޅު ވާހަކައެއް ކަމަށްވަންޏާ ، ނޫރުލްޢައިނު އެ ކައިވެންޏަށް އިންކާރެއް ނުކުރާނެއެވެ. އަދި ޙަފުޞާ އައިސް ދަރިފުޅުގެ އިނގިލީގައި ކައިވެނީގެ އަގޮނޓިއެއް ނޭޅުވީހެވެ. ލޯބީގެ މަޤްޞަދަށް ބަލާކަމަށް ވަންޏާ ، މުރުތަޟާއާއި ނޫރުލްޢައިނު ވަކިވުމަކީ ، ވެދާނެކަމެއްނޫނެވެ. އެދެމީހުން ޙަޤީޤީ ލޯތްބެއްގައި ދެމިތިބިނަމަ ، ވަކިވާކަށް ފުރުޞަތެއް ނޯންނާނެއެވެ. ދެމީހުންވެސް އެ ލޯތްބަށް އިޙްތިރާމް ކުރީހެވެ. ދުނިޔޭގެ ވިސްނުމާއި ފިކުރަށް އެމީހުންގެ ވިސްނުން ދީލައެއް ނުލާނެއެވެ. އެދެމީހުން އެ ވަކިވީ ދެމީހުން ބޭނުން ވެގެންނެވެ. އެމީހުންނަށް އެއްވެސް މީހަކު މަޖުބޫރެއް ނުކުރޭ ނޫން ހެއްޔެވެ ؟ " ޢާޞިފު އޭނާގެ ދަރިފުޅަށް ވިސްނައިދެމުން ގެންދިޔައެވެ.

ތަހުނިޔާއަކަށް ، ބައްޕަގެ ވާހަކަޔަކާ އެއްބަހެއް ނުވެވުނެވެ. އެދެމީހުންކުރެ އެކަކުވެސް ވަކިވާން ބޭނުންނުވާ ވާހަކަ ތަހުނިޔާ ބުންޏެވެ. އެކަކު އަނެކަކު ދެކެ އެހާވަރަށް ލޯބި ވެއެވެ. އަދި ، އެކައިވެންޏަށް ނޫރުލްޢައިނު އިންކާރެއް ނުކުރެއެވެ. ނޫރު ، ހަމައެކަނި ބޭނުންވީ ވަގުތުކޮޅެއް ދިނުމަށެވެ.

" މުރުތަޟާ ހުރީ ނޫރުލްޢައިނަށް އެ ވަގުތު ދޭން ތައްޔާރަށް ހެއްޔެވެ ؟ " ޢާޞިފް ސުއާލު ކުރިއެވެ.

އެކަން ތަހުނިޔާއަކަށް ޔަޤީނެއް ނޫނެވެ. މުރުތަޟާއާ ބެހޭ އެއްވެސްކަމެއް ތަހުނިޔާއަކަށް ނޭނގެއެވެ. އޭނާއަށް އެނގެނީ ހަމައެކަނި ނޫރު ހުރިގޮތެވެ. އޭނާއަށް އަދި ވާހަކަ ދެއްކުނީ ހަމައެކަނި ނޫރު އާއެވެ.

" އެހެންކަމަށް ވަންޏާ ، ތަހުނިޔާވެސް ، ތަހުނިޔާގެ މައިންބަފައިންގެ ނިންމުމަށް އިޙްތިރާމް ކުރާށެވެ ! މުރުތަޟާއާއި ނޫރުލްޢައިނަށް ވަގުތުކޮޅެއް ދޭށެވެ ! އެ ދެމީހުންގެ ލޯތްބަކީ ޙަޤީޤީ ލޯތްބެއްކަމަށް ވަންޏާ ދެމީހުން ކޮންމެވެސް ގޮތެއް ހޯދާނެއެވެ. އެ ދެމީހުން ވާހަކަ ދައްކައިގެން އެކަން ޙައްލުކުރުމަށް ފުރުޞަތު ދޭށެވެ ! އެހެންނޫނީ ، އެއީ ﷲ މިންވަރު ކުރެއްވިގޮތް ކަމަށް ބަލައި ، އަހަރެމެންގެ ނިންމުން ޤަބޫލުކުރާށެވެ ! އަދި ، މުރުތަޟާފަދަ ރަނގަޅު ފިރިޔަކު ތަހުނިޔާގެ ނަޞީބުގައި ލިޔެވުނީ ކަމަށް ބަލައި އެކަމަށް ﷲ އަށް ޝުކުރު ކުރާށެވެ ! " ޢާޞިފް ބުންޏެވެ.

" ދެން އޮތީ ދަރިފުޅުގެ ޢިލްމީ ޤާބިލްކަމާއި ހުނަރުގެ ވާހަކައެވެ. ދަރިފުޅު ތި އުއްމީދުކުރާ ވަޒީފާ އަކާއި އުއްމީދުކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި އެހީތެރިވުމަށް ބައްޕަމެން ތިބޭނީ ދަރިފުޅާ އެކީގައެވެ. އެއިން އެއްވެސް ކަމަކަށް މުރުތަޟާގެ ފަރާތުން ހުރަސް އެޅޭނަމަ ، ބައްޕަ ، މުރުތަޟާއާ ވާހަކަ ދައްކައިގެން އެކަންކަން ޙައްލު ކޮށްދޭނަމެވެ. އެކަންކަމަށް މުރުތަޟާވެސް އެހީތެރިވާނެއެވެ. ދަރިފުޅު ކުރަން ބޭނުންވާ އެއްވެސް ކަމަކަށް މުރުތަޟާ ހުރަހެއް ނާޅާނެއެވެ. ދަރިފުޅު އެކަނިހުރިކަމަށް ނުބަލާށެވެ ! ދިރިއުޅުމެއްގައި ޝާމިލްވާ ދެމީހުންނަކީ އެކަކު އަނެކަކަށް އެހީތެރިވާން ވަޢުދުވެގެން އެއްކަމެއްކުރަން ބައިވެރިވާ ދެމީހެކެވެ. ދަރިފުޅުގެ ނަޞީބު ރަނގަޅުވާނެކަން ބައްޕަޔަށް ޔަޤީނެވެ." ޢާޞިފް އޭނާގެ ވާހަކަ ނިންމައިލިއެވެ.

ތަހުނިޔާއާއި ޢާޞިފްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ، ސައިތަށި ހިފައިގެން ސާޖިދާވެސް  އަތުވެއްޖެއެވެ.

މިރޭ ، ޙަފުޞާ އެގެޔަށް އެ އަންނަނީ ، ތަހުނިޔާގެ ވާންއުޅޭ މައިދައިތައިގެ ގޮތުގައެވެ. އެމީހުންނަށް ވަރަށް ފުރިހަމަޔަށް މެހެމާންދާރީ އަދާކުރުމަށް ޢާޞިފް އެދުނެވެ. އެމީހުން ހިތްހަމަ ނުޖެހޭނެ އެއްވެސްކަމެއް ކޮށްގެން ނުވާނެކަމަށް ޢާޞިފް ބުންޏެވެ. ސާޖިދާގެ ކަމަކީ އެ ދެބަފައިން ނިންމާގޮތަކަށް ހުރިހާކަމެއް ފުރިހަމަ ކުރުމެވެ. އެކަމުގައި މީހަކު ޝަކުވާ ކުރާނެ ޖާގައެއް ސާޖިދާގެ ފަރާތަކުން ނުދޭނެއެވެ. އެއީ ، ސާޖިދާ އެދިގެން ކުރެވޭ ކައިވެންޏެކެވެ. ސާޖިދާގެ ޖާނު އެކަމަށް ދުއްވައިލުމަށްވެސް އޭނާހުރީ ތައްޔާރަށެވެ. މުރުތަޟާވެސް މިރޭގެ ކެއުމަށް އެގެޔަށް އަންނާނެއެވެ. މުރުތަޟާއަށް ރަނގަޅުވާނީ ކޮންކޮން ބާވަތެއްގެ ކެއުމެއްތޯ ، ތަހުނިޔާކުރެން ސާޖިދާ ސުއާލު ކުރިއެވެ.

ސާޖިދާގެ ސުއާލަށް ތަހުނިޔާ ޖަވާބެއް ނުދެއެވެ. ނުރުހުމުގެ ލޮލަކުން މަންމަޔާ ދިމާއަށް ބަލައިލުމަށްފަހު ، ތަހުނިޔާ ތެދުވެގެން ކޮޓަރިއަށް ދިޔައެވެ. ކުރީރޭވެސް އޭނާއަކަށް ރަނގަޅަކަށް ނުނިދެއެވެ. އޭނާ އެދަނީ ނިދަން ކަމުގައި ބުންޏެވެ.

ސައިތަށި ބޯލައިގެން ދިޔައިމަ ފަސޭހައިން ނިދާލެވޭނެ ކަމަށާއި ، ބައްޕަމެންނާއެކީ ސައި ބޮއިލައިގެން ދާން ޢާޞިފް އެދުނެވެ. އެހެންނަމަވެސް ، އެވާހަކަޔަކަށް ތަހުނިޔާ ސަމާލުކަމެއް ނުދެއެވެ.

ތަހުނިޔާ އެ ކައިވެންޏަށް އެއްބަސްވިތޯ ސާޖިދާ ސުއާލު ކުރިއެވެ. ތަހުނިޔާ އެކަމަށް އެއްބަސްވާނެކަމަށް ޢާޞިފް ބުންޏެވެ. އޭނާއަށް އޭނާގެ ދަރިފުޅު ރަނގަޅަށް އެނގެއެވެ. ހިތާ ދެކޮޅަށް ނަމަވެސް ، އެކަމަށް ތަހުނިޔާ އެއްބަސްވާނެކަމުގެ ޔަޤީންކަން ޢާޞިފަށް ލިބުނެވެ.

 

ޙަފުޞާއާއި ޠާހިރާއާ ދެމައިން ، ބާޒާރަށްގޮސް ތަހުނިޔާއަށް ހަދިޔާ ގަންނަމުން ދިޔައެވެ. ނޫރުލްޢައިނަށް ހަދިޔާ ގަންނަމުންދިޔައިރު ، ޙަފުޞާގެ ހިތުގައި އުފެދުނު ހާސްކަމެއް މިހާރަކު ނެތެވެ. ޙަފުޞާ އެގަންނަ އެއްޗަކަށް ނޫރުލްޢައިނު ހިތްހަމަ ނުޖެހިދާނެތީ ހިތުގައި އޮތީ ސުއާލު އުފެދިފައެވެ. ކިހާބޮޑު ތަފާތެއް ހެއްޔެވެ ؟ ޙަފުޞާ މިހާރު އެ ގަންނަމުންދާ ހަދިޔާއަކީ ، އުފަލާއެކު ތަހުނިޔާ ބަލައިގަންނާނެ އެއްޗެތިކަމަށް ޙަފުޞާގެ ހިތް ބުނެއެވެ. މަންމަގެ ހިތުގައި ނޫރުލްޢައިނުގެ މައްޗަށް އެހާބޮޑު ނަފުރަތެއް އުފެދިގެން އެއުޅޭގޮތެއް ޠާހިރާއަކަށް ނުވިސްނުނެވެ. ނޫރުލްޢައިނު ދެކެ އެއަންނަނީ އަމަށަކު ރުޅިއެއްނޫނެވެ. އެއީ ހަމަ ، ނޫރުލްޢައިނުގެ މައްޗަށް މަންމަގެ ބަސް ނުވިކިގެން ހެއްޔެވެ ؟ ޠާހިރާއަށް ވާނީ ކިހިނެއް ހެއްޔެވެ ؟ އެއީވެސް ހަމަ ، ނޫރުލްޢައިނު ފަދައިން ކިޔަވައިގެންހުރި މިޒަމާނުގެ ވިސްނުމުގެ ކުއްޖެކެވެ. މިހުރިހާ ކަންތައްތަކެއް ހިތަށްވަދެ ކަންބޮޑުވެފައިހުރެ ، މަންމަގެ ފަހަތުން ޠާހިރާވެސް މުގޯލި އަޅަމުން ގެންދިޔައެވެ. މަންމަ ބުނާހާ އެއްޗަކަށް އާނއެކޭ ބުނަމުންނެވެ.

ބާޒާރުކޮށް ނިމުމުން ، ވަރަށް ހިތްވަރު ކޮށްފައި ޠާހިރާ ، އޭނާގެ ހިތުގައި އުފެދިފައިހުރި ހާސްކަން މަންމަޔާ ޙިއްޞާ ކުރިއެވެ. އޭނާ އެހުންނަނީ ވަރަށް ކަންބޮޑުވެފައެވެ. އެމީހުންގެ އެ ނިންމުމަކީ ، ރަނގަޅު ނިންމުމެއްތޯ މަންމައާ ސުއާލުކުރިއެވެ. މުރުތަޟާގެ މޫނުމަތިންވެސް ޠާހިރާއަށް އުފާވެރިކަމެއް ނުފެނެއެވެ. އޭގެ ބަދަލުގައި ޠާހިރާއަށް ފެންނަނީ ، މަންމަގެ އެ ނިންމުމާގުޅިގެން ، މުރުތަޟާގެ މޫނުމަތިން ފާޅުވާ ހިތްދަތިކަމާއި ހާސްކަމެވެ. ދެލޯމަރައިފާ ، އަވސް އަރުވާލާފައި ، މަންމަ އެނިންމި ނިންމުމާމެދު ޠާހިރާ އެހާ ހިތްހަމައެއް ނުޖެހެއެވެ.

ﷲ ތަޢާލާ ބައްލަވާ ވޮޑިގެންވަނީ އިންސާނާގެ ނިޔަތުގެ މައްޗަށެވެ. އެމީހުން އެއްވެސް މީހަކަށް ދެރަގޮތެއް ހަދާކަށް ނުވިސްނައެވެ. ހުރިހާކަމެއްވެސް ރަނގަޅުވާނެކަމަށާއި އެކަމާ ޠާހިރާ ކަންބޮޑު ނުވުމަށް ޙަފުޞާ ނަޞޭޙަތްތެރި ވިއެވެ. އެންމެފަހުން ، މަންމަ އެބުނީ ރަނގަޅު ވާހަކައެއްކަމަށް ޠާހިރާވެސް އެއްބަސްވިއެވެ.

ކުއްލިޔަކަށް ޠާހިރާ ހުއްޓި މަންމަގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. ކުރިމަތީހުރި ރެސްޓޯރެންޓްގައި އެތިބީ މުރުތަޟާއާއި ނޫރުލްޢައިނެވެ. އެމީހުން ތިބީ ، ވަރަށް ހަމަޖެހިލައިގެން ވާހަކަ ދައްކާށެވެ. އެތަން ފެނުމާއެކު ، ޙަފުޞާއަށް އެއީ ޤަބޫލުކުރަން އުނދަގޫ މަންޒަރަކަށް ވިއެވެ. ޙަފުޞާގާތަށް އައި ރުޅީގައި އެމީހުންނާ ދިމާއަށް ހިނގައިގަތެވެ. އެހެންނަމަވެސް ޠާހިރާ އެކަން ހުއްޓުވިއެވެ. ޠާހިރާގެ އަތް ފޮޅުވާލާފައި ޙަފުޞާ އެދިމާއަށް ހިނގައިގަތެވެ. އަނެއްކާވެސް ޠާހިރާ އޭނާގެ މަންމަގެ އަތުގައި ހިފައި އެތާނގައި އެއްވެސް ހައިޖާނެއް އުފެދޭނެކަމެއް ނުކުރުމަށް އާދޭސް ކޮށް ޙަފުޞާ ހުއްޓުވިއެވެ. ﷲ އަށްޓަކައި މަންމަ އިތުރުކަމެއް ނުކުރުމަށް އެދެމުން ގެންދިޔައެވެ. އެއީ އެމީހުންގެ ގޭގެ ކަމެކެވެ. އެކަމަށް މަންމަ ކުރަންވީކަމެއް ކުރާނީ ގޭތެރޭގައެވެ. އެތާނގައި އަޑުގަދަކޮށް ހެދުމުން ވެއްޓޭނީ އެމީހުންގެ އަގެވެ. މުރުތަޟާ ގެޔަށް އައިމަ އެކަމާ ބެހޭގޮތުން އޭނާއާ ސުއާލު ކުރާނީއެވެ.

ޙަފުޞާގާތަށް ބޮޑަށް ރުޅިއައީ ، އޮފީހުގައި މަސައްކަތް ކުރަން އޮތްކަމަށްބުނެ ، އޮފީހަށް ދަމުން ޙަފުޞާމެން ބާޒާރަށް ގެންގޮސްލާނެ ވަގުތުވެސް ނެތްކަމަށް ބުނެ މުރުތަޟާ އޭނާއަށް ދޮގު ހެދީމައެވެ. އޮފީހުގައި އެހާ ބުރަ މަސައްކަތްތަކެއް އޮވެގެން ، އެހެންކަމަކަށް ވަގުތު ދެވެން ނެތްމީހަކު އެއިނީ ނޫރުލްޢައިނު ގޮވައިގެން އައިސް ރެއްޓޯރެންޓްގައި މެންދުރު ކާށެވެ.

ޠާހިރާ އޭނާގެ މަންމަގެ އަތުގައި ހިފައި ދަމަމުން އެތަނުން ދުރަށް ގެންދިޔައެވެ. މުރުތަޟާމެންނަކަށް އެމީހުންނެއް ނުފެނެއެވެ. އެމީހުން ތިބީ އެއަށްވުރެ އޮލަ ވާހަކައެއްގައެވެ.

" އަހަރެން ބޭނުމީ ، މުރުތަޟާއާއެކު ހަމަޖެހިލައިގެން ވާހަކަ ދައްކައިލާށެވެ. މިއީ އަހަރެމެންގެ ދެމީހުންގެ ދިރިއުޅުމާ ގުޚުންހުރި ކަމެކެވެ. ވަރަށް މުހިންމު ނިންމުމެކެވެ. އަހަރެން ބޭނުމީ އަހަރެމެންގެ ދިރިއުޅުމާބެހޭ ހުރިހާކަމެއް ، ދެމީހުންނަށް އެއްބަސްވެވޭ ގޮތެއްގެ މަތިން ނިންމާށެވެ. " ނޫރު ބުންޏެވެ.

މުރުތަޟާ އެއިނީ ނޫރު ދައްކާ ވާހަކަ އަޑު އަހާށެވެ. ނޫރުގެ ހިތުގައިވާ އެއްޗެއް ހާމަކުރުމަށް މުރުތަޟާ އެދުނެވެ. ނޫރު ބުނަން އެއުޅެނީ ، އިންސާނާ ޖަޒުބާތުގައި ޖެހި ، އޭނާގެ ހިތުގައި އޮންނަ އިޙުސާސެއް ފާޅުކުރަން ނުކުޅެދޭ ކަމުގެ ވާހަކައެވެ. އަނެއްމީހާއާ ދޭތެރޭ ހިތުގައި އޮންނަ ގޮތެއް ބަޔާންކުރުމަށް ނުކުޅެދޭފަދަ ޙާލަތު މެދުވެރިވާ ވާހަކައެވެ. ދިރިއުޅުމުގައި މައްސަލަތައް އުފެދެނީ ދެމީހުންގެ ވިސްނުމާއި ފިކުރުގެ ތަފާތަށް އެކަކު އަނެކަކަށް އިޙްތިރާމް ނުކުރެވޭތީއެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.