ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވާފައިވާ ބައެއް މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފާހަގަކޮށްދެއްވައިފިއެވެ.
މި މަޝްރޫޢުތަކުގެ ނިމުން ރައީސުލްޖުމްހޫރިއްޔާ ފާހަގަކޮށްދެއްވީ އެމަނިކުފާނު ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުވަދު އަތޮޅުގައި ދިވެހި ޕާސްޕޯޓްގެ ޚިދުމަތް ރަސްމީގޮތުން ފަށްޓަވައިދެއްވާފައެވެ. ތިނަދޫ ބަނދަރު ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހުވަދު އަތޮޅުގައި މި ޚިދުމަތް ފުރަތަމަ ހޯދި ފަރާތަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަންގެ އޮފީސްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުޅުވައި، ޚިދުމަތްތައް ލާމަރުކަޒު ކުރުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ. އެގޮތުން މިހާތަނަށް އިމިގްރޭޝަންގެ ޚިދުމަތްތައް ރާއްޖޭގެ 7 ރަށަކުން ލިބެމުންދެއެވެ. ތިނަދޫގައި މި ޚިދުމަތް ފެށުމާއެކު މިހާރު ދިވެހި ޕާސްޕޯޓަށް އެދި އޮންލައިންކޮށް "އިމުގާ" މެދުވެރިކޮށް ހުށަހަޅައި، ޕާސްޕޯޓާއި ހަވާލުވުމަށް ތިނަދޫ އިޙްތިޔާރު ކުރެވޭނެއެވެ. ތިނަދޫ އިމިގްރޭޝަން އޮފީހުގެ ޚިދުމަތް ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8 އިން މެންދުރުފަހު 3 އަކަށް ލިބެން ހުންނާނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހާރު ތިނަދޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ ޑޮކްޓަރ ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގެ 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ. އޭރިއާއާއި، އެން.އައި.ސީ.ޔޫ. އަދި 2 ލޭބަ ސުއީޓްސް އާއި 4 ޕްރައިވެޓް ރޫމް ހިމެނޭ ލޭބަރ ރޫމް ވެސް ހުޅުއްވައިދެއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު މިއަދު ވަނީ ތިނަދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވާފައެވެ. ތިނަދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ. ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީއަކީ 5 މެގަވޮޓެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ތިނަދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 7.6 މެގަވޮޓެވެ.
އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި، ސަރުކާރުން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ޢުމުރާނީ ތަރައްޤީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފައެވެ. އަދި ފަޚުރުވެރި، އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެހެން މަގުފަހިކުރުމަށް ރާއްޖޭގެ ރަށްރަށުގެ ތަރައްޤީއަށް ސަރުކާރުން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.