
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން އިންތިޒާމްކޮށްގެން ބާއްވާ "ރިވެލި މަޢުރަޒު 2022" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހުޅުއްވައިދެއްވައިފި އެވެ.
އެކަމަނާ މި މަޢުރަޒު ހުޅުއްވައިދެއްވާފައި ވަނީ މިއަދު ހެނދުނު ދަރުބާރުގޭގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
މި މަޢުރަޒު ހުޅުއްވައި ދެއްވައި، މަޢުރަޒު ބައްލަވާލެއްވުމުގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވަނީ މަޢުރަޒުގައި އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއިންނާއި، ދަނޑުވެރިކަމާއި، ކާބޯތަކެތީގެ ދާއިރާއިން އުފެއްދުންތައް ބައިވެރިކުރެއްވި ފަރާތްތަކަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވާފަ އެވެ.
މި މަޢުރަޒަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައިވާ ހުނަރާއި، އުފެއްދުންތެރިކަން އާންމުކޮށް، މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުޤުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަޤްސަދުގައި ބާއްވާ މައުރަޒެކެވެ.
މި އަހަރުގެ މަޢުރަޒުގައި ބައިވެރިވި 95 ބައިވެރިން، އެފަރާތްތަކުގެ އުފެއްދުންތައް ހުށައަޅާފައި ވަނީ 5 ދާއިރާއަކުން ނެވެ.
އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާއާއި، ދަނޑުވެރިކަމުގެ ދާއިރާއާއި، ކާބޯތަކެތީގެ ދާއިރާއާއި، ކުރެހުމުގެ ދާއިރާއާއި، އަތްތެރި މަސައްކަތްކުރުމުގެ ދާއިރާއެވެ. އަދި، މި އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުޞަތު ވެސް ވަނީ ހުޅުވާލާފަ އެވެ.
"ރިވެލި މަޢުރަޒު 2022" ކުރިޔަށް ދާނީ، މިއަދާއި މާދަމާ، ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައެވެ.