ފުރަތަމަ ފަހަރަށް މޫދުއަޑިން ކަރަންޓް ކޭބަލެއް އަޅައިގެން މީހުން ދިރިއުޅޭ ރަށަކަށް ކަރަންޓް ފޯރުކޮށް ދިނުމުގެ ޝަރަފް ފެނަކަ ކޯޕަރޭޝަނުން ހޯދައިފިއެވެ.
މި ކޭބަލް އަޅާފައިވަނީ ފަރެސްމާތޮޑާ އެއަރ ޕޯޓްގައި އަލަށް އިމާރާތްކުރި އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާގެ ކަރަންޓް ހިދުމަތުގެ ވިއުގައާއި ގުޅާލީ މޫދުއަޑީގައި އެކަމަށް ހާއްސަކޮށް އެޅި ކޭބަލަކުންނެވެ.
ފަރެސް މާތޮޑާއަށް ކަރަންޓުގެ ހިދުމަށް ކަށަވަރުވެގެން ދިޔަ ބޮޑު ނެޓްވޯކާ ގުޅިފައިވާ ފަރެސްމާތޮޑާ އެއަރޕޯޓްގައި އަލަށް އިމާރާތްކުރި އިންޖީނުގެ އިމާރާތްކޮށް ފުރިހަމަ ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކުރީ ސައްތައިން ސައްތަ ދިވެހިންނެވެ.
ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދުގެ މޭސްތިރި ކަމުގައި ފެނަކައަށް ގެނެވޭ އިންގިލާބީ ބަދަލުގެ ތެރެއިން ފަރެސް މަތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ 10 މެގަވޮޓްގެ ކަރަންޓް އުފެއްދޭވަރުގެ ގާބިލުކަން ހުރި އެންމެ މި ޒަމާނުގެ އިންޖީނުގެއެކެވެ.
50 އަހަރު ވަންދެން ހިދުމަތް ދިނުން ކަށަވަރުކޮށްދޭ ފަރެސްމާތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ އެއްގޮތަކަށްވެސް ބޭރަށް އަޑު ނުއިވޭ މުޅިން ސައުންޑް ޕްރޫފް އިންޖީނުގެއެކެވެ. ފަރެސް މާތޮޑާ އެއަރޕޯޓް އިންޖީނުގެއަކީ ފެނަކަ ކޯޕަރޭޝަނުން ހިންގާ ބަލަހައްޓަ ތަނެއް ކަމުގައި ވަނީ ހަމަޖެހިފައެވެ.
ފަރެސް މާތޮޑާ އެއަރޕޯޓް އިންޖީނުގޭގެ ކަރަންޓް ވިއުގައާއި ފަރެސް މާތޮޑާ ކަރަންޓް ވިއުގައާއި ކަނޑުއަޑީ ކޭބަލަކުން މޫދުއަޑިން ގުޅާލުމުގެ މަސައްކަތް ނިމުމުން ދެވިއުގަ ގުޅާލުން ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. މި ހިދުމަތަކީ ވެސް ރައީސް ސޯލިހުގެ ވެރިކަމުގައި މުޅިން އަލަށް ފަށާ މަސައްކަތް ނިންމާ އިފްތިތާހުކުރި ހިދުމަތެކެވެ.