ފެނަކަ ކޯޕަރޭޝަނާ ގުޅޭ ގޮތުން "ދިޔަރެސް" ނޫހުގައި ޝާއިއުކޮށްފައިވާ ޚަބަރުގައި ހުރީ ނުބައި މައުލޫމާތު ކަމަށް ބުނެ އެ ކުންފުނިން ނޫސްބަޔާނެއް ނެރެފިއެވެ. އެ ބަޔާނުގައި ހާމަ ކޮށްފައިވާ ގޮތުގައި ކުންފުނިން ހިންގާ މަޝްރޫޢތައް ކުރިއަށް ގެންދެވުމަށް ނަންގަވައިގެން ތިއްބެވި ކޮންޓްރެކްޓަރުންނަށް އެފަރާތްތަކުން ކުރެއްވި މަސައްކަތުގެ ފައިސާ ނުދީ ހިފަހައްޓާފައިވާ ކަމަށް ބަޔާންކޮށް 13 ޖެނުއަރީ 2012 ވަނަ ދުވަހު އޮންލައިން ނޫސް " ދިޔަރެސް " ގައި ނާހިލް އަޙްމަދު، ޝާޢިއު ކޮށްފައިވާ ޚަބަރަކީ ތެދު ޚަބަރެއް ނޫނެވެ.
ފެނަކައިގެ ބަޔާނުގައި ވެއެވެ. "ކޮންޓްރެކްޓާސް އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ސަރުކާރުގެ މަޝްރޫޢުތަކުގައި މަސައްކަތްކުރާ ކުންފުނިތަކަށް މަސައްކަތް ނިމުމަށްފަހު، ލިބެންޖެހޭ ފައިސާ ނުލިބޭ ކަމަށާއި، އޭގެ ތެރޭގައި ސަރުކާރު ކުންފުނިތަކުގެ މަސައްކަތް ހިމެނޭ ކަމަށް ބަޔާންކޮށްފައި ވުމުން "ދިޔަރެސް"ގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާ ގުޅައިގެން މައުލޫމާތު ހޯދުމަށް ކުރެއްވި މަސައްކަތުން، މިކުންފުންޏަށް ޚިދުމަތް ފޯރުކޮށްދެއްވުމަށްފަހު އެ ކުންފުންޏަކަށް ދޭންޖެހޭ ފައިސާ ނުދީ ފެނަކައިން ހިފަހައްޓާފައިވާ ކަމުގައި މަދު ބައެއް ކޮންޓްރެކްޓަރުންގެ ފަރާތުން ދިޔަރެސް އަށް މަޢުލޫމާތު ދެއްވާފައި ވާކަމަށް ބުނާއިރު، ހަމަހަމަ ކަމާއި ޒިންމާދާރު ކަމާއިއެކު ކުރެވޭ ނޫސްވެރިކަމެއްގައި، ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދުމަކާއި ނުލައި "ދިޔަރެސް" ގައި ޝާއިއުކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ކުރުމުގައި ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ގޮތުން ފެނަކަ ކޯޕަރޭޝަނާއި މެދު ޢާއްމުންގެ މެދުގައި ޝައްކާއިވަހުމް އުފެއްދުމުގެ އިތުރުން ކުންފުނީގެ ނަން ކިލަނބު ކުރުމަށް ކުރި ނާތަހުޒީބު ފިނޑި ޢަމަލެކެވެ."
ފެނަކައިގެ ނޫސްބަޔާނުގައި ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ފަރާތުން ހިންގާ މަޝްރޫޢު ތަކުގައި، ކުންފުންޏާއިއެކު ވެވޭ އެއްބަސްވުމަކާއި ގުޅިގެން ކުރެވޭ މަސައްކަތްތަކެއްގައި، އެފަރާތަކަށް ލިބިދޭންޖެހޭ ފައިސާ އެއްބަސްވުމުގެ ރޫޙާއި އެއް ގޮތްވާގޮތުގެ މަތީން ޢަމަލު ކުރަމުންދާ ކޮންމެ ކޮންޓްރެކްޓަރަކަށްވެސް އޮންނަ އުޞޫލާއި ހަމަތަކުގެ ތެރެއިން ފައިސާ ދޫކުރަމުންދެއެވެ.
"ދިޔަރެސް"ގެ ޚަބަރުގައި ހަވާލާ ދީފައި ވަނީ ކޮންސްޓްރަކްޝަން އެސޯސިއޭޝަނުން ނެރެފައިވާ ބަޔާނަކަށެވެ. އަދި ނޫހުގެ ފަރާތުން ބައެއް ކޮންޓްރެކްޓަރުންނާ ވާހަކަ ދެއްކި ކަމަށާއި، އެ ކޮންޓްރެކްޓަރުން މައުލޫމާތު ދީފައި ވަނީ ނަން ނުޖަހަން ޝަރުތުކޮށްފައި ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ.