ކުރީގެ ރައީސް ޑރ. ވަހީދާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. ޝައިނީ ޖޭޕީ އަށް

ފޮޓޯ: ޖޭޕީ

ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން އާއި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއި ކުރައްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެމްޕެއިން ރަސްމީކޮށް ފެށުމަށް އދ. މާމިގިލީގައި ބޭއްވި ޖަލްސާގެ ތެރެއިން އެ ދެ ބޭފުޅުން ޖޭޕީ އަށް ސޮއި ކުރައްވާފައުވާއިރު، މި ބޭފުޅުންގެ ފޯމާ ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމެވެ.

2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން ފެށިގެން، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ނައިބުރައީސްގެ މަގާމު ފުރުއްވުމަށްފަހު، އޭރުގެ ރައީސް މުހައްމަދު ނަޝީދު ރައީސްގެ މަގާމުން އސްތިއުފާ ދެއްވުމުން 2012 ފެބްރުއަރީ 7 ވަނަ ދުވަހުން ފެށިގެން 2013 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޑރ. ވަހީދު ވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައެވެ.

އެމަނިކުފާނަށް ވެރިކަން ލިބިވަޑައިގަތީ، 2012 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު، ރައީސް ކަމުގެ މަގާމުން، މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝީދު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މާމިގިލީގައި ކުރިއަށްދާ މި ޖަލްސާގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އާއި ޑެޕިއުޓީ ލިޑަރު އަދި ރަނިންގ މޭޓް ޑރ. އަމީން އިބްރާހީމާއި ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

މި ޖަލްސާގައި ޑރ. ވަހީދުގެ ދަރިކަލުން، ޖެފްރީ މުހައްމަދު ވަހީދުގެ އިތުރުން ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގައި އިމިގްރޭޝަން ކޮންޓްރޯލާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު އަލީ ވެސް ވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.