
އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް، ޔާގަން ސްޓޮކް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމުގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި، އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލްއާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންޓަރޕޯލްއާއި ދިވެހި ސަރުކާރާ ދެމެދު މިހާރު އޮތް ގުޅުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ބޯޑަރ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާކުރުމަށް އިންޓަރޕޯލްއިން ފޯރުކޮށްދޭ ތަޖުރިބާއާ ފަންނީ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި އިންޓަރޕޯލުން އެންމެ ފަހުން ކުރިއަށް ގެންދިޔަ ބައެއް މަސައްކަތްތައް ފާހަގަކުރައްވައި، އެކި ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމުގައި މެންބަރު ޤައުމުތަކުން ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ދެބޭފުޅުންގެ ވަނީ މަޢުލޫމާތު ޙިއްޞާކުރުމާއި ތަޢުލީމާއި ތަމްރީނުދިނުން ފަދަ ކަންކަމުގައި އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. އަދި އިންޓަރޕޯލްގެ ސެކްރެޓަރީ ޖެނެރަލް ވަނީ ބައިނަލްއަޤްވާމީ މައިދާނުގައި އިންޓަޕޯލް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރީޖަނަލް ޕޮލިސް ޕާޓްނަރޝިޕަށް ހިތްވަރުދެއްވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކުށްމަދުކުރުމަށާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ޤާނޫނު ތަންފީޛުކުރާ އެހެނިހެން އިދާރާތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައިފައެވެ. އަދި އެމަނިކުފާނު ވަނީ އިންޓަޕޯލްއިން ލިބެމުންދާ އެއްބާރުލުމަށް ދިވެހި ސަރުކާރުގެ ނަމުގައި ޝުކުރު އަދާކުރައްވާފައެވެ.