
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތާއި، އައުޓްޑޯ ޖިމާއި، ވޮލީކޯޓް ހުޅުއްވައިދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ތަންތަން ހުޅުއްވައިދެއްވީ، އެމަނިކުފާނު މިހާރު ނިލަންދެއަތޮޅު ދެކުނުބުރިއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި، ދ. ބަނޑިދޫ ފެނަކަ އައު އޮފީސް ޢިމާރާތަކީ 30 މުވައްޒަފުންނަށް ދަތިނުވެ މަސައްކަތް ކުރެވޭނެހެން ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައިވާ ޖާގަ ތަނަވަސް ޢިމާރާތެކެވެ. އަދި، މި އޮފީސް ޢިމާރާތް ބިނާކޮށްފައި ވަނީ، ރަށުގެ ބަނދަރު ސަރަޙައްދުގައެވެ. ފެނަކަ އައު އޮފީސް ޢިމާރާތް ހުޅުއްވައި ދެއްވުމުގެ އިތުރުން ދ. ބަނޑިދޫގައި ސަރުކާރުން ތަރައްޤީކޮށްފައިވާ އައުޓްޑޯ ޖިމާއި، ވޮލީކޯޓު ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުޅުއްވައިދެއްވާފައެވެ.
ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ މަގުތައް ފަހިކޮށްދިނުމުގެ ގޮތުން ޒަމާނީ ފެންވަރުގެ ފުޓުބޯޅަ ދަނޑުތަކާއި، ފުޓުސަލް ދަނޑުތައް، އަދި ކުޅިވަރު ކޯޓުތައް އަޅައި، ކުޅިވަރުގެ ތެރެއިން ރައްޔިތުންނަށް ދުޅަހެޔޮ އުފާވެރި ދިރިއުޅުމަކަށް މަގުފަހިކޮށްދިނުމަށް ސަރުކާރުން ވަނީ ގިނަ މަޝްރޫޢުތަކެއް އަތޮޅުތަކުގައި ހިންގާފައެވެ.