ރައީސްގެ ދެކަނބަލުން ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން އަންނަ އަންގާރަ ދުވަހު

މި އަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން، ޖުލައި މަހުގެ 25ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.

މިފަހަރު ބައްދަލުވުން ބާއްވަވަނީ އިސްލާމީ މަރުކަޒު މައިދާނުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ފޮނުއްވަމުން އެބަ ގެންދަވައެވެ. އެ ބޭފުޅުންގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅުންނާއި، ދައުލަތުގެ އިސްވެރިންނާއި، ދިވެހި ދައުލަތުން ޢިއްޒަތް އަރުވާފައިވާ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެކި ދައުރުތަކުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި، ޝަރުޢީ ދާއިރާއާއި، މިނިވަން މުއައްސަސާތަކުގެ އިސްބޭފުޅުންނާއި، އެކި ކޮމިޝަންތަކުގެ މެންބަރުންނާއި، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސިޓީ ކައުންސިލްތަކުގެ މެންބަރުންނާއި، ސަރުކާރު ޙިއްޞާވާ ކުންފުނިތަކުގެ ބޯޑު މެންބަރުންނާއި، ސިވިލް ސަރވިސްއާއި، ކުންފުނިތަކުގެ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި އެނޫން އެހެން ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށާއި، ޒުވާނުންނަށާއި، އަންހެން ބޭފުޅުންގެ ތެރެއިން އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅުންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށާއި، އެކި ކުޅިވަރުތަކުން ފާހަގަކޮށްލެވޭ ކުޅުންތެރިންނަށާއި، ޔުނިވަރސިޓީއާއި ކޮލެޖުތަކާއި އަދި ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މިނިވަންދުވަހުގެ ރަސްމިއްޔާތަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ޢިއްޒަތްތެރިންވެސް، މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ބާއްވަވާ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.