
ޕީޕީއެމް އާއި ޕީއެންސީ އިން މިއަދު ހަވީރު ބޭއްވުމަށް ހަމަޖައްސާފައިވާ ހިނގާލުން ކެންސަލް ކޮށްފިއެވެ.
އެ ޕާޓީ އިން ބުނީ "ދިވެހީންގެ ސުލްހަވެރި ހިނގާލުން" މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ކެންސަލް ކޮށްފައިވާ ކަމަށެވެ. އަދި މި ހަރަކާތް ކުރިއަށް ގެންދާނެ ތާރީޚެއް އިއުލާން ކުރާނެ ކަމަށް ވެސް ބުންޏެވެ.
އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމުން އަންނަނީ މި ފަދަ ހިނގާލުމާއި އިހުތިޖާޖުތައް މާލެ ސަރަހައްދުގައި ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑަރިން ގެ ކުށް ސާބިތުވުމާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށް ލާފައިވާ މައްސަލައިގެ އިސްތިއުނާފް ހުއްޓިފައި އޮތްއިރު ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން ދިޔަ ނަމަވެސް ޖަލު ހުކުމާ ގުޅިގެން ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކުރިމަތިލެއްވޭނެ ފުރުސަތު ވަނީ ހަނިވެފައެވެ.
ޔާމީންގެ އިސްތިއުނާފްގެ މައްސަލަ މަޑުޖެހިފައި އޮތީ އެ މައްސަލަ ބައްލަވާ ދެ ފަނޑިޔާރަކު ޗުއްޓީ ނެންގެވުމާ ގުޅިގެންނެވެ. އެއާއެކު ޔާމީންގެ އިސްތިއުނާފް މައްސަލަ ނިމެންދެން ރިޔާސީ އިންތިހާބު ލަސްކުރުމަށްވެސް އިދިކޮޅުން ވަނީ ގޮވާލާފައެވެ.