އަނާ - 56

(12 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވާހަކަތައް ކުރިމައްޗަށް ގެނެސްފިނަމަ ބައްޕައަކީ ކުށްވެރިއެކެވެ.އޭނާގެ ދަރިފުޅު މަރާލި މީހާއެވެ. ނަމަވެސް... ބައްޕަގެ ދަލީލުތަކުގެ މައްޗަށް ވިސްނައިފިނަމަ ކުށްވެރިޔަކީ އަނާއެވެ.

ދެމީހުންގެތެރެއިން ތެދުބުނަނީ ކާކު ހެއްޔެވެ؟

މިއީ އޭނާއަށް ނުނިންމުނު މައްސަލައެކެވެ.

ކުއްލިއަކަށް ޒުމައްރަދު އެކޮޓަރި ތެރެއަށް ވަދެއްޖެއެވެ.

މާޖިދު ސިއްސައިގެން ގޮސްފައި އޭނާއާ ދިމާއަށް ބަލާލިއެވެ.

ޒުމައްރަދު ބުންޏެވެ.

"އަހަރެންގެ ބޭބެ އަދިވެސް އޮތީ ހޮސްޕިޓަލްގައި އޭނާގެ ފައިގައިވަނީ ޕްލާސްޓަރ އަޅާފައި ކަލާ އެންމެފަހަރަކުވެސް އޭނާއަށް ގޮވާލައްވަންވެސް ނުދުރުވޭ.."

"އޭނާ މިގެއަށްއައިސް އަރާރުންވެ ތަޅާފޮޅާހެދީ އޭނާ ގާތުގައި އަހަރެން ބުނެގެންތަ!" މާޖިދު ރުޅިއައިސްފައި ބުންޏެވެ.

"ކަލާ ތިޔަ ދައްކަވަނީ ކޮންކަހަލަ ވާހަކައެއްތޯ މާޖިދު!" ޒުމައްރަދު ކަންބޮޑުވެއްޖެއެވެ.

"އަހަރެން މިބުނީ ކަލޭ އަނާއަށް ހަމަލާދިނީ ކީއްވެހޭ... އަދި ކަލޭގެ ބޭބެ ފޮނުވައިގެން އޭނާއާއި ދިމާކުރަންޖެހުނީ ކީއްވެގެންހޭ!"

"އަޅުގަނޑު އޭނާޔަކަށް ހަމަލާއެއް ނުދެން. އެއީ މުޅީން ދޮގެއް."

"ޢާޝީ އަހަރެން ގާތުގައި އެވާހަކަތައް ބުނި. އޭނާ ބުނިގޮތުގައި އަނާގެ ކަރުގައި ކަލޭ ހިފީ. އޭނާ ކަލޭގެ ބަނޑުގައި ޖެހީ. އޭގެ ޖަވާބަކަށް އޭގެ ފަހުން އައީ ކަލޭގެ ބޭބެ އެއީ ކީއްވެގެން؟ ކަލޭވެސް ހަމަބާރަށް ބުނެފައި އެބައޮތް.  އޭގެބަދަލު ހިފާނަމޭ އަދި ކަލޭގެ ބައްޕަވެސް ހަމަސާފު ބަހުން ބުނެފައި އެބައޮތް ކަލޭގެ ބޭބެއަކީ ވަރަށް ނުލަފާ މީހެކޭ. އޭނާ ކަލޭގެ ފަރާތުން ބަދަލު ހިފާނެއޭ. އެހެންވީމާ އޭނާ މި ގެއަށް އައީ. އަދި ހޮސްޕިޓަލަށް ދިޔައީ. އަހަރެން އޭނާއަށް ގޮވާލަން ދާކަށް ނުޖެހޭނެ. އަހަރެން ކަލޭ ކުރެން މި އަހަނީ ކަލޭމެން އެ ގޮތަށް އެ ކަންތައްކުރީ ކީއްވެގެންތޯ އަދި ކާކު ބުނެގެންތޯ؟ އަޅެ މިހުރިހާކަމެއް ކުރުމުގެ ކުރިން އަހަރެން ކުރެން އެހިންތަ!"

ޒުމައްރަދު އެއްވެސް ޖަވާބެއް ނުދިނެވެ.

އަދި ކުރިުއަށް ހިނގާލާފައިގޮސް އޭނާގެ އުރުގައި ނިދިފައި އޮތް ދަރިފުޅު އެނދުމަތީގައި ބާއްވައިފިއެވެ. އަދި އެ ތާހުރި ގޮނޑިސެޓްގައި އިށީނދެލައިފިއެވެ.

"މާޖިދު! އަހަރެންނަކީ ކަލޭގެ އަނބިމީހާ!"

"ހަނދާންކޮށް ދިންކަމަށް ޓަކައި ޝުކުރިއްޔާ! އެކަމަކު އެކަން ހަނދާންކޮށްދޭން ޖެހުނީ ކީއްވެގެންހެއްޔެވެ؟" މާޖިދު މަލާމާތް ގޮތަކަށް ބުނެލިއެވެ.

"ހަނދާންކޮށް ދޭންޖެހުނު ސަބަބަކީ ކާލާ އަޅުގަނޑާމެދު ފަރުވާ ނުބެހެއްޓެވިކަން އެންމެ ފުރަތަމަ ގަދަކަމުން  ބާރުދައްކަވައިގެން  އަޅުގަނޑު މި ގެއިން ނުކުންނަން އެންގެވީ އަޅުގަނޑު އޭރު ކޮންމެދުވަހަކުވެސް ކަލާއާ ގުޅޭނެ ފޯނުން ވާހަކަ ދެއްކޭތޯ ވަރަށް މަސައްކަތް ކުރިން. ނަމަވެސް ކަލާއާ ގުޅޭނެ ގޮތެއްނުވި އެންމެފަހުން މިއަދު ކެތްތެރިކަމުގެ ތަށިފުރި ބަންޑުންވާން ފެށީމާ ދެން ނީނދެވިގެން ދަރިފުޅު ގޮވައިގެން މިގެއަށް މިއައީ. އަޅުގަނޑު ގާތު އަޅެ ބުނުއްވާ ބައްލަވާ މިކަމުގައި އަޅުގަނޑުގެ ކުށަކީ ކޮބައިތޯ؟!"

"ކުށެކޭ!ކުށެއްވާ އަހަރެންގެވެސް ނެތް ނަމަވެސް ސަޒާ މިއޮއްދަނީ ލިބެމުންނު."

"އަޅުގަނޑު މި ގޭގައި އުޅެން ބޭނުން. އަޅުގަނޑަށް ކަލާޔާ ދުރުގައެއް ނުހުރެވޭނެ."

"ހަމަޔަޤީނުންވެސް މިގޭގައި ހުރޭ. ނަމަވެސް މި ގޭގައި ހުރެގެން ކަލެއަށް އެއްވެސް ގެއްލުމެއް ލިބުނަސް އަހަރެން އެކަމުގެ ޒިންމާއެއް ނުވާނަން."

"ކޮންކަހަލަ ގެއްލުމެއްތޯ!" ޒުމައްރަދު ސިއްސައިގެން ގޮސްފައި ބުންޏެވެ.

މާޖިދު ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި ވަރަށް ދިގުކޮށް އެއްފަހަރާ ދަމާލާފައި ބުންޏެވެ.

"މި ގޭގައި މިހާރު މިދަނީ ދިރިއުޅުމާއި މަރުވުމުގެ ކުޅިވަރު ކުޅެވެމުން އިންސާނުންގެ ކާނާއަށް ޒަހަރުލަމުން ގެންދަނީ އަދި.."

"ތިޔައީ ހަމަކަލާގެ ވަޙުމް މާޖިދު! އެނުލަފާ އަންހެންމީހާ ގަނޑު ކަލާއަށް ނަންގަންނަ ކޮންމެ އެއްޗެއްވެސް ކަލާ ތިޔަ ޤަބޫލު ކުރައްވަނީ!"

"މަޑުންހުރޭ ! އޭނާއާ ބެހޭގޮތުން ތިޔަކަހަލަ ނުބައި ބަސްބަސް އެއްގޮތަކަށް ވެސް ބޭނުންކޮށްގެން ނުވާނެ. އޭނާއާ ދޭތެރޭ އެހާބޮޑަށް ހަމްދަރްދީ ވެލައްވަންތޯ! އަހަރެން މިއަދާ ހަމައަށް އޭނާގެ އަގައިން ކަލެއާމެދު އެއްވެސް ކަހަލަ ނޭދެވޭ ބަހެއް ބުނިއަޑެއް އަހާފައެއްނެތް. އެކަމަކު  ކަލޭ އޭނާއާ ދިމާއަށް ތިޔަކިޔަމުންދާ ހުތުރު އެއްޗިއްސަށް ނިކަންވިސްނާލަބަލަ. ކަލެއަށް ލިބިފައި ތިޔަވަނީ ކޮންފަދަ ދަށުދަރަޖައިގެ ތަރުބިއްޔަތެއްތަ؟ ކަލޭގެ ވާހަކަތައް ހީވަނީ ހަމަމުޅީން ޖާހިލުން ދައްކާކަހަލަ ވާހަކަހެން. ބާޒާރުމަތީ ބަހުރުވަހެން."

"މާޖިދު!" ޒުމައްރަދު ވަރަށް ބާރަށް ބުންޏެވެ.

 "މީގެ ފަހުން އޭނާއާ ބެހޭގޮތުން އެއްވެސް ހުތުރު އެއްޗެއް ބުނެގެންނުވާނެ. އޭނާއަކީވެސް އަހަރެންގެ އަނތްބެއް!"

"އަނތްބެކޭ...ކަލޭގެ..."

..ޒުމައްރަދު ތުންހަދާލާފައި ބުންޏެވެ.

"ކީއްވީ އަހަރެން އޭނާ ގެނައީ ވަގަށް ނަގައިގެންނެއް ނޫން! ކަލޭ އަހަރެންނާ އިން އިރު ކަލޭ ހުރީ ކޮންތާކުތަ؟ އޭނާ އިނީ ކޮންތާކުތަ؟ އޭރުވާ އޭނާގެ ނަންގަންނަވެސް ކަލޭ ޤަބޫލެއްނުވޭ! އަދި މިހާރު އޭނާ މުއްސަންޖަކަށްވީމާ ކަލޭމެން އެންމެން މިހާރު ތިޔައުޅެނީ އޭނާގެ ފަހަތުން އަޅައިގަނެގެން. އޭނާ ބުނާހާ ކަމެއްކޮށްގެން އެހެނެއް ނުހެދޭނެ.މާޖިދު! އިންސާފުވެރިކޮށް ކަންތައްކުރޭ...ތިޔަކަހަލަ ވާހަކަތައް ނުދައްކާ އަހަރެން ދެން އުޅޭނީ މިގޭގައި.. އެއްވެސް މީހަކަށް ދެން އަހަރެން މި ގެއަކުން ނުނެރެވޭނެ."

"ކަނޑައެޅިގެން މިގޭގައި ހުންނާށޭ ކުރިންވެސް ބުނެފީމެއްނު! އެކަމަކު ކަލޭ އަމިއްލައަށް ކަލޭ ރައްކައުތެރިވާތި."

"ތިމާގެ އަނބިމީހާ ތިމާއަށް ރައްކައުތެރި ނުކުރެވޭނެ ކަމަށްވާނަމަ ކަލޭ ތިޔައީ ކޮންކަހަލަ ފިރިއެއް." މާޖިދު އެއްވެސް އެއްޗެއް ނުބުނެ ނުކުމެގެން ހިނގައްޖެއެވެ. ޒުމައްރަދު އަރާރުންވާން އޭނާ ބޭނުންނުވާތީއެވެ. އޭނާ މިއަންހެންމީހާ އާ ގުޅެން ދިމާވިގޮތެއް އޭނާއަކަށްވެސް ނޭނގެއެވެ.... އޭނާގެ ބައްޕަ އޭނާއަކީ ކުޅޭއެއްޗެއްގެ ގޮތުގައި ބޭނުންކުރަމުން ގެންގޮސްފައިވަނީއެވެ. އޭނާގެ ބައްޕަ ބޭނުން ގޮތަކަށް އޭނާ ތަޅުވާ ފޮޅުވާ ހަދާފައިވަނީއެވެ. މާޖިދު ކާރުގައި ބޭރަށް ނުކުމެއްޖެއެވެ.

އަނާ މިއަދުވެސް އޭނާދެކެ ލޯބިވާކަން އަދި އޭނާކައިރީގައި އުޅެންބޭނުންވާކަން އޭނާއަށް ޔަޤީންވެފަވެއެވެ. އެހެން ނޫންނަމަ އަނާގެ ގެއަށް އޭނާ ވަނަދޭންވީ ކީއްވެގެން ހެއްޔެވެ. އަނާ އޭނާއާމެދު ކަންތައްބެހެއްޓި ގޮތް އެއީ އެކަންކަން ހާމަކޮށްދޭ ނިޝަނެކެވެ.

އޭނާ ސީދާ ދިޔައީ އަނާގެ ގެއަށެވެ. އަޖައިބުވާންޖެހޭ ކަމަކީ އެއްވެސް ތާކުން އޭނާއަށް ހިތްހަމަޖެހުން ނުލިބޭނެކަމެވެ. އެއްވެސް ތަނެއްގައި ހަމަޖެހިލައިގެން އިށީނދެލެވޭނެފަދަ ޤަރާރުކަމެއް އޭނާއަށް ނުލިބިގެން އުޅޭކަމެވެ. އަނާ އޭނާގެ ކޮޓަރީގައި އެކަނި އިނެވެ. މާޖިދު އެހާއަވަހަށް އެނބުރި އައިތަން ފެނިފައި ޢަޖައިބުވެފައިވާ ކަހަލަ ނަޡަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ.

އެވަގުތު މާޖިދު ބުންޏެވެ.

"އަހަރެން މިހިރީ ކުރާނެ ކަމެއްނެތިފައި ހަދާނެގޮތް ހުސްވެފައި.. އިށީނދޭ... ކޮޅަށް ހުރީ ކީއްވެ!"

މަޑުމައިތިރިކަމާއެކު އަނާބުނެލިއެވެ. މާޖިދު ވަރުބަލިގޮތަކަށް ގޮނޑި ސެޓްގައި އިށީނދެއްޖެއެވެ. ހީވީ ވެއްޓިގަތް ހެންނެވެ. އަނާ ފަރުވާތެރިކަމާއެކު އޭނާއާ ދިމާއަށް ބަލަން އިނދެ ބުންޏެވެ.

"ކަލޭގެ ބައްޕަ އަނެއްކާ ކޮންމެވެސް އާ ވާހަކައެއް ކިޔައިދިނީތަ އަދި އ ެވާހަކައިގައި އަހަރެންނަކީ ދޮގުވެރިއެއްކަން ޡާބިތުކޮށްދިނީތަ؟"

"އާނ ކަންތައްތައް ވީ އެ ކަހަލަ ގޮތަކަށް."

"ކަލޭގެ ސިކުނޑީގެ ބޭނުންކުރޭ ކަލޭގެ ބުއްދީގެ ބޭނުންކުރޭ ޙާލަތު މިއޮތީ ކަލޭގެ ކުރިމަތީގައި އަހަރެންގެ ޑޮކްޓަރަށް ފޯނުކުރޭ ނުވަތަ ކަލޭގޮސް އޭނަޔާ ބައްދަލުކުރޭ އަހަރެގެ ލޭގެ ރިޕޯރޓްތަކާއި މިހާރުއަހަރެންނަށް ދެމުންދާ ބޭސްތައް އެ ތާނގައި ހުންނާނެ..އެ އެއްޗެތި ހިފައިގެން ކަލޭ އަމިއްލަ ކޮންމެވެސް ޑޮކްޓަރެއް ކައިރިގޮސްގެން ބަލާބަލަ އޭރުން ކަލޭގެ ހިތްހަމަޖެހިދާނެ... އަދި ކަލޭގެ ބައްޕަ އެދައްކަނީ ކިހާވަރެއްގެ  ތެދުވާހަކަ އެއްކަން ކަލެއަށް އެނގިދާނެ".

"ތިޔަބުނަނީ ރަނގަޅު ވާހަކައެއް ކަންނޭނގޭ." ކުރާނެކަމެއް ނެތިގެން މާޖިދު ބުންޏެވެ.

"މީ ރަނގަޅު ވާހަކައަކަށް ވަނީނަމަ ތިޔަހާބޮޑަށް ހަދާނެގޮތް ހުސްވެފައި ކުރާނެކަމެއް ނެތިފައި އިންނަނީ ކީއްވެގެން؟"

"ދެން އަހަރެން ކުރާނީކީއް!"

"އެ ވެސް ބުނެދޭންޖެހޭނީ އަހަރެންތަ؟"

"އާނ..ކަލޭ ބުނެދީބަލަ!"

"އަހަރެންގެ ޚިޔާލަކީ އިހަށް ކަލޭ އަރާމުކޮށްލުން. ކަލެއަށްވަނީ އަރާމުކުރުން ބޭނުންވެފައި ދޭ 7 ނަންބަރު ކޮޓަރި ހުންނާނެ ކަލެއަށްޓަކައި ތައްޔާރުކޮށްފައި ދޭ އެތަނަށްގޮސް އަރާމުކުރޭ."

އަނާ! މާޖިދު ތުންފިއްތާލާފައި ބުންޏެވެ.

"އަހަރެންގެ ވާހަކަ އަހާބަލަ."

ބުނޭ...

"އަހަރެންގެ ކުށް މާފުކޮށްދީ...އަނާ! އޭރުން އަހަރެންނަށް ކުޑަކޮށް ހިތްހަމަޖެހުމެއް ލިބިދާނެ ކަންނޭނގެ. އަހަރެންގެ ސިކުނޑިއަށް ކުރަމުންދާ ބާރަކުންހީވަނީ ހަމަކޮންމެ ވަގުތެއްގައިވެސް ނާރުތައް ފަޅައިގެން ހިނގައިދާނެހެން. އެއްވެސްކަމެއް ނުބާނެ ޚުދް އަހަރެންވެސް ތިޔަކަހަލަ ވަރަށް ގިނަ ޠޫފާންތަކުގެ ތެރެއިން ދަތުރުކޮށްފިން ހަނދާންކޮށްބަލަ އަހަރެން ތިޔަގެއިން ނެރުނުދުވަސް... އެދުވަހު އަހަރެންގެ ޙާލަކީ ކޮބާ! ހަނދާންކޮށްބަލަ ...އަހަރެންގެ ދަރިފުޅަކީ ޙަރާންދަރިއެކޭ ބުނިދުވަސް.... އަދި ކޯރޓްގައި އެއީ ހަރާން ދަރިއެއްކަން ސާބިތުކުރި ދުވަސް އެވަގުތު އަހަރެންގެ ޙާލު ހުންނާނެގޮތް ހިތަށްއަރުވާލަބަލަ އަހަރެންގެ ރަހިމަށް

ލަޢުނަތްދީ އަހަރެންނަކީ ނާސިއަންހެނެއްކަމަށް ހަދާ ހެދިއިރު އަހަރެންނަށް ވާނެގޮތް ވިސްނާލަބަލަ ދުނިޔޭގައި އަންހެނަކާ ދިމާއަށް ކިޔެންއޮތް އެންމެ ދަށް އެންމެ ހުތުރު އެއްޗެހި އަހަރެންނާ ދިމާއަށް ކީއިރު އަހަރެންގެ ޙާލު ހުންނާނެ ގޮތް ވަޒަންކޮށްބަލަ..

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.