ދަންމަރު: ޤުދުރަތީ މަންޒަރު

މިސްޓަރ މޮކާޕާ ދިޔާއޭ ލަންޑަނަށް ކުރި ދަތުރެއްގައި މީގެ ފަންސާސް އަހަރު ކުރިން އިންޑިއާގައި އުޅުނު އިނގިރޭސިއަކާ ބައްދަލުވިއެވެ. އޭރު އިންޑިއާގައި އޮތީ އިނގިރޭސިންގެ އިސްތިޢުމާރީ ވެރިކަމެވެ. އޭނާ ވަރަށް ޝައުޤުވެރި ކަމާއެކު އިންޑިއާގެ ޚަބަރު ދަބަރު އޮޅުން ފިލުވިއެވެ. އޭނާ ބުނިގޮތުގައި އޭނާ އިންޑިއާގައި އުޅުނު ދުވަސްވަރު ގިނައިން އުޅުނީ ބޮމްބޭގަޔާއި، ޕޫނާގައެވެ. އޭނާ އެންމެ ޝައުޤުވެރިވާ ކަމަކީ ބޮމްބޭން ޕޫނާއަށް ރޭލުގައި ކުރާ ދަތުރު ކަމަށް ވެއެވެ. އެދަތުރަކީ ކޯރުތަކާއި، ޖަންގަލިތައް ހުރަސްކޮށް ޤުދުރަތީ މަންޒަރުތަކުގެ ތެރެއިން ކުރާ ދަތުރެކެވެ. އޭނާ ބުނިގޮތުގައި ދެވަނަ ފަހަރަށް އިންޑިއާއަށް ގޮސް އެ މަންޒަރުތައް ދެކެލާހިތް ވެއެވެ.

ވާހަކަ ދައްކަމުންގޮސް މިހާރު ިއންޑިއާ އޮތްގޮތް މޮކާޕާ އޭނާއަށް ކިޔައިދިނެވެ. މޮކާޕާ ބުންޏެވެ. ޕޫނާގެ މިހާރުގެ ނަމަކީ ޕޫނޭއެވެ. އާބާދީ ދިހަގުނައަށް އިތުރު ވެއްޖެއެވެ. އާ މަގުތައް ހަދައިފިއެވެ. މުޅި ރަށް ދިއްލައިފިއެވެ. ޤުދުރަތީ މަންޒަރުތަކަށްވުރެ މަޞްނޫޢީ މަންޒަރުތައް ގިނަ ވެއްޖެއެވެ. މި ވާހަކަ އިވުމާއެކު އިނގިރޭސި މީހާގެ ޝައުޤުވެރިކަން މުޅިން ފިލައިގެން ހިނގައްޖެއެވެ. އޭނާ ބުންޏެވެ.

"އިންޑިއާއަށް ދިއުމަކީ ރަނގަޅު ކަމެއްހެންނެއް ހިއެއް ނުވެއެވެ. އަހަރެންގެ އިންޑިއާ ނެތީ ކަމަށް ވެދާނެއެވެ." (ޓައިމްސް އޮފް އިންޑިއާ، 3 ފެބްރުއަރީ 1984)

މަޞްނޫޢީ މަންޒަރުތައް ފެނުނީމާ ހަނދާންވާނީ އިންސާނާގެ މަތިންނެވެ. ޤުދުރަތީ މަންޒަރުތައް ފެނުނީމާ ހަނދާންވާނީ ﷲ ގެ މަތިންނެވެ. މަޞްނޫޢީ މަންޒަރުތަކުން ހިތަށް ވަންނާނީ އިންސާނާގެ އުފެއްދުންތެރި ކަމެވެ. ޤުދުރަތީ މަންޒަރުތަކުން ހިތަށް ވަންނާނީ ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މަޞްނޫޢީ މަންޒަރުތަކުން އިންސާނާ، އިންސާނާޔާ ގުޅުވައިދެނީއެވެ. ޤުދުރަތީ މަންޒަރުތަކުން އިންސާނާ ގުޅައިދެނީ ﷲ އާ އެވެ. ޤުދުރަތީ މަންޒަރު ތަކުން ލިބޭ ހިތްހަމަޖެހުން މަޞްނޫޢީ މަންޒަރުތަކުން ނުލިބޭ ސަބަބަކީ މިއީއެވެ.

أَلَا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ

ޤުދުރަތީ މަންޒަރަކީ ކޮބައިތޯއެވެ؟ އެއީ ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކި ތަކެކެވެ. އުޑުތަކާއި، ބިންތަކަކީ ﷲ ގެ ތަޢާރަފެކެވެ. އިރަކީ ﷲ ގެ ނޫރުގެ ނަމޫނާ އެކެވެ. އޮއިދެމޭ ކޯރުތަކަކީ ﷲ ރަޙުމާންވަންތަ ކަމުގެ މިސާލެކެވެ. މާމެލާމެލީގެ ކުލައާއި، ވަހަކީ ﷲ ގެ މަތިވެރި ނިޢުމަތުގެ ތަޞައްވުރެކެވެ. ހުޅުވިފައިވާ ސިކުނޑިއަކާއެކު ބަލާ މީހަކަށް ޤުދުރަތީ މަންޒަރުތަކުން ފެނިގެންދާނީ ﷲ ގެ ކުޅަދުންވަންތަކަމާއި، ފުދިވޮޑިގަތުމުގެ ހެކިތަކެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.