ތީ ފުރާނައިގެ ދިރުމޭ މަގޭ... - 20

(1 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވިހިވަނަ ބައި

"ފްލައިޓުން ފޭބުމަށްފަހު ހިތަށްއެރި ފޯނު ހުޅުވާލާނީ ގެއަށް ގޮހޭ. އެހެންވެ އަވަސްވެގަތީ ގެއަށް ދިއުމަށް! އަހަންނަށް އެނގޭ ޒިވީ އަހަރެންގެ މެސެޖަށް ރިޕްލައި ނުކުރާނެ ކަން.... އެހެންވެ އެ ވަގުތު ފޯނު ހުޅުވާލަން ބޭނުން ނުވީ ވެސް! ....... އަހަރެންގެ މުޅިދުނިޔެ އެފުށް މިފުށަށް ޖަހައިލި ކާރު އެކްސިޑެންޓް ހިނގީ އަހަންނާ އަހަރެންގެ އެކުވެރިޔާ ދަތުރު ކުރަމުންދިޔަ ޕްރައިވެޓް ކާރު ބުރިޖު މައްޗަށް އެރިތަނާ! ދެން ވީގޮތެއް އަހަންނަކަށް ވެސް ނޭނގެ!"

ޒިވިޔާ އަރުޝަދަށް ބަލައިލީ ހައިރާންކަމުގެ ނަޒަރަކުންނެވެ. އެ ދެލޯ ހެކިދެނީ ޒިވިޔާއަށް އެ އެކްސިޑެންޓްގެ ކުޑަވެސް ޚަބަރެއް ނުވާކަމެވެ. އަސްލަމުވެސް ނުބުނަނީތާއޭ އަރުޝަދު ހިތަށް އެރިއެވެ.

"އެކްސިޑެންޓޭ!" ޒިވިޔާގެ އަނގައިން ބޭރުވީ ހިތުގައި އުފެދެމުން ދިޔަ އެތައް ސުވާލެއްގެ ތެރެއިން އެންމެ ސުވާލެކެވެ. އަރުޝަދު ބޯ ޖަހައިލަމުން އިތުރަށް އޮޅުން ފިލުވައިދިނެވެ.

"މި އެކްސިޑެންޓްގެ ވާހަކަ އަހަރެންގެ ދުލާ ހަމައަށް ގެންނަން ވެސް ހަގީގަތުގައި އަހަރެން ބޭނުމެއް ނޫން!.... އަހަންނަށް ޒިވީއަށް ގުޅާ ޒިވީގެ ހާލު ބަލާލަން އައި އެންމެ އަވަހަށް އެކަން ކުރަން އަހަރެން މަސައްކަތް ކުރިން! އަސްލަމަށް ގުޅައިގެން ވެސް އެތައް ފަހަރަކު ޒިވީގެ ހާލު އެނގޭތޯ އުޅުނިން. ޒިވީއާ ބެހޭ އެއްވެސް މައުލޫމާތެއް ނުލިބުނު ކަމަށް އަސްލަމް ބުނީ. އެނގުނުހާ ވެސް އެއްޗަކީ ޒިވީ ވަޒީފާ ދޫކޮށް ރަށުން ފުރައިގެން ދިޔަކަން!''

ވޭނީ އާހް އެއް އަރުޝަދުގެ އަނގައިން ބޭރުކޮށްލެވުނެވެ.

''ޒިވީ، އަޅެ ކީއްވެތަ އަހަރެންގެ ޚަބަރެއް ހޯދަން ނޫޅުނީ...... ބުނެބަލަ! ކީއްވެތަ!''

އަރުޝަދު ޝަކުވާގެ ރާގުގައި ބުންޏަސް އެ ސުވާލުގައިވަނީ އޯގާތެރިކަމެވެ. ލޯތްބެވެ.

އަރުޝަދާ މެދު ކަންތައް ވެގެންދިޔަ ގޮތް ކުރު ގޮތަކަށް އަރުޝަދު ކިޔައިދިނުމުން ޒިވިޔާއަށް ކުރީ ބަޔާން ނުކުރެވޭ ވަރުގެ އަސަރެކެވެ. އޭރު ޒިވިޔާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ. އަދި ދެން ކުއްލިއަކަށް އަރޫ އޭ ބުނަމުން އަރުޝަދުގެ މެދުހަށީގައި ބައްދާގަތެވެ. އަދިހަމަ އެހާ ބާރަށް ރޮއިގަނެވިއްޖެއެވެ. ރޮމުން ރޮމުން ގޮސް މީހާގެ ހަކަތަ ހުސްވި އިރުވެސް ހުއްޓައެއް ނުލެވުނެވެ. އަރުޝަދަށް ވެސް ބައެއް ފަހަރު ރޮވެއެވެ. ޒިވިޔާއަށް ހިތްވަރުދެއެވެ. ލޯބިން ފިރުމައެވެ. އަމިއްލަ މީހާގެ ހިތާމަ ފޮރުވަމުން ޒިވިޔާ ގަޔާލާ އިތުރަށް ކައިރިކޮށްލިއެވެ. ދެމީހުން ދެމީހުންގެ ބުރަކަށީގައި ފިރުމިއެވެ.

ޒިވިޔާ ކިޔައިދެމުން ދިޔައީ އަރުޝަދަށް މެސެޖު ކުރި ވާހަކައެވެ. އަރުޝަދު ހޯދަން މާލެ ކުރި އެ ހިތްދަތި ދަތުރުގެ ވާހަކައެވެ. މަންމަ ނިޔާވި ވާހަކަ އެވެ. އެހެންނަމަވެސް ބަލިވެ އިންވާހަކައާ ޢަމްރުގެ ވާހަކަ ކިޔައި ނުދީ ބޭއްވީއެވެ.

ރޮމުން ޝަކުވާ ކުރަމުންދިޔަ ޒިވިޔާގެ އެ ރުއިމާ ޝަކުވާ ދުވަހަކު ހުސް ނުވިއަސް އަރުޝަދަށް މައްސަލައެއް ނެތެވެ. އެ އަޑު އަރުޝަދު އަހާނީ އުފަލުންނެވެ. އެ ގޮތަށް ޝަކުވާ ކުރުމުގެ ހައްގު ޒިވިޔާއަށް އެބައޮތެވެ. ހިނގި ކަމެއް ހިނގީ ތަޤުދީރުގައި އެ ގޮތަށް ރޭވިފައި އޮތުމުންނެވެ. އެ ކަމުގައި ދެމީހުން ކުރެ އެކެއްގެ ވެސް ކުށެއް ނެތެވެ. އަރުޝަދު އެކަން ގަބޫލުކުރެއެވެ.

''ދެން ހުއްޓާލާ ޒިވީ! މިހާރު މާބޮޑަށް ވަރުބަލި ވެއްޖެނު!. ދެން ނުދާނަމޭ ޒިވީއާ ދުރަކަށް! މީ އަހަރެންވާ ވައުދެއް! ދުވަހަކުވެސް ޒިވީ ދޫކޮށެއް ނުލާނަން! މީގެ އެތައް އަހަރެއް ކުރިން ބުނި ގޮތަށް! ދުވަހަކުވެސް ދޫކޮށެއް ނުލާނަން!"

ޒިވިޔާގެ ނޭފަތުގެ ކޮޅުގައި ހިފާ ފިތާލަމުން އަރުޝަދު ބުންޏެވެ.

"ތި ބޯހަރު ކުއްޖާ ތިހާވަރަށް އަހަރެން ދެކެ ލޯބިވާއިރު .....''

ސަމާސާ ރާގަކަށް ޒިވިޔާ ހެއްވާލަން ގަޔާ ތަންކޮޅެއް ދުރުކޮށްލަމުން އަރުޝަދު ބުންޏަސް ޒިވިޔާ އެ އުފުލި ބުރަޔާ ތަޙައްމަލް ކުރި ވޭނީ ދުވަސް ތަކުގެ ވާހަކަ ޒިވިޔާގެ ދުލުން ކިޔައިދެމުން ދިޔައިރު އެ އަޑު އަހާކަށް އަރުޝަދަށް ފަސޭހައެއް ނޫނެވެ. އެ ކަމާ ނުކުޅެދުނީއެވެ.

''މަންމަ ނިޔާވި ވާހަކަ ޒިވީ ބުނީމަ އަހަރެން ވަރަށް ދެރަވެއްޖެ!''

އަރުޝަދު އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ.

''އަހަންނަށް ހީވަނީ މަންމައަށް އެނގޭހެން އަހަރެމެންގެ ގުޅުން! މިހެން މި ބުނީ މަންމަ ނިޔާވިރޭ ބުނި އެއްޗަކުން!'' ހަނދާނަށް ބާރުލަމުން ޒިވިޔާ ބުންޏެވެ.

''ކީކޭ މަންމަ ބުނީ!''

އަރުޝަދު އޮޅުން ފިލުވަން ބޭނުން ވިއެވެ. އެކަމަކު ޒިވިޔާ އެ ވާހަކަ ބުނާކަށް މި ފަހަރު ބޭނުމެއް ނުވިއެވެ.

ދެމީހުން ދެމީހުންގެ ދުނިޔޭގައި ތިއްބާ ކޮޓަރީގެ ދޮރު ހުޅުވާލާފައި ވަން ޒުބޭދާއަށް ފެނުނު މަންޒަރު ގަބޫލުކުރަން ދަތިވިއެވެ. ދެމީހުން ސިއްސައިގެން ދިޔައީ ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށެވެ.

ހީވީ މީހަކު އެމީހުން ސަމާލު ކުރުވަން ލެއްޕީހެންނެވެ. ދޮރު ލެއްޕުނު އަޑާއެކު އަރުޝަދު ޒިވިޔާއާ ދުރަށް ޖެހިލުމަށްފަހު ބުންޏެވެ.

''ޒިވީ، އަހަރެން ޑިއުޓީ ނިމޭނީ ދަންވަރު! ބޭނުން މާދަމާ ޒިވީއާ ބައްދަލުކުރުމުގެ ކުރިން ވަރަށް ގިނަ ކަންކަން ހަމަ ޖައްސަން! އެހެން ވީމާ މިވަގުތު ދާނަން!''

ޒިވިޔާގެ އަތުގެ އިނގިލިތަކަށް ފިތާލަމުން އެ އިނގިލިތައް އަރުޝަދުގެ ނޭފަތުގައި ޖައްސައިލިއެވެ. އަރުޝަދުގެ ލޯބިންފުރިގެންވާ ނަޒަރުން ހިތަށް ލިބުނު އުފާވެރިކަން ފޮރުވަމުން ޒިވިޔާ ބޯ ޖަހައިލިއެވެ.

އަރުޝަދު ހިނގައިގަތީ ނިކުންނާށެވެ. ތަންކޮޅަކަށް ގޮސްފައި އެނބުރި އައިސް އަރުޝަދާ ދިމާއަށް ބަލަހައްޓައިގެން އިން ޒިވިޔާ ގެނެސް މޭގައި ޖައްސައިލަމުން އެއްވެސް އެއްޗެއް ބޭނުންތޯއާ އެންމެ ފަހުން އެއްޗެއް ބުއީ ކޮންއިރަކުތޯ އެހުމަށްފަހު ރަނގަޅަށް ކައިގެން، ދިޔާ އެއްޗެހި ބޮއެގެން އޮންނަން ބުނެފައި ދެން ބުނީ އެދެމީހުން ދިމާވި ވާހަކަ އަދި އެއްވެސް މީހެއްގެ ގާތު ނުބުނުން އެދޭ ކަމަށެވެ. ޒިވިޔާ އާނއެކޭ ބުނަން ބޯ ޖަހައިލުމުން ލޯތްބާއެކު ޒިވިޔާގެ ކޮލުގައި ފިރުމައިލުމަށްފަހު ނިކުމެގެން ދިޔައީއެވެ.

ޒުބޭދާ ކެންޓީނުން އެއްޗެއް ކާލައިގެން އައިއިރު ޒިވިޔާގެ ހަތަރު ފަސް އަހަރުގެ ހިތްދަތި ދިރިއުޅުން އެ ފުށް މިފުށަށް ޖެހިފައިވާކަމެއް ޒުބޭދާއަކަށް ނޭނގެއެވެ. ޒިވިޔާގެ ހަޔާތަށް އާ ދިރުމަކާ ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބިފައިވާ ކަމެއްވެސް ރޭކާނުލައެވެ. އެނގޭނަމަ ޒުބޭދާ ވެސް އެ އުފަލުގައި ބައިވެރިވާނެކަން ކަށަވަރެވެ. ދޮންމަންމައަށް ވިއަސް އެވެ. ކޮޓަރީގެ ދޮރު ހުޅުވާލަމުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާ އެކު ޒުބޭދާއަށް ލިބުނީ ޝޮކެކެވެ.

އަރުޝަދު ކޮޓަރިން ނިކުމެގެން ދާތަން ބަލަހައްޓައިގެން ޒުބޭދާ ހުރީ ތަންކޮޅެއް ދުރުގައެވެ. އެ ރީތި ފިރިހެންވަންތަ ފިރިހެނާ ކޮންމެވެސް ތަނަކުން ދުށް ހަނދާނެއް ވެސް ވިއެވެ. އެހެން ނަމަވެސް ކާކުކަން ނޭނގޭތީ ޒުބޭދާ ކަންބޮޑުވީ ފެނުނު މަންޒަރަކީ އާދައިގެ މީހަކާ ޒިވިޔާއާ ދެމެދު އޮންނާނެ ފަދަ ގުޅުމަކަށް ނުވާތީއެވެ.

ޒުބޭދާ އެނބުރި އައިސް ކޮޓަރިއަށް ވަނުމުން ފެނުނީ ޒިވިޔާގެ މޫނުމަތިން މިއން ދުވަހަކު ވެސް ނުފެންނަ ފަދަ އުފާވެރިކަމެކެވެ. ލޯ މަރައިގެން އޮތަސް އެ މޫނުމަތިން އާދަޔާ ޚިލާފު ހަމަ ޖެހުމެއް ޒުބޭދާއަށް ފާހަގަ ކުރެވުނެވެ. މިވީ ގޮތަކާ ބެހޭގޮތުން ޒިވިޔާއާ ސުވާލުކޮށްފައި ނޫނީ ޒިވިޔާގެ ބައްޕަ ގާތު އެއްވެސް އެއްޗެއް ނުބުނަން ޒުބޭދާ ނިންމިއެވެ.

ޑިއުޓީ ނިންމާފައި ގެއަށް ގޮސް އަރުޝަދު ވަރަށް ގިނަ ގޮތްގޮތަށް ވިސްނިއެވެ. އަންހެނުންނަށް މި ވާހަކަ ކިޔައިދޭނެ ގޮތެކެވެ. މި ހުރިހާ ކަމެއް އެނގުމުން ދެން ދިރިއުޅުމަށް އަންނާނެ ތޫފާނުގެ ބާރުގެ ކުޑަ ބޮޑުމިނެކެވެ. އަރުޝަދުގެ ދަރިފުޅުގެ މުސްތަގުބަލަށެވެ.

ނިދަން ތައްޔާރުވެގެން ފާޚާނާއިން ނިކުތް އަރުޝަދު އެނދުގައި އޮށޯތުމުން ވެސް ނިދޭ ގޮތެއް ނުވިއެވެ. ފިކުރު ކުރެވެނީއެވެ. ހާސްވަނީއެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތަސް މިފަހަރު އަރުޝަދު ޒިވިޔާ މިލްކަކަށް ހަދާނެއެވެ. ޒިވިޔާއާ އަލުން ބައްދަލުވުމުގެ އުފާ ކިތަންމެ ބޮޑަސް ދިރިއުޅުމަށް ދެން ބިންދާލާނެ ރާޅުގެ ބާރުމިނަށް ވިސްނަން އޮތްވާ އަރުޝަދަށް ނިދުނީ ވަރަށް ލަސްވި ފަހުންނެވެ.

އަރުޝަދަށް ފެނުނީ ޒިވިޔާ އެގޭގައި އުޅެމުންދާ މަންޒަރެވެ. އަރުޝަދުގެ އަންހެނުން ވެސް އުޅެއެވެ. އަރުޝަދުގެ އަންހެނުންނަކަށް ޒިވިޔާ އެއީ އަރުޝަދުގެ ކާކު ކަމެއް ނޭނގެއެވެ. ޒިވިޔާގެ ވާހަކަ އަންހެނުން ގާތު ބުނީ އަރުޝަދެވެ. އަންހެނުން އެވާހަކައާ މެދު ހިތްހަމަ ނުޖެހިގެން ޒުވާބު ކުރަނީއެވެ. އެ އަޑު އިވެނީ ޒިވިޔާ އަށެވެ. އަރުޝަދަށް ފެނުނީ ޒިވިޔާ ދުއްވާގަތް ތަނެވެ. އެ އުސް ޢިމާރާތުގެ ބެލްކަންޏަށް ނުކުމެ ޒިވިޔާ ޢިމާރާތުން ފުންމާލަނީއެވެ. ފަހަތުން ދިޔަ އަރުޝަދަށް ހިފެނީ ޒިވިޔާގެ ހެދުމުގެ ތަންކޮޅެއްގައެވެ. ހެދުން ވީދިގެން ޒިވިޔާ ތިރިއަށް ސޮއްސާލަނީއެވެ. އަރުޝަދު ވަރަށް ބާރަށް ޒިވީއޭ ކިޔާ ހަޅޭއް ލަވައިގަތެވެ.

ފާޚާނާއަކަށް ދާންޖެހިގެން ތެދުވެފައި ގަޑިން ވީއިރެއް ބަލާލަން ފޯނުގެ ސްކްރީނަށް ނަޒަރު ހުއްޓާލި ޒީނާއަށް އަރުޝަދުގެ ހަޅޭކުގެ އަޑު އިވުނެވެ.

''ޒިވީ! ... ޒިވީ!''

ޒީނާއަށް ލިބުނީ ޙައިރާންކަމެކެވެ. އަރުޝަދަށް ބަލަހައްޓައިގެން ހައިރާން ވެފައި ހުރި ޒީނާއަށް ދެން ފެނުނީ އަރުޝަދު ފުންމައިގެން ތެދުވެ މާނޭވާ ލަމުން ދިއަތަނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލަތައް މަހާލައިގެން ބާރަކަށް އިސްތަށިގަނޑަށް ދަމަނީއެވެ. މީހާ އިނީ ދަލުން ފޯވެފެއެވެ. މޫނުމަތިން ފެނުނީ މީހާ ބިރުގެންފައިވާ މިންވަރެވެ. އޭރުވެސް އަރުޝަދަކަށް ޒީނާއެއް ނުފެނެއެވެ.

ޒީނާ މަޑު މަޑުން އަރުޝަދާ ގާތަށް ޖެހިލާ އަރުޝަދުގެ އަތުގައި ހިފައިލިއެވެ. ސިއްސައިގެން ދިއުމާއެކު އަރުޝަދު އިސްއުފުލާ ޒީނާގެ މޫނަށް ބަލައިލިއެވެ. ދެން ހަމަ އެ ސިކުންތުގައި ފުންމައިގެން އައިސް ޒީނާގެ ގައިގާ ބައްދައިގަތެވެ. އަދި މަޑުމަޑުން ''ނޫން، ނޫން އެހެނެއް ނުވާނެ!'' އޭ ދެތިން ފަހަރަކު ބުނެލިއެވެ. ޒީނާ ހުރީ އަރުޝަދުގެ ބުރަކަށީގައި ފިރުމާލަ ފިރުމާލައެވެ. އަރުޝަދު ހަމަޖެހެން ވަގުތު ދީގެންނެވެ. ދެން އޭގެ ފަހުގައި ޒީނާގެ ގައިން ދޫކޮށްލުމަށްފަހު އިސްޖަހާލަމުން ސޮރީއޭ ބުންޏެވެ.

ޒީނާ ފެންތައްޓެއް އަޅާއިގެން އައިސް އަރުޝަދަށް ދިއްކޮށްލިއެވެ. އަރުޝަދު ފެންތަށި އަތުލި އިރުވެސް ޒީނާގެ މޫނަކަށް ނުބަލައެވެ. ކިތަންމެ ވަރަކަށް ހަމަ ޖެހެން މަސައްކަތް ކުރިއަސް އެ މޫނުމަތިން، ފެނުނު ހުވަފެނުގެ ބިރުވެރިކަން ފިލައި ނުދެއެވެ. ފެންފޮދެއް ބޯލުމަށްފަހު އަރުޝަދު ޒީނާއަށް ތަށި ދިއްކޮށްލިއެވެ. ތަށި ގެން ގޮސް ބެހެއްޓުމަށްފަހު ޒީނާ އައިސް އިށީނީ އަރުޝަދު ގާތުގައެވެ.

''ހަސަން، މިހާރު ދެން ތި ވާހަކަ ކިޔައި ދޭން ވެއްޖެނު. ޒިވީ އެއީ ކާކުތަ!''

ޒީނާގެ ޚިޔާލީ ވާފަށް ދަތުރުކޮށް ދިޔައީ މިއަދު އޭނަގެ އެންމެ ގާތް ރަހުމަތްތެރިޔާ ދެއްކި ވާހަކަ ތަކާ ދިމާއަށެވެ.

''އަނެއްކާ އެއީ އަހަރެންގެ ރަޙުމަތްތެރިޔާބާ! ނޫން ނޫން އެހެނެއް ނުވާނެ!'' ޒީނާއަށް ދެއަތަކަށް ބޯ ހޫރާލެވުނީ ސިކުނޑިއަށް ބާރު ބޮޑުވިވަރުންނެވެ. އެއީ ޒިވިޔާއަށް ނުވުމަށް އެދި ޒީނާ ހާސް ހާސް ފަށުން ދުޢާ ކުރިއެވެ. ޒީނާއަށް ނޭނގުނީ ތަދުބީރަށް ވުރެ ތަޤުދީރުގެ ރޭއްވެވުން މޮޅުކަމެވެ.

ޒީނާ ބުނި އެއްޗެއްގެ އަޑު ނީވުނަސް އަރުޝަދު އަނގައިން ބަހެއް ނުބުނެ އިންގޮތަށް އިނދެފައި ބަލައިލީ ޒީނާގެ މޫނަށެވެ. ޒީނާގެ ހިތުގައި ހިނގަމުން ދިޔަ ހައިޖާން ދޭހަވާފަދަ ނަޒަރަކުންނެވެ. އެހެން އިރުކޮޅަކު ބަލަން އިނުމަށްފަހު އަނެއްކާ ވެސް އިސް ޖާހާލިއެވެ.

''އަހަންނަށް ހީވަނީ މިހެން އުޅެގެން ދުވަހަކު ވެސް އަހަރެމެންނަކަށް ހަމަ ޖެހުމެއް ނެތްހެން! ވާހަކަ ދައްކައިގެން ކަންތައް ހައްލު ކުރެވޭނީ! .......... އަހަންނަށް އެނގޭ ހަސަން ލޯބިވާ ފަރާތެއް ވާކަން!........ އެއީ އަހަރެން ނޫންކަން ވެސް!...... ދެން ރީތިކޮށް ބުނަންވީނު!''

ޒީނާ ލަސް ލަހުން ބުނަމުން ދިޔަ ވާހަކަ ހުއްޓާލީ އަރުޝަދު އެއްޗެއް ބުނާނެ ކަމަށް ހީކޮށްފައެވެ. ޒީނާގެ އަޑުގައިވަނީ ވިސްނައިދޭފަދަ ގޮތެކެވެ. ހިތަށް ކިތަންމެ އަސަރެއް ކޮށްފައިވިޔަސް އެކަން ފާޅު ކުރާކަށް ޒީނާ ބޭނުމެއް ނޫނެވެ.

''ޒީ! ... ''

އަރުޝަދަށް ވާހަކަ ދައްކާކަށް ފަސޭހައެއް ނުވިއެވެ.

ޒީނާ ވިސްނުމަކަށް ގެއްލިފައި އިރުކޮޅަކު އިނުމަށްފަހު ވާހަކަ ދައްކަން ފެށީ އަރުޝަދު އޭނަގެ ނަން ކިޔައިލުމުންނެވެ. ކުރެހިފައިވާ އަޑަކުންނެވެ.

''އަހަރެން ގަބޫލުކުރާނަން! .......އަހަންނަކީ ހެޔޮ އެދޭ މީހެއްކަމަށް ބަލާ! ހަސަންއަށް ދެރަ ގޮތަކަށް ވުމަކަށް ނޭނދޭނަން! ...ދުވަހަކުވެސް ނޭދޭނަން!''

މަޑު ޖައްސައިލުމަށްފަހު ޒީނާ ވާހަކަ ކުރިއަށް ގެންދިއައެވެ.

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.