މޭޔަރ މުއިއްޒުގެ ނަމުގައި ފޭކް މެސެޖުތަކެއް އަނެއްކާވެސް ދައުރުވަނީ

މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒުގެ ނަމުގައި އަނެއްކާވެސް ފޭކް މެސެޖްތަކެއް ދައުރުކުރަމުންދާތީ އެކަމަށް ސަމާލުވުމަށް މޭޔަރ އެދިލައްވައިފިއެވެ.

މި ކަންބޮޑުވުންތައް މީޑިއާތަކުގެ ސަމާލުކަމަށް ގެންނަވަމުން މޭޔަރ ވިދާޅުވީ މޭޔަރ މުޢިއްޒުގެ އަމިއްލަ ފޯނު ނަމްބަރު ބޭނުންކޮށްގެން އެސްއެމްއެސް އަދި ވައިބަރ ވަޓްސްއެޕް އާއި އެނޫންވެސް އެޕްލިކޭޝަންތައް ބޭނުންކޮށްގެން އެފަދަ މެސެޖްތައް އެކި ފަރާތްތަކަށް ފޮނުވަމުންދާކަމަށެވެ. އަދި މިކަމަށް ހުރިހާ ނޫސްވެރިންވެސް ސަމާލުވެލެއްވުމަށް މޭޔަރ އެދިވަޑައިގެންނެވިއެވެ.

މީޑިއާތަކަށް ކުރެއްވި މެސެޖްގައި މޭޔަރ ވިދާޅުވީ މިފަދަ އެއްވެސް މެސެޖެއް މޭޔަރ ގެ ނަމުގައި ލިބިއްޖެނަމަ މޭޔަރ ކައިރިން އައްސަވާ އެއީ މޭޔަރ ފޮނުއްވި މެސެޖެއްތޯ ޔަޤީން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

މޭޔަރ މިފަދައިން އެދި ވަޑައިގެންނެވީ ރޭ ޓީވީ ޕްރޮގްރާމެއް ހިނގަމުން ދިޔަ ވަގުތު ނޫސްވެރިޔަކަށް މޭޔަރ ގެ ނަމުގައި މިފަދަ މެސެޖްތަކެއް ފޮނުވާފައިވާތީ މިކަން ސަމާލުކަމަށް ގެންނަވަމުންނެވެ. އެ މެސެޖްތަކުގައި އެވަގުތު ޕްރެޒެންޓަރާއި އެއްކޮށް ތިއްބެވި މެހެމާނުންނާއި ވަކި ސުވާލުތަކެއް ކުރުމަށް އެދިފައިވާކަމަށާއި، އެ ޕްރޮގްރާމް އެވަގުތު ދައްކަމުން ދިޔަކަން މޭޔަރ މުޢިއްޒުއަށް އެނގި ވަޑައިނުގަންނަވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ ކުރިންވެސް މޭޔަރ މުޢިއްޒުގެ ނަމުގައި އެކި ފަރާތްތަކަށް މިފަދަ މެސެޖްތައް ދެ ފަހަރެއްގެ މަތިން ވަނީ ފޮނުވާފައެވެ. އެހެން ކަމުން އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމާއި މިފަދަ މެސެޖްތައް ޔަޤީން ކުރުމަށް މޭޔަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.