މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ވަރަށް ފިއުލް ސަޕްލައި މޯލްޑިވްސްއަށް ތެޔޮ ސަޕްލައި ނުކުރެވުމުން އިއުލާނުކޮށްގެން ތެޔޮ ފޯރުކޮށްދޭނެ ބަޔަކު ހޯދަން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 95 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ. މި ނިންމުން މާލެ ސިޓީ ކައުންސިލުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ ދުވަހުންދުވަހަށް ކުރަންޖެހޭ މަސައްކަތްތަކުގައި ބޭނުންކުރާ ވެހިކަލްތަކަށް ބޭނުންވާ ވަރަށް އެފްއެސްއެމުން ޕެޓްރޯލް އަދި ޑީސަލް ސަޕްލައި ނުކުރުވެމުގެ ސަބަބުންނެވެ. މާލެ ސިޓީ ކައުންސިލަށް ޕެޓްރޯލް އަދި ޑީސަލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ނިންމާފައިވަނީ އިއުލާނުކޮށްގެން ބިޑު ކުރުމަށްފަހުއެވެ.
ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ ވެހިކަލްތަކަށް ބޭނުންވާ ޑީސެލް ނުލިބުމަކީ މާލޭ ސިޓީ ކައުންސިލުން ފޯރުކޮށްދެމުން އަންނަ އެތައް ހިދުމަތްތަކަކަށް ބުރޫ އަރާނެ ކަމެއް ކަމަށެވެ. މޭޔަރ ވިދާޅުވީ އެފްއެސްއެމަށް މާލެ ސިޓީ ކައުންސިލުން ފައިސާ ދެއްކުމުގައި ވެސް އެއްވެސް މައްސަލައެއް ޖެހިފައި ނުވާނެ ކަމަށެވެ.
މި ޖަލްސާގައި މާލެ ސިޓީ ކައުންސިލްގެ ސެކެޓްރީ ޖެނެރަލް މުޖްތަބާ ޖަލީލް ވިދާޅުވީ އެފްއެސްއެމުން ސަޕްލައިކޮށްދޭ ޕެޓްރޯލް އަދި ޑީސެލްއިން މާލެ ސިޓީ ކައުންސިލުގެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުން ކުރާ ވެހިލަކްތަކަށް ދުއްވެނީ އެންމެ 2 ދުވަހު ކަމަށެވެ. ސެކެޓްރީ ޖެނެރަލް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލުން ޑީސެލް ލިބުމުގައި ދަތިތަކާއި ކުރިމަތިވުމުގެ ސަބަބުން ވޭއިތުވެ ދިޔަ 2 ހަފްތާގެ ތެރޭގައި 2 ފަހަރެއްގެ މަތިން މާލެ ސިޓީ ކައުންސިލުން ދެމުންއައި ހިދުމަތްތައް ހުއްޓާލަން ޖެހުނު ކަމަށެވެ.
މީގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރ ސައިފް ފާތިހު ވިދާޅުވީ މާލެ ސިޓީ ކައުންސިލަކީ ސަރުކާރުގެ އިދާރާއެއް ކަމަށާއި ކައުންސިލަކީ ތެލުން ވިޔަވާރި ކުރާ ބައެއް ނޫން ކަމަށެވެ. އެހެންކަމުން އެއްވެސް މައްސަލައެއް ނުޖެހި ޕެޓްރޯލް އަދި ޑީސަލް ކައުންސިލަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.
މި ޖަލްސާގައި މާލެ ސިޓީ ކައުންސިލަށް ޑީސެލް އަދި ޕެޓްރޯލް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެފްއެސްއެމް އާއި އަލުން މަޝްވަރާ ކުރުމަށްވެސް ވަނީ ނިންމާފައެވެ.