ބްލޫ ރިބަން: އަސާސީ ޕެންޝަން

އިސްރަށްވެހިންނަށް ނުވަތަ ޢުމުރުން ދުވަސްވީ މީހުންނަށް ، ސަރުކާރުންވަނީ އަސާސީ ޕެންޝަނެއް ހަމަޖައްސަވާފައެވެ. އެއީ ފަސްހާސް ރުފިޔާއެވެ. ވިހިތިރީސް ނުވަތަ ސާޅީސް އަހަރުވަންދެން ވަޒީފާ އަދާކުރީމާ ޙައްޤުވާ ޕެންޝަން ، އަސާސީ ޕެންޝަނުން ކެނޑެއެވެ. ދިގުމުއްދަތަކަށް ، ސަރުކާރުގެ ވަޒީފާ އަދާކުރީމަ ، ނުވަތަ އެނޫންވެސް ގޮތަކުން ލިބޭ ޕެންޝަން ، ދިހަހާސް ރުފިޔާއަށްވުރެ އިތުރު ވާނަމަ ، 65 އަހަރުވެގެން ލިބޭ އަސާސީ ޕެންޝަން ޙައްޤެއް ނުވެއެވެ.

ދިގުމުއްދަތެއްގައި ސަރުކާރަށް ޚިދުމަތްކޮށްގެން ޕެންޝަނުގެ ގޮތުގައި ލިބޭ ފައިސާއަކީ ، އަސާސީ ޕެންޝަނުން ކެނޑޭ ފައިސާއެކެވެ. މިސާލަކަށް ، އެތައް ދުވަހަކު ސަރުކާރަށް ޚިދުމަތްކޮށްގެން ލިބޭ ޕެންޝަނުގެ ޢަދަދަކީ  ތިންހާސް ރުފިޔާކަމަށް ވާނަމަ ، އަސާސީ ޕެންޝަނަށް ލިބެނީ ދެހާސް ރުފިޔާއެވެ. އަސާސީ ޕެންޝަނުގެ ފަސްހާސް ރުފިޔާ ހަމަކުރެވެނީ ، ޢުމުރުދުވަހު ޚިދުމަތްކުރީމަ ޕެންޝަނަށް ލިބޭ ފައިސާ ކަނޑާފައެވެ. ޢުމުރުދުވަހު ޚިދުމަތްކުރީމަ ލިބޭ ޕެންޝަނަކީ ވަކި ޕެންޝަނެކެވެ. އަސާސީ ޕެންޝަނަކީ ވަކި ޕެންޝަނެކެވެ. ޤާނޫނާއި ޤަވާޢިދުތައް ހެދެން ޖެހޭނީ ، އެންމެހައި ޙައްޤުތަކުން ރައްޔިތުން މަހުރޫމު ނުކުރެވޭނެ ގޮތަކަށެވެ.

ފާހަގަ ކޮށްލަންޖެހޭ މުހިންމު ނުކުތާއެއް މިކަމުގައި އެބައޮތެވެ. މުސާރައިގެ ދެބައިކޮށްފަ އެއްބައި ސަރުކާރަށް ދައްކައިގެން ، ޢުމުރުދުވަހު ، ސަރުކާރަށް ޚިދުމަތްކުރީމާ އެލިބެނީ އެމީހަކު އެކުރި ޚިދުމަތަކަށް ޙައްޤު ޕެންޝަނަކަށްވާއިރު ، 65 އަހަރުވީމަ ޙައްޤުވާ އަސާސީ ޕެންޝަނަކީ އެހެން އަސާސެއްގެ މައްޗަށް ބިނާވެގެން ، ޢުމުރުން ދުވަސްވީމަ ލިބޭ ޕެންޝަނެކެވެ. އެ ދެ ޕެންޝަންވެސް ، އެމީހަކަށް ޙައްޤުވާނެއެވެ. ދެޕެންޝަނުންކުރެ ، އެއްޕެންޝަނަކުންވެސް އެއްޗެއް ކެނޑިގެންނެއް ނުވާނެއެވެ. އެއީ އިންޞާފެއްނޫނެވެ. އޭގެ ހެއްކަކީ ، ނުކުޅެދުންތެރިކަންހުންނަ މީހުންނަށް ދެވޭ އެލަވަންސެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ އެލަވަންސަކީ ، އަސާސީ ޕެންޝަނުން ކެނޑޭ އެއްޗެއްނޫނެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވޭ ދެހާސް ރުފިޔާއާއެކު ، އަސާސީ ޕެންޝަނުގެ ފަސްހާސްލިބިގެން އެފަދަ މީހުންނަށް ހަތްހާސް ރުފިޔާ ލިބެއެވެ. އެހެންކަމަށްވާނަމަ ، ދިގުމުއްދަތަށް ސަރުކާރަށް ޚިދުމަތްކޮށްގެން ލިބޭ ޕެންޝަނުގެ ފައިސާ ، އަސާސީ ޕެންޝަންގެ ފައިސާއިން ކެނޑިގެން ނުވާނެއެވެ. އެއީ ދެކޮޅުޖެހޭ ކަމެއްނޫނެވެ. އެ ދެޕެންޝަންވެސް ހަމަޔަށް ލިބެން ޖެހޭނެއެވެ.

ޕެންޝަނާބެހޭ ޤާނޫނަށް ބަދަލުތަކެއް ގެންނަން އެބަ ޖެހެއެވެ. އެކަމަކު އެކަން ކުރަން ، ރައްޔިތުންގެ މަޖލީހުގައި ތިބޭ "ޢިއްޒަތްތެރި" މެންބަރުންގެ ވިސްނުމެއް އެހާހިސާބަކަށް ނުފޯރާނެއެވެ. އެއީ ފުދި އިތުރުވާ ވަރަށް ، ރައްޔިތުންގެ ޓެކްސް ފައިސާއިން ސެކިއުރިޓީއާއި ، މުސާރައާއި ޢިނާޔަތްތަކާ ، ކެއުމާއި ބޭސްފަރުވާ ކޮށްދެވޭ ބަޔެކެވެ. އެހެންނޫނަސް ސިޔާސީ ކޯޅުމުގައި ، ރައްޔިތުންގެ މަޖިލީސް މިހާރު އެވަނީ އެކަކު އަނެކެއްގެ ގަޔަށް އަތްލައި ، އަބުރުކަތިލައި ، ހަޑިހުތުރު ޒުވާބުކުރާ ހަރުގެޔަކަށް ބަދަލުވެފައެވެ. އެއީ ، ޤާނޫނާ ޤަވާޢިދާ އެއްގޮތަށް ހިނގާތަނެއްނޫނެވެ. އެއީ އެތަނަށް ވަދެތިބި މެންބަރުން ބުނާ ވާހަކައެކެވެ. ހުރިހާ މުޞީބާތަކާ ގެއްލުމެއް ކުރިމަތިވަނީ ނިކަމެތި ރައްޔިތުންނަށެވެ.

އަސާސީ ޕެންޝަނުގެ ގޮތުގައި ދެހާސް ރުފިޔާ ދޭންފެށީ 2010 ގައެވެ. އޭގެ 9 އަހަރުފަހުން ،  މާރޗް 2019 ގައި އަސާސީ ޕެންޝަންވަނީ ފަސްހާސް ރުފިޔާއަށް މަތިކުރެވިފައެވެ. ޕެންޝަނާބެހޭ ޤާނޫނު ބުނާގޮތުން ، މަދުވެގެން އަހަރަކު އެއްފަހަރު ދިރިއުޅުމުގެ ފެންވަރު ބަލައި ، ދިރިއުޅުމުގެ ފެންވަރު 5 އިންސައްތަޔަށްވުރެ މަތިވެއްޖެނަމަ ، އަސާސީ ޕެންޝަންގެ ޢަދަދު އިޞްލާޙުކުރުމަކީ ، ސޯޝަލް ސެކިއުރިޓީއާ ބެހޭ ކަންކަން ބަލަހައްޓާ މުއައްސަސާއެއްގެ މައްޗަށް ލާޒިމްކޮށްފައި އޮންނަ ކަމެކެވެ. މިވޭތުވެދިޔަ ދެތިންހަތަރު އަހަރެއްގެ ތެރޭގައި ، ދިރިއުޅުމުގެ ފެންވަރު މިވަނީ ފަސް އިންސައްތަޔަށްވުރެ މައްޗަށް އުފުލިފައެވެ.

2019 ވަނައަހަރު ، އެންމެ މީހެއްގެ އެވްރެޖް ޚަރަދު ހުރީ 5،439 ރުފިޔާގައެވެ. 2023 ގައި މިޢަދަދުވަނީ 11،724 ރުފިޔާއަށް ނުވަތަ ދެގުނަޔަށްވުރެ މަތިވެފައެވެ. އެއީ ކޯވިޑް 19 ގެ ޢާލަމީވަބާއާއި ، ރަޝިއާ – ޔުކްރޭން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިޤްތިޞާދަށް ލޮޅުންއަރައި ، ރާއްޖޭގެ އިޤްތިޞާދަށްވެސް އައިސްފައިވާ ބަދަލާ ގުޅިގެންނެވެ.

ޕެންޝަނާބެހޭ ޤާނޫނުބުނާގޮތުންވެސް ، އަސާސީޕެންޝަނުގެ ޢަދަދު މިހާރު މިވަނީ އިޞްލާޙުކޮށް ބޮޑުކުރަން ޤާނޫނީގޮތުން ލާޒިމްވެފައެވެ. އަސާސީ ޕެންޝަނަށް ލިބޭ ޢަދަދު މަތިކުރައްވާނެކަމުގެ ޢިޝާރާތެއް ، ސަރުކާރުންވެސްވަނީ ދެއްވާފައެވެ. ހެޔޮ ބަދަލަކާއެކު ، ހަމަހަމަ އަދި އިންޞާފުވެރިގޮތެއްގައި މިކަންވެގެން ދިއުމަކީ ގިނަބަޔެއްގެ އުއްމީދާ ގުޅިފައިވާ މުހިންމު ކަމެކެވެ.

1 ޚިޔާލު

  1. ވަރަށް ރަނގަޅު ވާހަކައެއް. މުޅި އުމުރު ސަރުކާރަށްޚދުމަތްކުރީމާ މިލިބެނީ އަމިއްލަ މުސާރައިން ޖަމާކުރި ފައިސާ. އެއްވެސް ވަޒީފާއެއް އަދާނުކުރިއަސް 65 ވީމަ 5000 ލިބޭ. ކިހާ ސަޅި!!!🇲🇻

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.