މާފުށީ ޖަލުގައި މިވަގުތު ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގަތްޔޫމްއާ މިވަގުތު ބައްދަލު ކުރުމުގެ ފުރުޞަތު މައުމޫންގެ އާއިލާ ބޭފުޅުންނަށާއި ވަކީލުންނަށްވެސް ދެވެން ނެތް ކަމަށް އަންގައިފިއެވެ.
މައުމޫންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޤާނޫނީ ވަކީލް މައުމޫން ޙަމީދު މިއަދު ވިދާޅުވީ ޖަލުގައި ހުންނެވި ބޮޑުބޭބޭފުޅާ ބައްދަލު ކުރަން އެދުމުން ކަރެކްޝަންއިން އަންގާފައި ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އޮތުމުން ބައްދަލު ނުކުރެވޭނެ ކަމަށެވެ. ވަކީލުންގެ އިތުރުން ކުއްލި ނުރައްކަލުގެ ޙާލަތުގައި އާއިލާ ބޭފުޅުންނާވެސް ބައްދަލު ކޮށްދެވެން މިހާރު ނެތް ކަމަށް އަންގާފައިވާ ކަމަށް މައުމޫން ޙަމީދު ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުގެ އަމުރާއި ގުޅިގެން އުފެދުނު ނުތަނަވަސް ކަމުގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާން ކުރުމަށް ފަހު މައުމޫން ހައްޔަރު ކޮށްގެން އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ދޫނިދޫ ޖަލަށެވެ. ދޫނިދޫ ޖަލުގައި މައުމޫން ހުންނެވިއިރު ވަނީ މައުމޫންގެ ވަކީލުންނާއި އާއިލާ ބޭފުޅުންނާވެސް ބައްދަލު ކުރެވޭގޮތް ހަދައިދީފައެވެ. ނަމަވެސް މައުމޫންގެ ވަކީލުން އަރަބި ބަހުން މައުމޫނާ ވާހަކަ ދައްކާތީ ދިވެހި ބަހުން ވާހަކަ ދެއްކުމަށް އޭރު އެންގިއެވެ.
މައުމޫންގެ މައްޗަށް ކުރެވޭ ތުހުމަތު ތަކުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުއްވައިގެން ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތު ހިމެނެއެވެ.