(30 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެގާރަވަނަ ބައި
ދެ ކޮނޑު އުފުލާލަމުން އަރުޝަދު ގޮސް ހުއްޓުނީ ބަދިގޭގެ ކުޑަދޮރު ކައިރީގައެވެ. ބޭރުން ފެންނަ ހަނދުވަރުގެ އަލިކަމުގެ ތެރެއިން އަރުޝަދު އެއްވެސް އެއްޗެއް ނުހޯދައެވެ. އެހެންނަމަވެސް ފިލްމެއްގެ މަންޒަރުހެން ދެންމެ ހިނގި އެކްސިޑެންޓް އޭނަގެ ލޯމަތީ ސިފަވަމުން ރޯލް ވަމުން ދިއައެވެ. އެ ތުންފަތުގައި ވަނީ މާނަވީ ހިނިތުންވުމެކެވެ.
އަރުޝަދު ގޮސް ކުޑަދޮރުކައިރީ ހުއްޓުމުން އިސް ޖެހިފައިވާ ޒިވިޔާ އިސްއުފުލާ އަރުޝަދުގެ ރީތި ސޫރައަށް ފަރުވާތެރިކަމާއެކު ބަލަމުން ދިއައެވެ. އަރުޝަދުގެ ފުރަގަހުންނެވެ. އެ ގޮތަށް އިރުކޮޅެއް ވީފަހުން އަރުޝަދު ކުއްލިއަކަށް އެނބުރި ޒިވިޔާއަށް ބަލައިލިއެވެ. ވަގު ހިފިއްޖެކަމުގެ އިހުސާސް ޒިވިޔާއަށް ކުރެވުނެވެ. މޫނު ލަދުން ރަތް ވެގެން ދިއައެވެ. މޫނުމަތިން ފާޅުވީ ހިނިތުންވުމެކެވެ. އެހެންނަމަވެސް ދެނަހުރިކަމަށް ވެސް ހަދާ ނުލާ ސިންކު ތެރެއަށް އަތުން ދޫވެގެން ވެއްޓިފައި އޮތް ބިއްލޫރިތަށި ނަގާ އަލުން ދޮވެގެން ހިނގައިގަތީ ކާމޭޒާ ދިމާއަށެވެ.
ޒިވިޔާގެ މި ފަރިފަރި ޙަރަކާތްތަކަށް ބަލަހައްޓައިގެން މިހެން ކިތަންމެ އިރަކު ހުއްޓަސް ހިތެއް ނުފުރޭނެއޭ އަރުޝަދު ހިތަށް އެރިއެވެ. އެހެންނަމަވެސް ދެން އައިސް ކާން އިށީނެވެ.
އަރުޝަދު އިށީނުމުން ޒިވިޔާ ބޭނުންވީ އަރުޝަދު ނިމެންދެން ކާކޮޓަރިން ބޭރުގައި މަޑުކޮށްލާށެވެ. ޒިވިޔާ ދާތަން ބަލަން އިރުކޮޅަކު އިނުމަށްފަހު އަރުޝަދު ޒިވިޔާއަށް ގޮވައިލިއެވެ.
''ބޭރުގައި މަޑުކޮށްލާނަން!'' ތުރުތުރުލާ އަޑަކުން ލަދުވެތި ގޮތަކަށް ޒިވިޔާ ބޭނުންވާ ގޮތް ބުނުމުން، އަރުޝަދު ވެސް ދެކޮޅެއް ނެހެދިއެވެ.
އެރޭ ދެމީހުން ވައިބާރއިން ވަރަށް ގިނައިރު ވާހަކަ ދެއްކިއެވެ. އަރުޝަދު އެތައްފަހަރަކު ޒިވިޔާ ކައިރިން މައާފަށް އެދުނެވެ. އެ ގޮތަށް ކަންތައް ކުރެވުނީ ޒިވިޔާއަށް އެދޭ ވަރު ބޮޑުކަމުން ކަމަށް ތަކުރާރުކޮށް ބުންޏެވެ.
އެކަން ޒިވިޔާއަށް ގަބޫލު ކުރެވުނަސް އެކަމާ އެއްފަހަރު ވެސް އެއްބަހެއް ނުވެއެވެ. އެހެންނަމަވެސް އަރުޝަދު ކުރީ ކުށެއް ކަމަށެއް ވެސް ނުބުނެއެވެ.
ދުވާލުގެ އަރާ އިރާ އެކު އަރުޝަދު މިހާރު ޒިވިޔާގެ ހާލު ބަލައެވެ. ރޭގަނޑު ރަނގަޅަށް ނިދުނުތޯ އަހައެވެ. ދުވާލުގެ ތާވަލް އޮންނަ ގޮތް އޮޅުން ފިލުވައެވެ. އޮއްސޭ އިރާއެކު ބަރާބަރަށް ހުރިހާ ވަގުތެއްގައި ވެސް ކެއިތޯ އަހައެވެ. އަރުޝަދުގެ މި އޯގާތެރިކަމާ އަޅާލުމުގެ ސަބަބުން ޒިވިޔާގެ ހިތް އަރުޝަދަށްޓަކައި ފުރި އުތުރެމުން ދެއެވެ. އަރުޝަދު ޒިވިޔާ ދެކެ ލޯބިވެޔޭ ލަފުޒު ތަކަކުން ނުބުންޏަސް އެއީ މިހާރު ޒިވިޔާއަށް ކަށަވަރު ކަމެކެވެ. ޒިވިޔާ ގަބޫލުކުރާ ގޮތުގައި ލަފުޒު ތަކަކުން ލޯބިވާވާހަކަ ބުނުމަށްވުރެ ޢަމަލުން މި ގޮތަށް ދެއްކުން މާރަނގަޅެވެ.
އަރުޝަދު ޒިވިޔާގެ ރަށުގައި މަސައްކަތް ކުރާތާ ފަސް މަސް ހަމަވަނީއެވެ. ރަށުގެ އެންމެން ގަބޫލުކުރާ ގޮތުގައި އަރުޝަދަކީ އެހާ ތަނަށް އެ ރަށު ހޮސްޕިޓަލުގައި މަސައްކަތް ކުރި އެންމެ އަޚުލާގު ރަނގަޅު ދީނަށް ލޯބި ކުރާ، ބަލިމީހުންނަށް ހެޔޮ އަޅާލާ ޑޮކުޓަރެވެ. މި ސަބަބުތަކަށްޓަކައި ރަށުމީހުންގެ ލޯތްބާ އިހުތިރާމް އަރުޝަދަށް އޭގެ ނިހާޔަތަށް ލިބެމުންދިއައެވެ. ރޭގަނޑުގެ ޑިއުޓީތަކުގައި ދެ އަންހެން ކުއްޖެއްގެ ބެލެނިވެރިކަން ކުރިއަސް އަރުޝަދަށް އޮންނަ އިތުބާރަކުން އެއްވެސް މީހަކު އެކަމަކާ ބެހި ވާހަކަ ދައްކާ ނަހަދައެވެ. ސަބަބަކީ އެ ދެ އަންހެން ކުދިންނަކީ ވެސް އުޅުން ރަނގަޅު ދުވަހަކުވެސް ހުތުރު އަޑެއް އިވިފައިވާ ދެކުދިންނަށް ވެސް ނުވުމެވެ. ހޮސްޕިޓަލުގެ ތެރޭގައި ވެސް ބަޔަކު ޝައްކުވެ ކުށް ހީއެއްވެސް ކުރާ ޒާތަކަށް މިއިން އެކަކު ވެސް ނޫޅެއެވެ.
ދަންވަރު ޑިއުޓީ ނިމިގެން ގެއަށް ދިއަ ވިއްސާރަ ރެއެކެވެ.
މުއީޒާ ގެއަށް ވަނުމުން ޒިވިޔާ ގޮވައިގެން އަރުޝަދު ހިނގައިގަތީ ވާރޭ ވެހިގަތުމުގެ ކުރިން އަވަހަށް ޒިވިޔާ ގެއަށް ލެވޭތޯއެވެ. ވައިގެ ތެތް ފިނި ކަމާއެކު މާހައުލުގެ ފިނިކަމުން ހޫނުކަމަކަށް އެދިއެދިހުރި ޒިވިޔާ ބޭނުންވީ ވީހާވެސް އަރުޝަދާ ގާތުގައި ހުރެގެން އެ ހަށިގަނޑުގެ ހޫނުން ކުޑަނަމަވެސް މިންވަރެއް ލިބޭތޯއެވެ. އެހެންކަމުން ދާދި ގާތުގައި ހުރެ ހިނގާފައި ދާން ފެށުމުން އަރުޝަދުގެ އަތުގައި ޒިވިޔާގެ އަތް ޖެހި ދެމެދުގައި އޮތް ދުރުކަން މަޑުމަޑުން ނެތިކޮށްލަން ދެ ޖިސްމު ވެސް އެދި ގޮވަމުން ދިއައެވެ. ނަތީޖާ އަކަށްވީ އަރުޝަދަށް މަޑުމަޑުން ޒިވިޔާގެ އަތުގައި ހިފާލެވުމެވެ. އަރުޝަދު ހީކުރީ ޒިވިޔާ އަތް ދަމައިގަންނާނެ ކަމަށެވެ. އެހެންނަމަވެސް ހީކުރި ގޮތާ ޚިލާފަށް ޒިވިޔާ އަނެއް އަތުން ހިފެހެއްޓީ އަރުޝަދުގެ އެ އަތުގެ އުޅަބޮއްޓާ ވީ ހިސާބުގައެވެ. އަދި ހިފެހެއްޓުމަށްފަހު އިތުރަށް އަރުޝަދާ ގާތްވެލިއެވެ.
''ޒިވީ!'' އަރުޝަދަށް މަސްތީ އަޑަކުން ގޮވައިލެވުނެވެ.
''ކީއްވީ! ބިރުގަތީތަ!'' ޒިވިޔާ ހިފި އަތުގައި އަނެއް އަތުން ފިރުމާލަމުން އަރުޝަދު ލޯތްބާއެކު ސުވާލު ކުރިއެވެ.
''އުހު!'' މަޑުމަޑުން ހަމަ އެފަދަ އަޑަކުން ޒިވިޔާ ވެސް ޖަވާބު ދިނެވެ. ޒިވިޔާގެ އަޑުގައިވަނީ އާދަޔާ ޚިލާފު ބާރެކެވެ. ޒިވިޔާގެ އަޑުގައި ހުރި ބާރަކުން އަރުޝަދުގެ މުޅި ޖިސްމަށް ފިނި ރާޅެއް ދުވެލިކަމުގެ އިހުސާސް ކުރެވުނެވެ. މުޅި ހަށިގަނޑަށް ވާންވެގެން ދިޔަހެން ހީވިއެވެ. ދެމީހުންގެ ދެމެދު އޮތް ހަމަ ހިމޭންކަން ހެކިވަމުން ދިޔައީ ދެމީހުން އެކަކު އަނެކަކަށް އެދޭ މިންވަރެވެ. ކޮންމެ މީހަކަށް ވެސް އެމީހެއްގެ ހިތް ބުނެދެމުން ދިޔައީ އަނެކާއަކީ ތިމާގެ ޙައްގެއް ކަމެވެ. ތިމާއަށް އަނެކާ ޚާއްސަވަރެވެ.
ދެ ލޯބިވެރިންގެ އަޑު ވާރޭ އެހީ ކަންނޭނގެއެވެ. ބޮޑެތި ފެންތިކިތައް ފައިބާގަތީ އެ ވަގުތުއެވެ. އޭރު އަރުޝަދު އުޅޭ ގެއާ އަދި އަރާ ހަމަ ނުވެއެވެ. ހުއްޓާލާނެ ކަމަށް ބަލާ އެންމެ ކައިރީގައި ހުރި ގޭގެ އިންފާރު ކައިރީ ހުރި ބަނބުކެޔޮ ގަސްދޮށަށް ދެމީހުން ވަނެވެ. އަރުޝަދު ހުރީ ޒިވިޔާ ގަޔާ ކައިރި ކޮށްގެން ޒިވިޔާގެ ދެ ކޮނޑުމަތިން އަރުޝަދުގެ އަތް ގެންގޮސް ޒިވިޔާ ހިޔާވާނެހެން ގަޔާ ކައިރިކޮށްގެންނެވެ. އެހެން ނަމަވެސް ހިޔާނުވާނެކަން އެނގުނީ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ތެމުމުންނެވެ. އޭރު ޒިވިޔާއަށް ދެ ތިން ކިނބިހި ވެސް އެޅިއްޖެއެވެ. ފިނީގެ އަސަރުން ޒިވިޔާ ތުރުތުރު ލާން ފެށުމުން އަރުޝަދާ ވީ ފަރާތަށް އެނބުރި އަރުޝަދުގެ މޭގައި މޫނު ޖައްސާ ބާރުކޮށްލިއެވެ. ކިތަންމެ ލަދުން ހުއްޓަސް ދެއަތް ގެންގޮސް މޫނުގެ ދެފަރާތުން އަރުޝަދުގެ މޭމަތީގައި ދެއަތުން ހިފެހެއްޓިއެވެ. އަރުޝަދުގެ ހަށިގަނޑުގެ ހޫނު ލިބުމުން ކޮށްމެވެސް ވަރަކަށް ފިނީގެ އަސަރު ކުޑަވިޔަސް ހިތުގައި އަނދަމުން ދިޔަ ހޫނުގެ އަސަރު މުޅި ހަށިގަނޑަށް ފެތުރެން ފެށިއެވެ. އެއީ ހުއްޓުވަން އުނދަގޫވި ހައި ކަމެކެވެ.
ތިބެވުނުތަނަކީ މި ގޮތަށް ތިބެން ރައްކާތެރި ތަނަކަށް ނުވާތީއާ ވެސް އެކު އެއްކޮށް ތެމި ޒިވިޔާ އިތުރަށް ބަލިވެދާނެތީ އަރުޝަދު ޒިވިޔާގެ އަތުގައި ހިފައިގެން ދުއްވައިގަތީ އަރުޝަދު އުޅޭ ގެއާ ދިމާއަށެވެ.
އެގެއަށް ދެވުނު އިރު ރަނގަޅަށް ވެސް ތެމިއްޖެއެވެ. ވާރޭ ހީވަނީ އިރެއް އިރަކަށް ބޯކުރާ ހެންނެވެ. ވައިވެސް އެހާ ގަދައެވެ. ބެލިއިރު ކުޑައެއްހާ ހިސާބުވެސް އެގެއަކު ނެތެވެ. ޒިވިޔާ ފިންޏާހުރެ ތުރު ތުރު އަޅަނީއެވެ. ކުޑަ ހިފައިގެން އަންނަން ބުނަން ޒިވިޔާ ގުޅީ މަންމައަށެވެ. މަންމަ ފޯނެއް ނުނަގައެވެ.
ކުރީ ކޮޅު އަރުޝަދު ފަދަ ނުދަންނަ މީހަކާ އެކު ދާތީ ކޮންމެ ރެއަކުވެސް މަންމަ ހޭލާ ހުންނާނެއެވެ. އެކަމަކު ދެތިން މަސްފަހުން އަރުޝަދަށް އިތުބާރުކޮށް މަންމަ ނިދާނީއެވެ. އެހެންކަމުން ޒިވިޔާ ގުޅިއިރު ވެސް މަންމަ އޮންނާނީ ނިދާފައިކަން ޒިވިޔާއަށް ކުރިން ވެސް އެނގެއެވެ. ގުޅީ ފަހަރެއްގައި ފޯނު ރިންގުވާއަޑު އިވިގެން ވިޔަސް ހޭލައިފާނެ ކަމަށް ބަލައިގެންނެވެ. ދެމީހުން އެކުގައި ހޭދަވާ ވަގުތު ކިތަންމެ ފޮނި މީރުކަމެއް ހިތަށް ލިއްބައިދިނަސް މި ގޮތަށް ރޭގަނޑު ހިލޭ ފިރިހެނެއްގެ ގޭގައި މަޑުކޮށްގެން ހުންނާކަށް އަސްލު ޒިވިޔާގެ ޒަމީރު އެއްބަހެއް ނުވެއެވެ.
''ޒިވީ! މާބޮޑަށް ފިނިވެފައެންނު ތިހިރީ! ހިނގާ ތެތް އެއްޗެހި ބަދަލުކުރަމާ! ވާރޭ ހުއްޓައިލި އިރަކުން ގެއަށް ލައިދޭނަމޭ!''
އަރުޝަދު ކަންބޮޑުވީ މާބޮޑަށް ފިނިވުމުގެ ސަބަބުން ޒިވިޔާ ބަލިވެދާނެތީއެވެ. ކޮޓަރީގެ ދޮރު ހުޅުވަމުން އެތެރެއަށް ވަނދެ ދޮރު ލައްޕާނުލާ އަރުޝަދު މަޑުކުރީ ޒިވިޔާގެ ޖަވާބަކަށެވެ. އޯގާތެރިކަމާއެކު ޒިވިޔާއަށް ނަޒަރު ހުއްޓައިލައިގެން ހުރި އަރުޝަދަށް ބަލަހައްޓައިގެން އިރުކޮޅަކު ޒިވިޔާ ހުއްޓެވެ. ޒިވިޔާގެ ދެ ލޮލުގެ މަސްތުގައި ޖެހިފައި ހުރި އަރުޝަދަށް ޒިވިޔާއަށް ބަލަހައްޓައިގެން ހުރެވުނީ އާދޭސް އެކުލެވިފައިވާ ނަޒަރަކުންނެވެ. އޭރުވެސް ދެއަތް ދެއަތާ އުނގުޅާލަ އުގުޅާލާ ހުރި ޒިވިޔާއަށް ހޫނުކަން ބޭނުންވެފައިވަނީ ކިހާ ވަރަކަށް ކަން އަރުޝަދަށް އެނގެއެވެ.
ވަންނަން ނުވަންނަން ހުރި ޒިވިޔާ އެންމެ ފަހުން ފިންޏަށް ކެތް ނުވެގެން ކޮޓަރީގެ ތެރެއަށް ދެމިގަތެވެ. އޭސީ ނުޖައްސައި ހުރުމުން ކޮޓަރިތެރެ ކޮންމެވެސް ވަރަކަށް ހޫނެވެ. އެ ހޫނުން އެކަނިވެސް ޒިވިޔާއަށް އަރާމުވިއެވެ. ޒިވިޔާގެ ފަހަތުން ކޮޓަރީގެ ދޮރުފަތުން އަތް ދޫކޮށްލަމުން ގޮސް އަރުޝަދު ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އަތް ދިގު ޓީޝާޓަކާ ދޫ ހަރުވާޅެއް ނަގާ ޒިވިޔާއަތަށް ދިއްކޮށްލަމުން ޗޭންޖުކޮށްލާށޭ ބުނީ ޒިވިޔާއަށް ރަނގަޅަކަށެވެ. އަތް ދިގު ޓީޝާޓެއް ނެގީ ވެސް ޒިވިޔާ ދުވަހަކު ވެސް މާ އަތްކުރު އެއްޗެހިލައި އުޅޭތަނެއް ފެނިފައި ނުވާތީއާ ފިނިން ސަލާމަތްވާން ފަސޭހަވާނެ މަގަކަށް ވާނެތީއެވެ.
އަލަމާރިން ނެގި އެއްޗެހި ޒިވިޔާ އަތަށް ދިނުމަށްފަހު އަރުޝަދު ހިނގައިގަތީ ކޮޓަރިން ބޭރަށެވެ. އެއީ ޒިވިޔާ ލަދުން ހުރިތަން ފެނުމުން ފުރުސަތުދޭން ވެގެންނެވެ.
އަރުޝަދު ދިން އަންނައުނަށް ބަލަން ހާސްވެފައި ހުރި ޒިވިޔާ އަރުޝަދު ނިކުތުމުން ވަނީ ފާޚާނާއަށެވެ. އެއްޗެހި ބަދަލުކޮށްގެން ނިކުމެ ކައިރި ކުރެވިފައވާ ކޮޓަރީގެ ދޮރު ކުޑަކޮށް ހުޅުވައި ޒިވިޔާ ބަލައިލިއިރު އަރުޝަދު ހުރީ ދޮރުކަނީގައި ލެނގިލައިގެން ދެއަތުން މޭމަތި ހުރަސްވާގޮތަށް ހިފަހައްޓައިގެންނެވެ. އަރުޝަދު ހުރި ގޮތުން އެ ހުރީ ވަރަށް ބޮޑަށް ހީކަރުވައިގެންކަން ޒިވިޔާއަށް އެނގި ހަމްދަރުދީ ވެވުނެވެ. އެވަގުތުވެސް އަރުޝަދު ޒިވިޔާއަށް އިސްކަން ދިނީތީ އަރުޝަދަށްޓަކައި އެ ހިތުގައި އޮތް ލޯބި އިތުރުވެގެން ދިއައެވެ.
ޒިވިޔާގެ އަތުގެ އިނގިލިތައް އަރުޝަދުގެ އަތުގެ ކުޑަހުޅާ ވީ ހިސާބުގައި ޖައްސައިލަމުން ފާޚާނާއާ ދިމާއަށް އިޝާރާތް ކުރަމުން ޒިވިޔާ ބުންޏެވެ.
''އަރޫ! އަވަހަށް ދޭ!'' ޒިވިޔާގެ ބީހުން އިހުސާސްވުމުން އަރުޝަދު ދިޔައީ ސިއްސައިގެންނެވެ. އެހެންނަމަވެސް ޒިވިޔާ ހުޅުވައިގެން ހުރި ދޮރުން ވަދެގެން ދިއައީ ޒިވިޔާއަށް ބަލައިވެސް ނުލައެވެ. ހަރުގައި އަޅުވާފައި އޮތް ތުވާލި ހިފައިގެން ގޮސް އަވަސް އަވަހަށް ފާޚާނާއަށް ވަނދެ ދޮރު ލައްޕާލިއެވެ. އަރުޝަދުގެ ހަރަކާތްތަކަށް ބަލަން ދޮރު ހުޅުވިގޮތަށް ހުއްޓުން އަރާފައި ހުރި ޒިވިޔާއަށް ހެވުނެވެ. އަދި ގޮސް މަޑުމަޑުން އަރުޝަދުގެ އެނދުގައި އިށީނދެ ހެޑްބޯޑާ ބާލީސް ކައިރިކޮށްގެން ކުރު ގެޅިގެން ކަހަލަ ގޮތަކަށް ބާލީހަށް ލެނގިލިއެވެ. ކޮޓަރީގެ އެކިދިމާލަށް ނަޒަރު ހިންގައިލީ މިއީ މި ކޮޓަރިއަށް ވަން ފުރަތަމަ ފަހަރަށް ވީމައެވެ. އަރުޝަދު ފިރިހެނަކަށްވިޔަސް ކޮޓަރިތެރެ ފެނުނީ ވަރަށް ތަރުތީބުކޮށެވެ.
ހޫނު ފެނުން ފެންވަރާލުމުން ކޮށްމެވެސް ވަރަކަށް ހަށިގަނޑަށް ހޫނުކަން އިހުސާސް ކުރެވި އަރުޝަދަށް އަރާމުވިއެވެ. ޒިވިޔާ އޮތް ގޮތް އަރުޝަދަށް ފެނުނީ ފާޚާނާއިން ނިކުމެ ދޮރުވެސް ލެއްޕި ފަހުންނެވެ. ދެއަތް ގެންގޮސް ފަލަމަސްގަނޑާ ހަމައިން ހިފަހައްޓާލެވިފައި އޮތެވެ. ދެފައި ކުރު ކޮށްގެންނެވެ. ދެލޯމެރިފައި އޮތުމުން ނިދުނީކަން އެނގުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ދެބައިކުޅަ އެއްބައިން މޫނުގެ ބޮޑުބައި ވަނީ ފޮރުވިފައެވެ.
(ނުނިމޭ)
vv.reethi