މެލޭ ޖަޒީރާތަކުގައި މަސައްކަތް ކުރާ ބަހަވީން، އައު ބަހެއް ހޯދައިފިއެވެ. މި ބަހަށް ކިޔާ ނަމަކީ "ޖެޑެކް" އެވެ. މިއީ މި ބަހުން ވާހަކަ ދައްކާ މީހުން ފިޔަވައި އެހެން ބަޔަކަށް އެނގިފައި އޮތް ބަހެއް ނޫނެވެ.
ޖެޑެކް ބަހުން ވާހަކަ ދައްކާ މީހުންގެ އަދަދަކީ 280 އެވެ. މިއީ އިހަށް ޕެރްގައު ކޯރުގެ އައްސޭރީގައި ދިރިއުުނު ބައެކެވެ. މިހާރު މި މީހުން ދިރިއުޅެނީ މެލޭސިއާގެ އުތުރުން، މި މީހުންނަށް ދީފައިވާ ސަރަހައްދެއްގައެވެ.
ޖެޑެކް ބަސް ހޯދީ ސްވިޑިޝް ބަހަވީއެއް ކަމުގައިވާ ނިކްލަސް ބްރެންހަޓެވެ. އޭރު އޭނާ މަސައްކަތް ކުރަމުން ދިޔައީ އެ ސަރަހައްދުގައި ވާހަކަ ދައްކައި އުޅޭ އެހެން ބަހެއް ކަމުގައިވާ "ޖަހައި" އާ ގުޅޭ ދިރާސާއެއް ކުރާށެވެ.
"ޖެޑެކް ބަހަކީ ޖަންގަލީގައި ދިރިއުޅޭ، އެ ބަޔަކު އުޅޭކަންވެސް އެހެން ބަޔަކަށް ނޭނގޭ، ބަޔަކު ވާހަކަ ދައްކާ ބަހެއް ނޫނެވެ. އެއީ މީގެ ކުރީން އިންސާނުންގެ ދިރިއުޅުމާ ބެހޭ ދިރާސާ ކުރާ މީސްމީހުން ދިރާސާކޮށް އުޅުނު އަވަށެއްގައި ވާހަކަ ދައްކާ ބަހެކެވެ."
އެ އަވަށަށް ގޮސް އުޅުމުގެ ތެރޭގައިވެސް މި ދެންނެވި އިލްމުވެރިންނަކަށް ޖެޑެކް ބަސް ފާހަގަ ކުރެވޭ ގޮތެއް ނުވެއެވެ. ދިރާސާ ކުރަން ދިޔަ ޖަމާއަތުގައި އުޅުނު ބަހަވީންގެ ބަޔަކު ސުވާލު ކުރާން ފެށީމާ ފާހަގަ ކުރެވެން ފެށީއެވެ. ބަަހަވީން ކުރާ ސުވާލު ތަކަކީ އިންސާނީ ދިރިއުޅުމުގެ ޢިލްމުވެރިން ކުރާ ސުވާލު ތަކާ ތަފާތު ސުވާލު ތަކަކަށް ވާތީއެވެ.
ޖަމާއަތުގެ ބައިވެރީން ދެކޭ ގޮތުގައި މިފަދަ އެތައް ބަހެއް ދުނިޔޭގެ އެކި ތަންތާގައި ބޭނުން ކުރެވެއެވެ. އެކަމާ ބެހޭ މައުލޫމާތު އެއް ކުރުމުގެ މަސައްކަތް ނުކުރެވޭތީ އެ ބަސްބަސް ނުހޯދި ހުރީއެވެ.
ޕީއެޗްޑީއަށް ކިޔަވާ ދަރިވަރެއް ކަމުގައިވާ ޔަގޭރް ބުނާ ގޮތުގައި ޖެޑެކް ބަސް ވެސް ނޭނގި މިހައި ގިނަ ދުވަސް ވެގެން ދިޔައީ އެ ބަހަށް އެ މީހުން ކިޔައި އުޅޭ ނަމެއްވެސް ނޯންނާތީއާ އެކުގައެވެ. "ޖެޑެކް" މި ނަމަކީވެސް އެ މީހުން ދައްކާ ވާހަކައިގެ ތެރޭގައި ބޭނުން ކުރާ ބަސްތަކުގެ ތެރެއިން ބަހެކެވެ.
ޔަގޭރަކީ މި ދިރާސާގައި ނިކްލަސްއާއެކު ބައިވެރިވީ މީހެކެވެ. އޭނާ ބުނާ ގޮތުގައި ޖެޑެކް ބަހުން ފާހަގަ ކުރެވުނު ހައިރާން ކުރުވަނިވި އެއް ކަމަކީ އެ މީހުންގެ ވަށައިގެން އުޅޭ މީސްމީހުން ވާހަކަ ދައްކައި އުޅޭ ބަހާ ގުޅޭ ލަފުޒުތައް ވަރަށް މަދުކަމެވެ. އެހެންނަމަވެސް މެލޭސިއާގެ ބައެއް ސަރަހައްދުތަކުންނާއި، ތައިލެންޑްގެ ދެކުނުން މި ބަހާ ކޮންމެވެސް ވަރަކަށް ގުޅުން ހުރި ލަފުޒުތައް ވަނީ އަޑު އިވިފައެވެ.
ޖެޑެކް ބަހަކީ ވަރަށް މަދު ބަޔަކު ވާހަކަ ދައްކައި އުޅޭ ބަހަކަށް ވާތީ، އެ ބަސް އުވިގެން ދިއުމުގެ ބިރު އެހައި ބޮޑެއް ނޫނެވެ.
"މިއީ އަބަދުވެސް މަދު ބަޔަކު ވާހަކަ ދައްކާ ބަހެއްގެ ގޮތުގައި އޮތް ބަހެކެވެ. މި ބަހުން ވާހަކަ ދައްކައި އުޅޭ މީހުން އެއް ތަނެއްގައި ގާއިމު ވެގެންނެއް ނުތިބެއެވެ. ކުޑަކުދިން ބަސް ދަސް ކުރެއެވެ. އެހެންވީމާ ބަހުގެ ކުރިމަގު ފެންނަނީ ރަނގަޅަށެވެ." ޔެގޭރް ބުންޏެވެ.
މިއީ އައު ބަހެއް ހޯދުނު ފުރަތަމަ ފަހަރެއް ނޫނެވެ. 2013 ވަނަ އަހަރުު ޔުނިވަރސިޓީ އޮފް ހަވާއީގެ ދިރާސާވެރިންގެ ބަޔަކު ވަނީ އިޝާރާތުގެ ބަހެއް ހޯދައިފައެވެ. އެއީ 1800 ގެ އަހަރު ތަކުން ފެށިގެން ބޭނުން ކުރަމުން އައި ބަހެކެވެ. އެބަހަކީ އެމެރިކަން ސައިން ލޭންގުއޭޖޭ މި ކިޔާ އިޝާރާތުގެ ބަހާ މުޅިން ތަފާތު ބަހެކެވެ.
2008 ވަނަ އަހަރު އިންޑިއާއިންވެސް ވަނީ މުޅީން އައު ބަހެއް ފެނިފައެވެ. އެއީ "ކޮރޯ" އޭ ނަމަކަށް ކިޔާ ބަހެކެވެ. ޖެޑެކް ބަސް ހޯދި މީހުން ފަދައިން ކޮރޯ ބަސް ހޯދި މީހުންނަށްވެސް އެ ބަސް ހޯދުނީ އެ ސަރަހައްދުގައި ވާހަކަ ދައްކައި އުޅޭ އެހެން ބަހެއް ހޯދާން ކުރި މަސައްކަތުގެ ތެރެއިންނެވެ.
ދުނިޔޭގައި މިހާރު އޮތް ކަމަށް ވަނީ 7000 ބަހެވެ. އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ބަހަށް ވަނީ އުވިގެން ހިނގައިދާނޭ ކަމުގެ ބިރާ ކުރިމަތިލާން ޖެހިފައެވެ. ކޮންމެ ދެ ހަފުތާއަކުން ބަހެއް އުވިގެންދާ ކަމަށް ދިރާސާތަކުން ވަނީ ފެނިފައެވެ. ބަހެއް އުވިގެން ދަނީ އެ ބަހަކުން ވާހަކަ ދައްކައި އުޅޭ މީހުން ކޮންމެހެން ބޭނުން ވެގެންނެއް ނޫނެވެ. ގިނަ ފަހަރަށް ސިޔާސީ ސަބަބަކާ ހުރެއެވެ. ނުވަތަ އެ ބަހެއް އޮންނަ ގައުމެއްގެ ތައުލީމީ ސިޔާސަތުގެ ސަބަބުންނެވެ. ނުވަތަ ގައުމެއްގައި ގިނަ ބަޔަކު ވާހަކަ ދައްކައި އުޅޭ ބަހެއްގެ އަހުލުވެރީންގެ ނުފޫޒުގެ ސަބަބުންނެވެ. އެފަދަ މީސްމީހުންގެ މަސައްކަތުން، އެނގިގެން ނުވަތަ ނޭނގި ނަމަވެސް، އަގުލިއްޔަތު ބަހުގެ އަގެއް ނެތްކަމާއި، ދޯހަޅިކަން ދައްކަމުން ގޮސް، އެ ބަހަކުން ވާހަކަ ދައްކާ މީހުން ބަސް ދޫކޮށް، އަޣުލަބިއްޔަތު ބަހުގެ ތެރެއަށް ވަދެ، ހިމުންވެގެން ދިއުމުގެ ސަބަބުންނެވެ.
ކޮރޯ ބަސް ހޯދުމުގައި އިސްކޮށް އުޅުނު އެއް ދިރާސާވެރިޔަކު ކަމުގައިވާ ހެރިސަން 2012 ވަނަ އަހަރު "ސަޔަންސް ފްރައިޑޭ" މަޖައްލާއަށް ދިން ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ. "ބަހަކުން ވާހަކަ ދައްކާ މީހަކު ގެނެސް ކުރިމަތީގައި ބައިންދައިގެން އޭނާގެ ސިކުނޑި ކޮޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ބަހަކީ ދިރިދިރި އޮންނަ އެއްޗެކެވެ. އެ ދިރި އޮންނަނީ ގުދުރަތީ މާހައުލެއްގައެވެ."
ޖެޑެކް ބަސް ހޯދި މީހުން މިހާރުވެސް ގެންދަނީ އެ ބަހުން ވާހަކަ ދައްކާ މީހުނާ އެކީގައި ވަގުތު ހޭދަ ކުރަމުންނެވެ. ބަހުގެ ފުނަށް ފީނޭތޯ މަސައްކަތް ކުރަމުންނެވެ. ޔަގޭރް ބުނާ ގޮތުގައި އައު ބަހަަކަށް ވިޔަސް ނުވަތަ ބައު ބަހަކަށް ވިޔަސް ބަހެއްގެ ތެރެއަށް ރަނގަޅަށް ވަދެ ދިރާސާ ކުރުމަކީ މުހިއްމު ކަމެކެވެ.
ތިރީގައި މިވާ ވީޑިއޯ އިން ޖެޑެކް ބަސް ކުޑަކޮށް އަޑު އައްސަވައިލައްވާށެވެ.