އެމްޑީޕީގެ ބައެއް ބައެއް މެމްބަރުން ވަކިވެ، އާ ޕާޓީއެއް އުފައްދަން ނިންމައިފިއެވެ.
އެމްޑީޕީ އިން ވަކިވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ "ފިކުރެއްގެ ދިރުމަށް" ނިސްބަތްވާ މެމްބަރުންނެވެ.
އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފް، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ އެމްޑީޕީ އިން ވަކިވެފައެވެ.
މީގެ އިތުރުން ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް، މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު، ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އާއި ގައްދޫ ދާއިރާގެ މެންބަރު އަހްމަދު ޒާހިރު އަދި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވެސް ވަނީ އެމްޑީޕީ އިން ވަކިވެފައެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އެމްޑީޕީގެ ސިޔާސަތުތަކާ ދެކޮޅަށް ހިންގަވާ 'ފިކުރެއްގެ ދިރުން' ފެކްޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ކުރީގެ އެމްޑީ ހުސައިން އަމްރު އާއި ރައީސް އޮފީހުގެ މިނިސްޓަރުކަމުން ވަކިކުރައްވާފައިވާ ބާރަށު ދާއިރާގެ ކުރީގެ މެންބަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އެ ފެކްޝަނުން ބުނީ އަންނަ ހަފުތާގައި ރަޖިސްޓްރީ ކުރަން އީސީ އަށް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ސެޕްޓެމްބަރ މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާނެ ކަމަށް ވެސް ބުންޏެވެ.