ކިރުއިލޮށި - 51

(4 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޚައިރާދާއި އަޝްހަރުގެ ދަރިފުޅު އެނބުރި އައުމަށްފަހު ، ދުވަސްކޮޅެއް ކޮށްލާފަނަމަވެސް ، ސާރާއާ ބައްދަލުކޮށްލަން އެގެޔަށް ޒިޔާރަތްކޮށްލީތީ ، ސާރާ ، އަޝްހަރަށް ޝުކުރު އަދާކުރިއެވެ. އަޝްހަރު އެދިޔައީ ، އޮފީސް ނިންމައިލާފަ ގެޔަށްދަމުން ސާރާއާ ބައްދަލުކޮށްލާފައި ގެޔަށް ދާށެވެ. ސާރާ ހީކޮށްގެންހުރީ އެމީހުންގެ ރަޙުމަތްތެރިކަމުގެ ގުޅުންވެސް އެހިސާބުން އެނިމުނީ ކަމުގައެވެ. ސާރާ އޮފީހަށް ދިއުންހުއްޓައިލީމަވެސް ، އަޝްހަރު އެކަމާބެހޭގޮތުން ސުއާލުކޮށްލާފައެއް ނުވެއެވެ. މިދުވަސްވަރު އަޝްހަރު ދިރިއުޅެމުން އެގެންދަނީ ވަރަށް ހާސްކަންބޮޑު ދިރިއުޅުމެކެވެ. އަޝްހަރުގެ ދަރިފުޅު ހަރީމްގެ އޯޕަންހާރޓް ސާޖަރީއެއް ކުރަން އޮތީ ޖެހިފައެވެ. މާދަމާއަކީ ، ހަރީމް ހޮސްޕިޓަލުގައި އެނދުމަތިވާ ދުވަހެވެ. ސާރާއަށް ބަލާއިރު ، ޚައިރާދާއެކު އަޝްހަރު ފެނުމުން ސާރާގެ ހިތަށް ކުރާނެ އަސަރު އަޝްހަރަށް ވަޒަންކުރެވެއެވެ.

ޚައިރާދަކީ ، އަޝްހަރުގެ ދަރިފުޅުގެ މަންމައެވެ. އެހެނަސް ސާރާ ބުނިގޮތުގައި ، ޚައިރާދުވަނީ އަޝްހަރަށް ބޭވަފާތެރި ވެފައެވެ. އަދި ސާރާއަކީ ، އެންމެބޮޑަށް އަޝްހަރުދެކެ ލޯބިވީ އިންސާނާއެވެ. ބަދުނަސީބުގެ ތަކުލީފުން އޭނާގެ އަތްއޮތީ ހުސްކޮށެވެ. ހިތްއޮތީ ، ފޮތިފޮތިވެފައެވެ. ސާރާގެ ވޭނީ ވާހަކަތަކުން އަޝްހަރަށް އަސަރު ކުރިއެވެ. އަޝްހަރު ތެދުވެގެންގޮސް ސާރާއާ ޖެހިގެން އިށީނދެލިއެވެ. ސާރާގެ ކޮނޑުގައި އަތްބާއްވައިލާ ވާހަކަދައްކަން ފެށްޓިއެވެ.

އަޝްހަރަކީ ދުވަހަކުވެސް ، ސާރާ އަޝްހަރަށް އެދޭފަދައިން ، ސާރާގެ މައްޗަށް އޭނާގެ ހިތުގައި އެދުމެއް އުފެދުނު މީހެއްނޫނެވެ. އެހެންނަމަވެސް ، ހިތާގުޅިފައިވާ ޖަޒުބާތީކަމެއްވީމަ ، ސާރާގެ ހިތަށް އަސަރުކުރާނެކަން އަޝްހަރަށްވެސް ވިސްނެއެވެ. ސާރާއަކީ އަޝްހަރުގެ އެންމެގާތް ރަޙުމަތްތެރިޔާއެވެ.

އެހިސާބުން ސާރާއަކަށް ނީނދެވުނެވެ. އަޝްހަރުގެ ވާހަކަ މެދުކަނޑުވައިލިއެވެ. އަޝްހަރު ލޯބިވީ ހަމައެކަނި ޚައިރާދު ދެކެއެވެ. އެހެންނަމަވެސް ، އަޝްހަރުގެ ހިތުގައި އެއްވެސްމީހެއްގެ މައްޗަކަށް ލޯތްބެއްނެތްކަމަށް ބުންޏެވެ. އަޝްހަރު ހަމައެކަނި ލޯބިވަނީ އޭނާގެ ދަރިފުޅު ދެކެއެވެ. އަޝްހަރުގެ ދިރިއުޅުމުގެ ހުރިހާވެސް އުއްމީދަކީ ހަރީމެވެ. ހަރީމު ފިޔަވައި އޭނާގެ ދިރިއުޅުމަށް ކުރާ އެއްވެސް އުއްމީދެއްގައި އެހެން ބައިވެރިޔަކު ނުވެއެވެ. ދޮގެއް ހަދާފައި ނަމަވެސް ، ސާރާދެކެ ލޯބިވާވާހަކަ އަޝްހަރު ބުނެލާނެނަމަ ކޮންފަދަހޭ ސާރާ ބުންޏެވެ. އަޝްހަރު ލަދުގަންނުވައިލަން ވާހަކަ ނުދެއްކުމަށް ސާރާގެ ކިބައިން އަޝްހަރު އެދުނެވެ. މިހާރުވެސް އަޝްހަރުގެ ދިރިއުޅުމުގައި ދިމާވެފައިވާ ކަންކަމުގައި އޭނާއެހުންނަނީ ލަދުވެތި އިޙްސާސެއްގައެވެ. ޒަރީނާގެ ވިސްނުން އަޝްހަރާމެދު ހުރިގޮތުން ، ސާރާގެ ދިރިއުޅުން ހުސްކަމެއްގެ ތެރޭގައި އޮންނާކަށް އަޝްހަރު ބޭނުމެއްނުވެއެވެ. އަޝްހަރު އެއައީ ، ޒަރީނާ ބުނާމީހަކާ ސާރާ ކައިވެނިކުރަން އަޝްހަރުވެސް އެދޭވާހަކަ ސާރާގާތު ބުނާށެވެ. ސާރާއަށް އަޝްހަރާދިމާއަށް ބަލައިލެވުނެވެ.

އަޝްހަރު ، ސާރާގެ ލޮލަށް ބަލަހައްޓައިގެން އިނދެ އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. ދުނިޔެއަށް ބާކީވެގެން ނޫޅެ ، އެހެންމީހުންފަދައިން ، ސާރާވެސް ދިރިއުޅުމެއް ފަށާށެވެ. އަދި ، އޭނާގެ ފަރާތުން އެއްވެސް ކަމަކަށް އުއްމީދު ނުކުރުމަށާއި އެޚިޔާލުތައް ސާރާގެ ހިތުން ފުހެލުމަށް އަޝްހަރު ނަޞޭޙަތްތެރިވިއެވެ. ސާރާ ހީކުރީ އޭނާ އޮފީހަށް ނުދާތީ އެކަމާ ކަންބޮޑުވެގެން ، އޭނާއާ ބައްދަލުކޮށްލުމަށް އަޝްހަރު އައީ ކަމަށެވެ. އެކަމަކު ، ސާރާއަށް މިފެނުނީ ، އަޝްހަރާ ސާރާ ދުރުވުމަށް ޚުދު އަޝްހަރު ބާރުއަޅައި މަސައްކަތްކުރާ ތަނެވެ. އަޝްހަރު ސާރާގެ އަތުގައި ހިފައިލިއެވެ. ސާރާއަކީ އަޝްހަރަށް މުހިންމު މީހެއްކަމުގައި ބުންޏެވެ. އެއީ ސާރާއަށް އޭނާގެ ޙަޔާތުގައި ލިބިގެންވާ އެންމެ އުފާވެރި ޙާލަތެވެ.

ހަރީމް ، ހޮސްޕިޓަލުގައި އެނދުމަތިކުރުމަށްޓަކައި މިއަދު ގެންދާނެއެވެ. އަޝްހަރުގެ ލޮލުން ކަރުނަ ފައިބަން ފެށިއެވެ. އަޝްހަރުގެ ޙަޔާތުގައި އޭނާގެ ފަރާތުން ހިތްދަތިކަމެއް މެދުވެރިކުރެވުނު ކޮންމެ އިންސާނެއްގެ ކިބައިންވެސް މަޢާފަށް އެދުމަށް އަޝްހަރު ބޭނުން ވެއެވެ. ސާރާއަކީ ، އަޝްހަރުގެ އެންމެ ގާތް ރަޙުމަތްތެރިޔާއެވެ. ސާރާއާއި ޒަރީނާގެ ހެޔޮކަމުގެ ބަދަލުގައި އޭނާއަށް ނޭނގި ، ސާރާގެ ދިރިއުޅުމަށް އަޝްހަރު ވެއްދުމާގުޅިގެން ، ސާރާއަށް ލިބޭ ހިތްދަތިކަމަށް މަޢާފަށް އެދުނެވެ. އަޝްހަރުގެ އަތުތެރެއިން ސާރާ ، އޭނާގެ އަތްދަމައިގަތެވެ. އަޝްހަރާ ދިމާއަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށްފަހު ، އަޝްހަރު ދެން ގެޔަށްދާށޭ ބުނެ ، ތެދުވެގެން ގޮސް ކޮޓަރިޔަށް ވަނެވެ.

ހަރީމް ހޮސްޕިޓަލަށް ގެންދަން ގެއިން ނުކުތްއިރު ، އަޝްހަރުހުރީ ހަރީމް އުރާލައިގެންނެވެ. ފަރީދާ ، ހަރީމްގެ ކޮލުގައި ބޮސްދިނުމަށްފަހު ، ހިތްވަރު ކުރުމަށާއި ބަސްއަހައިގެން އުޅުމަށް ނަސޭޙަތް ދިނެވެ. އަދި ހަރީމަށް އަވަސް ޝިފާއެއް ދެއްވާތޯ ﷲ އަށް ދުޢާކުރާނެކަމަށް ބުންޏެވެ.

އަޝްހަރުމެން ހޮސްޕިޓަލަށްދާން ގެއިން ނުކުތުމުން ، ފަރީދާ ދިޔައީ ޒަރީނާމެންގެ ގެޔަށެވެ. ފަރީދާ މާ މަޑުން އިންނާތީ ކިހިނެއްވީތޯ ޒަރީނާ ސުއާލު ކުރިއެވެ. ޒަރީނާ ބޭނުންވީ ސާރާވެސް އައިމަ އޭނާ ދައްކަން ބޭނުންވާ ވާހަކަ ފަށްޓާށެވެ. ސާރާ އައިސް ސަލާމް ކޮށްލުމުން ، ސަލާމް ބަލައިގަނެ ، އޭނާގާތު އިށީނުމަށް ފަރީދާ އެދުނެވެ. އަދި ފަރީދާގެ ވާހަކަ ފެށްޓިއެވެ.

ފަރީދާ ، މިއަދު އެގެޔަށް އެއައީ ، އޭނާގެ ދައްތަގެ ގޮތުގައެއް ނޫނެވެ. ފިރިހެން ކުއްޖެއްގެ ފަރާތުން ކައިވެންޏަށް އެދޭ މަންމައެއްގެ ޙައިޞިއްޔަތުންނެވެ. އޭނާއެއައީ ، ސާރާގެ ކައިވެންޏަށް ހުށަހެޅުމެއް ހިފައިގެންނެވެ. ސާރާގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. މިލާމޯޅިވެފައިވާ ތުންފަތަށް ހިނިތުންވުމެއް ގެނެސްދިނެވެ. ހެނދުނު އަޝްހަރު އައުމުން ސާރާދެއްކި ވާހަކައާއި ޖެއްސި ވައްތަރުގެ ފޮނިނަތީޖާ ފެނުނު ކަހަލައެވެ. އޭނާގެ ވާހަކަތަކުން އަޝްހަރަށް އަސަރުކޮށްފިއެވެ. ރަނގަޅަށްވިއްޔާ ، އަޝްހަރު ، ފަރީދާއާ އެވާހަކަ ދެއްކީއެވެ. ފަރީދާ އެއައީ ، އަޝްހަރުގެ ކައިވެނީގެ ހުށަހެޅުން ހިފައިގެންނެވެ. ކިހާ އުފާވެރި ދުވަހެއް ހެއްޔެވެ ؟ އުފަލުންގޮސް ، ސާރާ އޭނާގެ މަންމައާ ދިމާއަށް ބަލައިލިއެވެ. ކެތްކުރުމުގެ ނަތީޖާ ކިހާފޮނިހޭ ބުނެ މަންމަ ލަދުގަންނުވައިލަން ސާރާ ބޭނުންވިއެވެ. ދައްތަ އެހާ އަވަހަށް ހުރިހާކަމެއް ރާވައި އިންތިޒާމްކުރީ ކިހިނެއްތޯ ސާރާ ސުއާލު ކުރިއެވެ. އަޝްހަރު އެކަމަށް އެއްބަސް ކުރުވީ ކޮންފަދަ ފަންޑިތައެއް ހަދައިގެންތޯ އެހިއެވެ. ޚާއިރާދާއި އޭނާގެ ދަރިފުޅު ގޭގައި އައިސް އުޅެނިކޮށް ، އަޝްހަރު އެކަމަށް ހަމަ ، އެއްބަސްވީތޯ ސުއާލުކުރިއެވެ.

ހަމަހިމޭންކަންމަތީ އިން ފަރީދާ ، މާނޭވާއެއްލުމަށްފަހު ، ވާހަކަ ކުރިޔަށް ގެންދިޔައެވެ. ކައިވެނީގެ އެ ހުށަހެޅުން ހިފައިގެން ފަރީދާ އެއައީ ، އެހުރިހާކަމެއް ރަނގަޅުކުރަންވެގެންނެވެ. ސާރާއަށް ހިރިހިރި ލަވައިގަނެގެންގޮސް އިށީނދެ އިނދެވެނީކީ ނޫނެވެ. ޒަރީނާވެސް އިނީ ޙައިރާންކަމެއްގެ ތެރޭގައި ބަސް ހުއްޓިފައެވެ. ފަރީދާ މިފަހަރު އެ ރާވަނީ ކޮންފަދަ ނުރައްކާތެރި ޑްރާމާއެއްކަން ނޭނގި ، އެވާހަކައިގެ ތެރެޔަށް ވަންނަން ނޭނގިފައެވެ. އަނެއްކާވެސް އަޅަ އަޅައިގެންފައި ވާހަކަ ފެށްޓީ ފަރީދާއެވެ.

އެންމެ ފުރަތަމަ ކަމަކަށް ސާރާއާއި ކައިސަރުގެ ކައިވެނި ކުރަންވީއެވެ. ދެންހުރިކަންކަން ކުރަން ފަރީދާއަށް ފަސޭހަވާނީ އޭރުންނެވެ. ޚައިރާދާ ދޭތެރޭ އޭނާ ކަންތައްކުރާނެގޮތް އެނގޭނީ އޭގެ ފަހުންނެވެ. އެއްދޮނުގައި ދެބުޅިޖަހައި ، ސާރާއާ އަޝްހަރުގެ ކައިވެނީގެ މަގު އޭނާ އެއްފަހަރުން ސާފުކޮށްލާނެއެވެ. ފަރީދާ އެއައީ ކައިސަރުގެ ކައިވެނީގެ ހުށަހެޅުން ހިފައިގެންނެވެ. އެއީ މިވަގުތަށް ކުރަން އޮތް އެންމެ މުހިންމު ކަންތަކެވެ. އެކަން ކުރެވުނީމަ ، ހުރިހާކަމެއްވެސް ދާނީ ސާރާއާ އެއްކޮޅަށެވެ. ސާރާއަށް އެ ޒަހަރު ނުބޮއެއް ނުވާނެއެވެ. ބަލިން ފަސޭހަވާނެ އުކުޅުތައް ފަރީދާހުރީ ތައްޔާރު ކޮށްފައެވެ. އެންމެ ފުރަތަމަ ކައިސަރާއި ސާރާގެ ކައިވެނި ކުރެވެންވީއެވެ. އެހިސާބުން ، ޒަރީނާއަކަށް މަޑަކުން ނުއިނދެވުނެވެ.

ނިކަން ދެކިބަލާށެވެ ! ފަރީދާގެ ކުރިމަތީގައި ސާރާގެ އަގަކީ އެއީތޯ ޒަރީނާ ސުއާލުކުރިއެވެ. އެތައް ދުވަހެއްވަންދެން ސަރާއަށް ދިރުންހުރި އުއްމީދެއް ދެމުން އައިސް ، ދިގު އިންތިޒާރަކަށްފަހު ، މިއަދު އެއައީ އެހެންމީހަކާ ދެވަން ތައްޔާރުވެގެންނެވެ. ދެވަން މަސައްކަތްކުރާމީހަކީ ކާކުކަމަށް ހެއްޔެވެ ؟ ކައިސަރާއެވެ. އޭރު ސާރާގެ ލޮލުން ހޯސްލާފައި ކަރުނަ އޮހޮރެމުން ދިޔައެވެ.

އޭނާގެ ނިޔަތާމެދު ޝައްކު ނުކުރުމަށް ޒަރީނާގެ ކިބައިން ފަރީދާ އެދުނެވެ.  އެއީ ފަރީދާއަށް މަޖުބޫރުވެގެން ކުރަންޖެހުނު ކަމެކެވެ. އެހެންނޫނީ އެމީހުން ސަލާމަތެއް ނުވާނެއެވެ. އެއީ ކުޑަދުވަސްކޮޅެއްގެ ކަމެކެވެ. ވީ އެންމެ އަވަހަކަށް އެކައިވެނި ރޫޅައިލާނީއެވެ. ކައިސަރު އެގެންދަނީ އެމީހުން ބްލެކްމެއިލް ކުރަމުންކަން ފަރީދާ ސާފުކޮށްދިނެވެ.

އަހަރެމެންނެއް ނޫނެވެ. ފަރީދާއެވެ. އެ ބްލެކްމެއިލްގައި ސަލާމަތް ނެތީ ފަރީދާގެ އެވެ. ސާރާއާ ޒަރީނާއަށް ނުރައްކަލެއް ނެތެވެ. ސާރާ ރޮމުން ، އެހެނަސް ރުޅިވެރި ލަހުޖާއެއްގައި ފަރީދާއާ ސުއާލުކުރިއެވެ.

އަހަރެމެންނޭ ފަރީދާ އެބުނީ ފަރީދާ އެކަންޏަށް ނިސްބަތްކޮށްފައެއް ނޫނެވެ. އޭގެ ހަތަރުމީހުން ހިމަނައިގެންނެވެ. ކައިސަރު ގޮސް އަޝްހަރުގާތު އެވާހަކަތައް ކިޔައިދީފިނަމަ ، ސާރާގެ ކައިވެންޏަށް އަޝްހަރު އެއްބަސްވާނެތޯ ފަރީދާ ސުއާލުކުރިއެވެ.

" ކައިސަރު ، އަޝްހަރުގާތު އެއްވެސް ވާހަކައެއް ނުބުނެފިއްޔާ އަޝްހަރު އަހަރެންނާ ކައިވެނި ކުރާނެ ހެއްޔެވެ ؟ " ސާރާ ސުއާލުކުރިއެވެ.

ސާރާގެ އެސުއާލަށް އާނއެކޭ ބުނެ ފަރީދާ ޖަވާބުދިނެވެ. ސާރާއާއި އަޝްހަރުގެ ކައިވެނި ކޮށްދޭނީ ފަރީދާކަމުގައި ބުނެ އެޔަޤީންކަން ދިނެވެ. ސާރާ ކޮޅަށް ތެދުވިއެވެ. އަދި ފަރީދާއާ މުޚާތަބުކޮށް އޭނާގެ ވާހަކަ ފެށްޓިއެވެ.

ސާރާ އެކަމުގެ ތެރޭގައި ، ފަރީދާގެ މަޤްޞަދު ޙާޞިލްކުރުމަށް ބޭނުންކުރަމުން އެގެންދަނީ ކިހާރީތިކޮށް މޮޅަށް ހެއްޔެވެ ؟ ޚުދު ސާރާއަށްވެސް ، އޭނާއަކީ މަކަރުވެރިއެއްގެ ޝިކާރަޔަކަށްވެގެން ، އޭނާ އިސްތިޢުމާލު ކުރެވެމުންދާކަން އިޙްސާސް ނުވާހާ މޮޅަށެވެ.

ފަރީދާ ، ސާރާދެކެ އިންތިހާއަށް ލޯބިވާކަމަށާއި އެހެން އެއްވެސް މީހަކަށް ހެޔޮ ނޭދޭވަރަށް ސާރާއަށް ހެޔޮ އެދޭކަމުގައި ފަރީދާ ބުންޏެވެ. ސާރާއަކީ އަބަދުވެސް އޭނާގެ ކުއްޖެކެވެ. އެހެންނަމަވެސް ސާރާގެ ސިކުނޑި އެހިސާބުން ހޭލައިފިއެވެ.

ސާރާއަށް އެހުރެވުނީ ވަރަށްބޮޑު އޮޅުމެއްގެ ތެރޭގައެވެ. ފަރީދާ އެއީ ،  އަމިއްލަ އުފަން ދަރިފުޅު އެއްވެސް މީހަކަށް ނުހަދާ ، އަމިއްލަ އެދުމެއް ޙާޞިލްކުރުމަށްޓަކައި ، އުފަން ދަރިޔަކަށް ނުބަލާ އަމިއްލަ އެދުންބޮޑު އަންހެނެކެވެ. އެވަރުގެ އަންހެނަކަށް ،  ސާރާ އެއީ މުހިންމު މީހަކަށްވެގެން ، އެއަންހެނާގެ މީހަކަށް ވާނީ ކިހިނަކުން ހެއްޔެވެ ؟ ސާރާއަށް އެވަރު ނުވިސްނުނުކަން އެއީ ސާރާގެ ކުށެވެ. ސާރާއަށް ހެދުނު ގޯހެކެވެ. ސާރާގެ ރުޅިވެރިކަން ހައްދުން ނެއްޓިއެވެ.

ސާރާ ހަމަހިމޭންވެލުމަށް ފަރީދާ ބުންޏެވެ. ކައިސަރާ ކައިވެނިކުރުމަށްފަހު ، ދުވަސްކޮޅަކުން ކައިސަރާ ވަކިވީމަ ، އަޝްހަރާއި ސާރާގެ ކައިވެނިކޮށްދޭނެކަމަށް ފަރީދާ ބުންޏެވެ.

ފަރީދާ އެދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތައް ހުއްޓައިލުމަށް ޒަރީނާ ބުންޏެވެ. ފަރީދާ އެކިޔާ އެއްވެސްކަމެއް ނުވާނެއެވެ. މީހުން ހައްލައިގެން މީހުންނަށް ލަނޑުދިނުމަކީ ފަރީދާގެ ކަށީގައި ހިފާފައިވާ ކަމެކެވެ. ޒަރީނާވެސް ފަރީދާއާ ދިމާއަށް އަޑުގަދަކޮށްގަތެވެ. ސަރާގެ ދިރިއުޅުން ސަމާސާއަކަށް ހަދައި ، ދިރުމެއްނެތް އުއްމީދެއްގައި އޭނާގެ ދަރިފުޅުގެ ޅަޢުމުރު ދުއްވައިލާން މަޖުބޫރު ކުރުވީ ފަރީދާކަމުގައިވެސް ޒަރީނާ ބުންޏެވެ.

" މަންމާއެވެ ! މި އަންހެނާގެ އަޞްލު ވަރަށްކުރީއްސުރެ އަހަރެން ދަންނަމެވެ. އަހަރެންނަށް މި އަންހެނާގެ ގޮތް އެނގުނެވެ. އެހެންނަމަވެސް އަޝްހަރުގެ ލޯބީގައި އަހަރެންނަށް މަގުއޮޅުނީއެވެ. ކައިސަރެއްވެސް އަދި ޚައިރާދެއްވެސް ނޫނެވެ. މިއަންހެނާގެ ޙަޤީޤަތް އަޝްހަރުގާތު ބުނާނީ އަހަރެންނެވެ. " ފަރީދާއާ ދިމާއަށް ސާރާ ހަޅޭއްލަވައިގަތެވެ.

ފަރީދާ އެހުރިހާ ކަމެއް އެކުރަނީ ހަމަ ، ސާރާއަށްޓަކައެވެ. އަޝްހަރާއި ސާރާގެ ކައިވެންޏަށް މަގުފަހި ކުރުމަށެވެ. ސާރާއަކީ ފަރީދާއަށް ބޮޑުދައިތަކިޔާ ކުއްޖެކެވެ. އެކަމަކު ، ފަރީދާ ދެކެނީ ސާރާއަކީ އޭނާގެ އަމިއްލަ ދަރިއެއްގެ ގޮތުގައިކަމަށް ފަރީދާ ބުންޏެވެ.

ޒަރީނާގެ ރުޅިވެރިކަންވެސް ހައްތާދިޔައީ އިތުރު ވަމުންނެވެ. ދަރިއެއްގޮތަށް ބަލަނީއޭ ބުންޏަކަސް ދަރިޔަކަށް ނުވާނެކަމަށް ޒަރީނާ ބުންޏެވެ. އެއްވެސްކަމެއް ރަނގަޅަށްދާތަނެއް ޒަރީނާއަކަށް ނުފެނެއެވެ. މީގެ ހަތަރު އަހަރު ކުރިންވެސް ، ޒަރީނާގެ ހިތަށް އެ އިޙްސާސްތައް ކުރެވުނެވެ. ފަރީދާގެ އޮތީ އޭނާގެ އަމިއްލަ އެދުމެއްކަމަށް ވިސްނުނެވެ. އެހެނަސް ، ފަރީދާގެ ބަހަށް ހެއްލި ފަރީދާޖެހި ކިރުއިލޮށީގައި ޖެހި ، ސަލާމަތް ނުވެވުނީއެވެ. ސާރާވެސް ، އަދި ކައިސަރުވެސް ހަމަ އެފަދަ ކިރުއިލޮށްޓެއްގައި ޖެހުނީއެވެ. އޭނާގެ އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ބަރުބާދު ކޮށްލި އަންހެނެއްގެ ހިތުގައި ،  ދުރުހިލޭ މީހެއްގެ މައްޗަށް ހަމްދަރުދީއެއް ނުއޮންނާނެކަމުގައި ޒަރީނާއަށް އެނގެން ޖެހޭނެއެވެ. ދެބެންގެ ދެދަރި ކުއްޖަކަށް  ހެވެއް ނުއެދޭނެއެވެ.

" މަންމާއެވެ ! ކަންބޮޑު ނުވާށެވެ. މިއަންހެނާ އަހަރެން ބޭނުންކުރީ ، އޭނާގެ އަމިއްލަ އެދުން ޙާޞިލްކުރުމުގައި މެދުވެރިކުރާ ސަބަބަކަށެވެ. އެސަބަބަކީ ، މިއަންހެނާ ބަރުބާދުވެގެންދާނެ ސަބަބަކަށް އަހަރެން ހަދާނަމެވެ. އަހަރެންނަކީވެސް ނުބައި ނުލަފާމީހެއްކަން މީނާއަށް އަންގައިލާނަމެވެ. ޑްރާމާ ކުޅެން އެނގޭނީ ފަރީދާއަށް އެކަންޏެއްނޫނެވެ. " ސާރާ ބުންޏެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.