ކީއްކުރާ ދިވެހިބަހުގެ ދުވަހެއްތޯ؟

ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަނީ ކީއްކުރަންތޯއެވެ ؟ އެދުވަސް ފާހަގަ ކުރެވެނީ އެންމެ ރަނގަޅަށްތޯއެވެ ؟ އެދުވަސް ފާހަގަކުރުމުގެ ބޭނުމާއި މަޤްޞަދަކީ ކޮބައިތޯއެވެ ؟ އެދުވަހު އަޅުގަނޑުމެން ކުރަންވީ ކޮންކަމެއްތޯއެވެ؟ އެދުވަހަށް ސަމާލުވާންވީ ފަރާތްތަކުންނާއި މުއައްސަސާތަކުން އެދުވަހަށް އިސްކަން ދެއްވާތޯއެވެ ؟ މިއީ ދިވެހިބަހާމެދު ވިސްނާ ފިކުރުކުރާ ކޮންމެ ދިވެއްސެއްގެ ހިތެއްގައިވެސް ސުއާލު އުފެދޭނެ ކަންކަމެވެ.

ދިވެހި ބަހަކީ ، ދިވެހިންގެ ކާބަފައިންގެ މާދަރީ ބަހެވެ. މާދަރީ ބަހަކީ ، ކާބަފައިންގެ ޒަމާނުއްސުރެ ވާހަކަ ދައްކަމުން އަންނަ ބަހެވެ. އެތަނެއްގެ އަހުލުވެރިން ވާހަކަދައްކައި އުޅޭ ބަހެވެ. އެއީ ، ދިވެހިންގެ މާދަރީ ބަހެވެ. ދިވެހިރާއްޖޭގެ ރައްޔިތުންގެ އަމިއްލަ ބަހެވެ. ތަނެއްގެ އަހުލުވެރިންނަކީ ، މާދަރީބަހަށް ނިސްބަތްވާ މީހުންނެވެ. ކާބަފައިންނަކީ ، ޤައުމެއްގެ އިސްވެ ގޮސްފައިވާ މީހުންނެވެ.

ދިވެހިން މިވާހަކަ ދައްކަނީ ، މި ޤައުމުގައި އިސްވެ ގޮސްފައިވާ ، ދިވެހިންގެ ކާބަފައިން ، ޒަމާނުއްސުރެ ވާހަކަދައްކަމުން އައިސްފައިވާ ދިވެހިންގެ އަމިއްލަ ، މާދަރީ ބަހުންނެވެ. ކޮންމެ ބަހަކުން ، އޭގެ އަސްލު އުފެދި އައިސްފައިވިޔަސް ، ދިވެހިބަހަކީ ، މުއްސަނދި ބަހެކެވެ. އަމިއްލަވަންތަ ގޮތްތަކަކާއި ހަމަތަކަކާ އަދި ރީތި ، ހިތްގައިމު ބަސްތަކެކެވެ. ހިތަށް އަސަރުކޮށް ، ހިތްދަމައިގަންނަފަދަ ފަށުވި ޢިބާރާތްތަކެވެ. ބުނެލަން ބޭނުންވާ ކޮންމެ ވާހަކައެއް ސާފުކޮށް ބުނެވޭ ، ބަލާޣާތްތެރި ޖުމްލަތަކެވެ. ދުނިޔޭގައި އިންސާނުން ވާހަކަދައްކައިއުޅޭ ، އެހެން ކޮންމެ ބަހެއްގައި ހުންނަ ފަދަ ރާގެކެވެ. ނުވަތަ ލަހުޖާއެކެވެ.

މިރީތި ބަހުން ވާހަކަ ދައްކައިގެން މީހަކު ހެއްވައިލެވިދާނެއެވެ. އަދި ، ރޮއްވައިލެވިދާނެއެވެ. ހަމައެފަދައިން ރުޅިއަރުވައި ލެވިދާނެއެވެ. ފޫހިކުރުވިދާނެއެވެ. ލޯބިވެވިދާނެއެވެ. ވަކި ވެވިދާނެއެވެ. އެހެންކޮންމެ މާދަރީބަހެއްގައި ހުންނަ ހުރިހާ އަސަރެއް ދިވެހިބަހުގައި އެބަހުއްޓެވެ. ދިވެހިބަހުގައި ނެތް ވަކި ފޮނިކަމެއް އެހެންބަހެއްގައެއް ނުވެއެވެ. ދިވެހިބަހުން ހާމަ ނުކުރެވޭނެ ވަކި އެއްޗެއް އެހެންބަހެއްގައެއް ނުވެއެވެ. ދިވެހިބަހުން ވާހަކަ ދައްކައިގެން ހާސިލު ނުކުރެވޭނެކަމެއް ، ވަކި އެހެންބަހަކުން ވާހަކަ ދައްކައިގެންނެއް ހާސިލެއް ނުކުރެވޭނެއެވެ. ބަހެއްގައި ފުރިހަމަވާންޖެހޭ މިހުރިހާކަމެއް ، ކާބަފައިންގެ ފަރާތުން ޖީލަކަށްފަހު ޖީލަކަށް އޮތީ ވާރުތަ ވެފައެވެ. މިއަދުގެ ޖީލަށްވެސް މެއެވެ. އެ ކަންކަމަކީ " ނުމެ ޢީދަކު ނުމެ ރޯދަޔަކު " އައި ކަންކަމެއްނޫނެވެ.

އެހެނެއްކަމަކު ، މާދަރީބަހުގެ މިއަދުގެ ޙާލަތަށް ބަލާއިރު ، ބަސް މިއޮތީ ގަޑުބަޑުވެފައެވެ. އެއީ މިޖީލަށް ބަސްލިބުނު ގޮތެވެ. ބޭރު އެތައްބަހެއް ، ދިވެހިބަހުގެ ބަދަލުގައި އެބަ ، ބޭނުންކުރެވެއެވެ. ބޭނުންކުރެވޭނެ ރީތި ދިވެހިބަސް ހުއްޓައި ، ބޭނުން ނުކުރަންވާ ތަންތަނަށް ބޭރު ބަސް އެބަ ، ބޭނުންކުރެވެއެވެ. ރީތި ދިވެހިބަސްތައް އޮޅުވާލައިގެން ، އޭގެ އަސްލު މާނައިންބޭރުން ، އެބަ ، ބޭނުން ކުރެވެއެވެ. އަލިފު ސުކުން ށަވިޔަނި ސުކުނަށް އަދި ށަވިޔަނި ސުކުން އަލިފު ސުކުނަށް ، ސީނު ށަވިޔަންޏަށް ބަދަލުކޮށްގެން ބަހުގެ ހަމަތައް އެބަ ، ގެއްލެއެވެ. ވާހަކަ ދެއްކުމުގެ ހަމަތައް ނަގައިލެވި ، ވާހަކަ ދައްކާމީހާއަށް ނިސްބަތްކޮށް ،  އަމިއްލަޔަށް މާތްބަހުން އެބަ ، ވާހަކަ ދެއްކެއެވެ. މަޖިލިސްތަކުގެ ޢިއްޒަތްތެރިން ދައްކަވާ ވާހަކަ ތަރުޖަމާކުރަންޖެހޭ ހިސާބަށް އެބަ ، ދެއެވެ. ވާހަކަ ދެއްކުމުގެ އަދަބުވެރިކަން ގެއްލި ، އެކަކު އަނެކަކަށް މުޚާތަބުކުރަންވީ ބަހުރުވަ  އޮޅޭގޮތް އެބަ ، ވެއެވެ. ޢިބާރާތް ކުރުމުގައި ، ޖުމްލައެއް ނިމޭއިރު ، ބުނަން ބޭނުންވާ ވާހަކައެއް ހަނދާން ނެތޭވަރަށް ދިގުވަމުން އެބަ ، ދެއެވެ. ތަންތަނުގައި ބެހެއްޓޭ ބޯޑުތަކުގައި ބަހުގެ ހަމަތައް ގެއްލިފައި އެބަ ، ހުރެއެވެ. ޤާނޫނީގޮތުން ދިވެހިބަހަށް ދޭންޖެހޭ އިސްކަން ނުދެވޭތަން  އެބަ ، ފެނެއެވެ. އޮފީސް އޮފީހުގެ ރަސްމީ ލިޔުންތައް ދިވެހިބަހުން ލިޔުމުގެ ބަދަލުގައި ، އިނގިރޭސިބަހުން އެބަ ، ލިޔެވެއެވެ. ސްކޫލްތަކުގެ ތުއްތުކުދިންނަށް ދިވެހިބަހުން ވާހަކަ ދައްކަން ނޭނގިފައި ، އެކުދިންނާ އިނގިރޭސިބަހުން ވާކަ ދައްކަން އެބަ ، މަޖުބޫރު ވެއެވެ.

މިއީ ، ބަހާބެހޭގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމެވެ. ދެން އޮތް ސުއާލަކީ ، އެކަންކަން އެހެން މެދުވެރިވާން ދިމާވި ސަބަބަކީ ކޮބައިތޯ އުފެދޭ ސުއާލެވެ. ސަބަބުތައް ވަރަށް ގިނައެވެ. ހުރިހާ ދިމާއަކުންވެސް ފެންނަނީ އިހުމާލެވެ. އަޅައިނުލުމެވެ. ކޮންމެގޮތެއް ވަރިހަމަ ވުމެވެ. ޒަމާނަށް އަންނަ ބަދަލާއި ދުނިޔެ އެނބުރޭގޮތަށް ، ވާނެ އެއްޗެއްވާން ދޫކޮށްލެވިފައި އޮތުމެވެ. ޒަމާން ބަދަލުވަމުން އައި އައުމުގައި ، ދުނިޔެއަށް ތަޢާރުފް ވަމުންއައި ޓެކްނޮލޮޖީގެ އާ އުފެއްދުންތަކުގައި ، ޅަ ސިކުނޑިތައް އޭގެ އަވާގައި ޖެހެމުން އައިއިރު ، އެކުދިން ހިތްކިޔާފަދަ ބަހުގެ އުފެއްދުންތައް ނުއުފެއްދުމެވެ. ބަހަށް ލޯބި ޖެއްސުމަށްޓަކައި އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތުމެވެ. އަމިއްލަ އެކިފަރާތްތަކުން ، ބަސް ކުރިއެރުވުމަށްޓަކައި ކުރަމުންދާ ބުރަމަސައްކަތުގައި ، ސަރުކާރުގެ އެކަށީގެންވާ ބައިވެރިވުން ނެތުމެވެ. ބަސް ހަލާކުވަމުން އެބަދާކަން އެނގިތިބެމެ ، އެކަށީގެންވާ މަސައްކަތެއް ނުކޮށް ތިބެވުމެވެ. ޒަމާނީވާން ބޭނުންވެގެންގޮސް ، ދިވެހިބަހުގެ ބަދަލުގައި އިނގިރޭސިބަސް ބޭނުންކުރުމަކީ ރީތި ، މޮޅުކަމަކަށް ވުމެވެ.

މާދަރީބަހެއް ހަލާކުވެ ދިއުމަކީ ރީތިކަމަކަށް ، މޮޅުކަމަކަށް ވާން ދޫކޮށްލެވިއްޖެނަމަ ، ވާންވީ ހުރިހާކަމެއް ދިވެހިބަހަށް މިއޮތީ ވެފައެވެ. ބަސް މިއޮތީ ގާދޫކޮޅުން ނުކުންނަން މިސްރާބު ޖަހާފައެވެ. އެއްވެސް އެއްޗެއް ހަލާކުވެދާން ދޫކޮށްލެވިއްޖެ ހިނދެއްގައި ، ބޭނުންނުކުރާ އެއްޗަކަށް ވާންވެއްޖިއްޔާ ، އެއެއްޗެއް އެއީ ނޭނގިހުއްޓާ ބީވެގެންދާނެ އެއްޗެކެވެ. މަޑުމަޑުން ނަމަވެސް ގެއްލިގެންދާނެ އެއްޗެކެވެ.

ކޮންމެ އަހަރަކު ވަކި ދުވަހަކު ، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރާއިރު ، ބަހަށް އެނގުންވާ ކަހަލަކަމެއް އަދި މިހާތަނަށް ކުރެވިފައެއް ނެތެވެ. އެކަންކުރަން ، ރައްޔިތުންގެ ޓެކްސް ފައިސާއިން ޚަރަދުކުރާ މުއައްސަސާތަކާއި މުއައްޒަފުން މަދެއްނޫނެވެ. ރަސްމީ އޮފީސްތައް އެބަހުއްޓެވެ. މުޝީރުންތައް އެބަ ތިއްބެވެ. އެހެންކަމަށް ވަންޏާ ، ކީއްކުރަން ފާހަގަކުރާ ދިވެހިބަހުގެ ދުވަހެއްތޯއެވެ ؟

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.