އެމެރިކާގެ އެއަރފޯސް ޕައިލެޓަކު ޝަރީޢަތަށް ގެންދެވިއްޖެއެވެ. އޭނާގެ ކުށަކަށްވީ މީހަކާ އިނދެގެން ހުރެ، އަނބިމީހާއަށް ނާންގައި އެހެން މީހަކާ އިނުމެވެ. "ލޮސް އެންޖަލްސް ޓައިމްސް" ގައި ބަޔާން ކޮށްފައިވާ ގޮތުގައި އޭނާއަށް ކުރި ޙުކުމަކީ 3 މަސް ދުވަހަށް މިލިޓަރީ ޖަލަކަށް ލުމާއެކު ވަޒީފާއިން ވަކި ކުރުމެވެ. އޭރު އޭނާއަށް ޕެންޝަން ލިބޭން (20 އަހަރު ހަމަވާން) އޮތީ އެންމެ ނުވަ މަސް ދުވަހެވެ. އޭނާގެ މައްޗަށް ދަޢުވާ ކުރި ސަރުކާރުގެ ވަކީލު ބުންޏެވެ. "އޭނާ އެ ކުޅަ ކަމަކީ އަބުރުވެރި ސިފައިންގެ މީހަކު ނުވަތަ މާތް މީހަކު ކޮށްގެން ވާނޭ ކަމެއް ނޫނެވެ."
މިއީ މިލިޓަރީ ކޯޓެއްގެ ޙުކުމެވެ. މި ޙުކުމަށް ބަލާ އިރު އަޚްލާޤީ މައްސަލަތަކަކީ ހުރިހައި މުޖުތަމަޢެއްގައިވެސް އޮންނަ މައްސަލަތަކެއްކަން އެނގެއެވެ. އަދި އެއީ އެއްވެސް ބަޔަކު ހެޔޮ ކަމެއްގެ ގޮތުގައި ބަލާ ކަންތައްތަކެއް ނޫންކަންވެސް އެނގެއެވެ.
އަޚްލާޤީ މައްސަލަތަކަށް ދެވޭ އަދަބަކީ އަނިޔާއެއް ކަމަށް ދެކޭ މީހުން އުޅެއެވެ. އިސްލާމް ދީނުގައި އެކި އެކި އަޚްލާޤީ ކުށް ކުށަށް ކަނޑައެޅިފައި ހުންނަ އަދަބު ތަކަކީ އިންސާނީ ޙައްޤުތަކާ ޚިލާފު އަދަބުތަކެއް ކަމަށް ބުނާ ބަޔަކުވެސް އުޅެއެވެ.
މި ފަދަ އަޑު ފަތުރާ މީހުންނަކީ ޙަޤީޤަތުގައި އިސްލާމްދީން ބަދުނާމު ކުރަން އުޅޭ ބައެކެވެ. އަޚްލާޤީ ކުށް ކުށުގެ އަދަބަށް ބަލާއިރު އެއީ މުޅި މުޖުތަމަޢު ސަލާމަތް ކުރަން ކަނޑައެޅިފައި ހުންނަ އަދަބު ތަކެއްކަން ވަރަށް ރަނގަޅަށް އެނގެއެވެ. ޒިނޭއާއި ވައްކަން ފަދަ ކަންތައްތަކަކީ މުޅި މުޖުތަމަޢަށް އޭގެ ނުބައި އަސަރު ކުރާ ކަންކަމެވެ. މީގެ ހެކި ބައެއް ޤައުމުތަކުން މިހާރުވެސް ފެންނަމުން އެބަ ދެއެވެ. ބަފައި ކަށަވަރު ނުވާ ކުދިންނާއި މީހަކާ ނީނދެ ވިހައިގެން ދަރިން އެއްލައިލާ މީހުންގެ ވާހަކައަކީ ކެނޑިނޭޅި ޚަބަރުތަކުން އިވެމުން އަންނަ ވާހަކަތަކެކެވެ.
އިސްލާމްދީނަކީ މި ފަދަ އެއްވެސް ނުބައި ކަމަކަށް ތަރުޙީބުދޭ ނުވަތަ ނުބައި ކަމެއް ހުއްދަ ކުރާ ދީނެއް ނޫނެވެ. މުޖުތަމަޢުގެ އެއްވެސް ކަމަކަށް ނުބައި އަސަރުތަކެއް ފޯރާފަދަ ކަމެއް ނަމަ އެ ކަމެއް އޮންނަނީ އިސްލާމް ދީނުގައި މަނާ ކުރެވިފައެވެ. އެއީ ބައެއްގެ ޙައްޤުތައް ނިގުޅައިގަތުމެއް ނޫނެވެ. އެއީ މުޅި މުޖުތަމަޢުގެ ޙައްޤުތައް ރައްކާތެރި ކޮށްދިނުމެވެ.
އިނގިރޭސި ވިލާތުގެ މަޝްހޫރު ލިޔުންތެރިއަކު ލިޔުއްވައިފައި ވެއެވެ. "މުޖުތަމަޢެއް ރަނގަޅު ކުރަން ބޭނުން ނަމަ މީހުންގެ އަޚްލާޤު ރަނގަޅު ކުރާށެވެ. އެ މީހުންގެ ވިސްނުން ހަމަޔަކަށް އަޅުވާށެވެ. މި ކަންތައް ކުރެވިއްޖެ ނަމަ ދެން ނުކުރެވި ހުރި ހުރިހައި ކަމެއް މީހުން އަމިއްލައަށް ކުރާނެއެވެ."
އިސްލާމް ދީނަކީ އަޚްލާޤީ އެންމެ ރިވެތި ނަމޫނާ އާއިގެން އައި ދީނެވެ. އިސްލާމީ އުޞޫލުތަކުގައި ހިފަހައްޓައިގެން ނޫނީ އަޚްލާޤު ރަނގަޅެއް ނުކުރެވޭނެއެވެ.