ނިވްޔޯކް ސިޓީގެ ދެމަފިރިއަކަށް އެއް ދުވަހަކު ޕޯސްޓުން ކުޑަ ޕާރުސަލެއް ލިބުނެވެ. އެ ޕާރުސަލުގައި އޮތީ އެ ދުވަސްވަރު ބްރޯޑްވޭގައި އޮތް ވަރަށް ބޮޑު މިއުޒިކް ޝޯއެއްގެ ދެ ޓިކެޓެވެ. ޓިކެޓް ފޮނުވި މީހެއްގެ ނަމެއް، އެޑްރެހެއް ނެތެވެ. ޓިކެޓާ އެކު އެއްވެސް ކަހަލަ ލިޔުމެއްވެސް ނެތެވެ. ކާކު ފޮނުވި އެއްޗެއްކަން ނޭނގިގެން އެ މީހުން ތިބީ ޙައިރާން ވެފައެވެ. އެހެން ނަމަވެސް ދެމަފިރިން ތައްޔާރު ވެގެން އެރޭ މިއުޒިކް ޝޯ އަށް ދިޔައެވެ.
ޝޯ ނިމިގެން އެނބުރި ގެއަށް އައި އިރު ކަމަކުދާކަށް ނެތެވެ. ގެއަށް އޮތީ ވަގު ވަދެފައެވެ. ގޭގައި ހުރި އަގު ބޮޑު އެއްޗެހި ވަގު ކަލޭގެ ގެންދިޔައީއެވެ. ނިދާ އެނދުގެ ބޯލާކޮޅުގައި ކުޑަ ނޯޓެއް އޮތެވެ. އެ ނޯޓުގައި ލިޔެފައި އޮތެވެ. "މިހާރު އެނގިއްޖެއެއްނު-؟" މާނައަކީ ޓިކެޓް ފޮނުވީ ކާކުކަން އެނގިއްޖެއެއް ނޫން ހެއްޔެވެ.
މި ދެންނެވުނު ވަގު ކަލޭގެއާއި މަގު އޮޅުވައިލާން އުޅޭ މީހަކާ އެއްވެސް ތަފާތެއް ނެތެވެ. މަގު އޮޅުވާލަން އުޅޭ މީހާވެސް ބަލާނީ ބަޔަކު އެންމެ ރުހޭ ކަމަކީ ކޮބައިތޯއެވެ.
ކްރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާ މީހުންގެ އެއް ޚާޞިއްޔަތަކީ މިއީއެވެ. އެ މީހުން އެ ވާހަކަ ދައްކާ މީހެއްގެ ދިރިއުޅުން އޮންނަ ގޮތެއް ވަރަށް ރަނގަޅަށް ދުރާލައި ބަލާނެއެވެ. އެއަށް ފަހު ވާހަކަ ދައްކާނީ އެ މީހަކު އެންމެ ޝައުޤުވެރިވާ ކަމަކާ ބެހޭ ގޮތުންނެވެ.
ހަމައެކަނި ކްރިސްޓިއަން ދީނަށް ގޮވައިލާ މީހުންނެއް ނޫނެވެ. އިސްލާމް ދީން ފެތުރުމުގެ ނަމުގައިވެސް މި ދެންނެވި ވަގު ކަލޭގެއާ އެއް ފަދަ ގޮތަކަށް ކަންތައްތައް ކުރާ މީހުން އުޅެއެވެ. އެ މީހުންނަކީ ހެޔޮއެދިގެން މީހުން ތެދު މަގަށް އެނބުރުވޭތޯ މަސައްކަތް ކުރާ ބައެއް ކަމަށް ދަޢުވާ ކުރާނެއެވެ. އެ ކަހަލަ މީހުން އެކި ސިފަ ސިފައިގައި ނުކުމެގެން އުޅެއެވެ. އާދައިގެ މީހުންގެ ގޮތުގައްޔާއި "ބޮޑެތި" މީހުންގެ ގޮތުގައެވެ. މި ފަދަ މީހުންގެ ފުށުން ސަލާމަތް ވެގެން ތިބުމަކީ ފަސޭހަ ކަމެއް ނޫނެވެ.
"ދޮގުވެރި މުޞްލިޙުން"ނަކީ ހުރިހައި ޒަމާނެއްގައި އުޅުނު ބައެކެވެ. މިހާރުވެސް އުޅޭ ބައެކެވެ. ކީރިތި ޤުރްއާންގައި އަންގަވައިފައިވާ ފަދައިން އެ މީހުން ބުނާނީ އެއީ ޞުލްޙަ ކުރަން އުޅޭ ބައެއް ކަމުގައެވެ. އެކަމަކު ޙަޤީޤަތުގައި އެ މީހުންނަކީ ފަސާދަ ކުރަން އުޅޭ ބައެކެވެ.
އެ ފަދަ މީހުން ފާހަގަ ކުރެވޭނޭ ގޮތަކީ ކޮބައިތޯއެވެ؟
އެ ފަދަ މީހުންނަކީ ޢަމަލާއި ބަހާ ދިމާ ނުވާ މީހުންނެވެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް މުނާފިޤެއްގެ ދެ ފުށް އެއް ގޮތެއް ނުވާނެއެވެ.