މާފުށީގައި ރަނގަޅު ސިއްޚީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ އެމްޑީޕީ ކެނޑިޑޭޓް ޝާޒުގެ ކެމްޕެއިންގައި މާފުއްޓަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ވާހަކަ ދައްކަވަމުން ނެވެ.
ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެބޮޑަށް ކުރިއަރާފައިވާ އެއްރަށަކީ މާފުށި ކަމަށާއި އެ ރަށުގައި ރަނގަޅު ސިއްޚީ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ.
އެގޮތުން މާފުށީ ސިއްޚީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެކަން މިއަހަރުގެ ބަޖެޓުގައި ހިމަނައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ޓެންޑަރއަށް ހުޅުވާލެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން މިހާރު ވެސް ސިއްހީ މަރުކަޒަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި މާފުށީ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އެތަނުގައި އޮޕަރޭޝަން ތިއޭޓަރެއް ގާއިމުކުރަން ނިންމައި ބަޖެޓު ހަމަޖެއްސުމަށް ޕްލޭނިންގ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ގުރައިދޫ ދާއިރާގެ މަޖިލިސް އިންތިޚާބު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އިންތިޚާބާއި ދިމާކޮށް ސަރުކާރުން ނުފޫޒު ފޯރުވާކަމުގެ ކަންބޮޑުވުން އިދިކޮޅު ޕީޕީއެމްއިން ދަނީ ފާޅު ކުރަމުން ނެވެ.