ތުރުކީން އެގައުމުގައި ބަނދެފައިވާ ފުރަތަމަ މަތިންދާބޯޓު އުފުލާ މަނަވަރު (އެއާކްރާފްޓް ކެރިއާ) އެ ގައުމުގެ ކަނޑުގެ ސިފައިންނާ ހަވާލުކޮށްފިއެވެ. މިއާއެކު ތުރުކީ ވަނީ އަމިއްލައަށް އުފެއްދި މަތިންދާބޯޓު އުފުލާ މަނަވަރު ބޭނުންކުރާ މަދު ގައުމުތަކުގެ ތެރޭގައި ހިމެނިގެން ގޮސްފައެވެ.
ކަނޑުމަތީ ހަނގުރާމައިގެ ގިނަ ކަންކަމަށް ބޭނުންކުރެވޭ ގޮތަށް އުފައްދާފައިވާ، ތުރުކީގެ ކަނޑުގެ ސިފައިންގެ އެންމެ ބޮޑު އުޅަނދު 'ޓީސީޖީ އަނަޑޯލޫ' ސިފައިންނާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވި ގޮތުގައި އެ މަނަވަރަކީ 'ތުރުކީގެ ގަރުނު'ގެ ތަމްސީލުކޮށްދޭ އުފެއްދުމެކެވެ. ރައީސު އެރްދޮޣާން ވަނީ މި ގަރުނަކީ އިގްތިސާދީ ގޮތުންނާއި، އުފެއްދުންތެރިކަމުގެ ރޮނގުގައި ތުރުކީގެ ގަރުނު ކަމުގައި ހެއްދެވުމަށް ކެމްޕޭނެއް ފަށްޓަވާފައެވެ.
މަތިންދާބޯޓު އުފުލާ މަނަވަރަކަށް ވުމުގެ އިތުރުން ޓީސީޖީ އަނަޑޯލޫ' އަކީ މީހަކު ނެތި އުދުހޭ ބޯޓު އުފުލާ ފުރަތަމަ މަނަވަރަށެވެ.
"ޓީސީޖީ އަނަޑޯލޫއަކީ އޭގެ މައިދާނުގެ ދުނިޔޭގައި މިހާތަނަށް އުފެއްދި ފުރަތަމަ މަނަވަރު. މީހަކު ނެތި އުދުހޭ އުޅަނދު ފަހަރު އެއަށް ޖައްސައި އެއިން އުދުއްސާލެވޭނެ." އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.
ދިގުމިނުގައި 231 މީޓަރު އަދި ފުޅާމިނުގައި 32 މީޓަރު ހުންނަ، 27 ހާސް ޓަން އުފުލޭ މި މަނަވަރުގައި 3 ބާވަތެއްގެ މަތިންދާބޯޓު އުފުލެއެވެ. އެއީ ތުރުކީގައި އުފައްދާފައިވާ މަޝްހޫރު 'ބައިރަޤްދާރް' ޑްރޯންއާއި، އެ ގައުމުގެ އެފް-35 ގޮތުގައި ސިފަކުރެވޭ ބޮންއަޅާ 'ކިޒިލް އަލްމާ" ޑްރޯންގެ އިތުރުން ހެލިކޮޕްޓަރެވެ. އޭގެ ޑެކް މަތީގައި 10 ހެލިކޮޕްޓަރާއި، 11 ޑްރޯން އުފުލޭއިރު، 19 ހެލިކޮޕްޓަރާއި، 30 ޑްރޯން ރައްކާކުރުމުގެ ގާބިލުކަން 'ޓީސީޖީ އަނަޑޯލޫ' އަށް ލިބިގެންވެއެވެ. މީގެ އިތުރަށް 13 ޓޭންކާއި، 33 އަސްކަރީ އުޅަނދު މިމަނަވަރުގައި އުފުލެއެވެ.
އެންމެ ބާރު ދުވެލީގައި 21 ނޮޓަށް ދަތުރުކުރާ މިމަނަވަރަށް 9 ހާސް މޭލު ދުރަށްދަތުރުކޮށް، 50 ދުވަހުގެ މުއްދަތަކަށް ކަނޑުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައި ވެއެވެ.
ރައީސު އެރްދޮޣާންގެ ވެރިކަމުގައި ތުރުކީ ވަނީ އެގައުމުގެ ދިފާއީ ސިނާއަތު ވަރަށް ވަރުގަދަކޮށްފައެވެ. މީގެ ވިއްސަކަށް އަހަރުކުރިން އެގައުމުން ބޭރުކުރި އަސްކަރީ އުފެއްދުއްތަކުގެ އަގު 250 މިލިއަން އެމެރިކާ ޑޮލަރުގައި ހުރިއިރު، 2022 ގައި އެގައުމުން 4.4 ބިލިއަން އެމެރިކާ ޑޮލަރުގެ ދިފާއީ އުފެއްދުން ބޭރުކޮށްފައި ވެއެވެ.