ތުރުކީގައި އިއްޔެ ބޭއްވުނު ރިޔާސީ އިންތިޚާބާއި، އާއްމު އިންތިޚާބުގެ ވޯޓު ގާތްގަނޑަކަށް ގުނައި ނިމިފައިވާއިރު ރައީސު ރަޖަބު ޠައްޔިބު އެރްދޮޣާން ވަނީ %50 އަށް ވުރެ މަތިން ހޯއްދަަަވައިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވާފައެވެ.
ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ %87 ވޯޓުލާން ނުކުތް މިއިންތިޚާބުގެ %91 ވޯޓުގެ ނަތީޖާ އިއުލާންކުރެވިފައިވާއިރު އެރްދޮޣާން ވަނީ %52.5 ހޯއްދަވާފައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ކެންޑިޑޭޓް މުހައްރަމް އިންޗޭ އަަށް ލިބިވަޑައިގަތީ %30.7 ވޯޓެވެ.
އިއްޔެ ބޭއްވުނު އާއްމު އިންތިޚާބުވެސް އެރްދޮޣާން ވަނީ ކާމިޔާބުކުރައްވާފައެވެ. ރައީސު އެރްދޮޣާންގެ ޖަސްޓިސް އެންޑް ޑިވެލޮޕްމަންޓް (އޭކޭ) ޕާޓީ އިސްވެ އޮވެ އުފައްދާފައިވާ ޕީޕަލްސް އެލަޔަަންސް ކޯލިޝަނުން ވަނީ %53.6 ވޯޓު ކާމިޔާބުކޮށްފައެވެ. މި ކޯލިޝަންގައި ދެން ހިމެނެނީ ނޭޝަލް މޫވްމަންޓް ޕާޓީ (އެމްއެޗްޕީ) އެވެ. އިދިކޮޅު ނޭޝަންސް އެލަޔަންސަށް ކާމިޔާބުކުރެވުނީ ވޯޓުގެ %34 އެވެ.
ތުރުކީގެ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަނީ ވަކި ދާއިރާތަކަށް މެންބަރުން ކުރިމަތި ލައިގެންނެެއް ނޫނެެވެ. ޕާޓީތަކަށް ވޯޓު ލިބޭ ނިސްބަތުން ޕާޓީތަކަށް ގޮނޑި ދީގެންނެވެ. އަދި ޕާޓީއަކަށް މަޖިލީހުން ގޮނޑި ދެވޭނީ މަދުވެގެން އާއްމު ވޯޓުގެ %10 ހޯދުމުންނެވެ. މިފަހަރުގެ އިންތިޚާބުގައި ކުރުދީ ޕާޓީއެެއް ކަމުގައިވާ ކާޑިސް ޕީޕަލްސް ޑިމޮކްރެޓިކް ޕާޓީ (އެޗްޑީޕީ) އިން ވަނީ ވޯޓުގެ %11 ހޯދައި ގާނޫނު ހަދާ މަޖިލީހުން ޖާގަ ހޯދާފައެވެ.
މިހާރުގެ ނަތީޖާއަށް ބަލާއިރު، ނިސްބަތުން ގޮނޑި ބަހާލުމުން އެރްދޮޣާންގެ ޕީޕަލްސް އެލަޔަންސަށް 343 ގޮނޑި، އިދިކޮޅު ނޭޝަންސް އެލަޔަންސަށް 190 ގޮނޑި އަދި ކުރުދީ އެޗްޑީޕީ ޕާޓީއަށް 67 ގޮނޑި ލިބެއެވެ. ތުރުކީގެ ގާނޫނު ހަދާ މަޖިލިސް، ގްރޭންޑް ނޭޝަނަލް އެސެންބްލީ އެކުލުވިގެންވަނީ 600 ގޮނޑީގެ މައްޗަށެވެ.