ދުނިޔެ ދުއްވަނީ ބާރުން ހެއްޔެވެ ؟ ނުވަތަ ފައިސާއިން ހެއްޔެވެ ؟ ދުނިޔެ ދުއްވާ އިންޖީނަކީ ކޮބައިހެއްޔެވެ ؟ ދުނިޔެ ދުއްވާ މީހުންނަށް ބަލައިލާއިރު ، އެތައްބާވަތެއްގެ މީހުންނެއް ފާހަގަ ކުރެވެއެވެ. ހީވާގި ތެދުވެރި އިޚްލާޞްތެރިންނެވެ. ވައްކަންކުރާ ޚިޔާނާތްތެރިންނެވެ. މުއްސަނދި ސާދާގަރުންނެވެ. މަކަރާއި ޙީލަތުން ދުނިޔެ ހިންގަން މަސައްކަތްކުރާ ފާސިޤުންނެވެ.
ދުނިޔެ ހިންގާމީހުން ، ދުއްވާ ދުއްވާ ފޫއްސެއް ނުވެއެވެ. އިތުރަށް ދުއްވަން ބޭނުންވެއެވެ. ދުނިޔެ ދުއްވައިފިމީހަކު ، އެކަމުން ހިތެއް ނުކެނޑެއެވެ. ފައިސާއާއި މުދަލުން ދުނިޔެހޯދުމަށްފަހު ދެން އެނބުރިގަންނާނީ ވެރިކަމާ ދިމާއަށެވެ. އެހެނީ ވެރިކަމަކީވެސް ، ފައިސާއާއި މުދާ އެއްކުރުމުގެ ވަޞީލަތްކަމަށްވާތީއެވެ. ޖާނާއިމާލު ހުސްކުރުމަށްފަހު ، ހޯދާވެރިކަމުން އަނެއްކާވެސް އެއްކުރާނީ ފައިސާއާއި މުދަލެވެ. އެއީ އެފަދަ މީހުންގެ ނިޔަތާއި އުއްމީދެވެ.
އެހެންނަމަވެސް ، ދުނިޔެ ހިނގަނީ ، ކުޅަދުންވަންތަ ކަލެއްގެ އިރާދަފުޅާއި މިންވަރުފުޅުގެ ދަށުންކަން ވިސްނާކަށް އެބައިމީހުން ބޭނުމެއް ނުވެއެވެ. ވެރިކަމަކީވެސް ، މުދަލާއި ފައިސާއަކީވެސް ﷲ ދެއްވަވާ އެއްޗެއްކަން ޤަބޫލުކުރާކަށް ބޭނުމެއް ނުވެއެވެ. މުދަލާއި ފައިސާ ހުރީމަ ، ދުނިޔެއިން ބޭނުންވާ ކޮންމެ ކަމެއް ޙާޞިލް ކުރެވިދާނެކަމަށް ދެކޭމީހުން ގިނައެވެ. އެހެންނަމަވެސް ، ދުނިޔެ ހިނގަނީ އެމީހުންކުރާ ތަދުބީރުންނޫންކަން އެބައިމީހުންނަކަށް ނުވިސްނެއެވެ. ދުނިޔެ ހޯދަންކުރާ މަސައްކަތް ހުއްޓައެއް ނުލައެވެ.
ކޮންމެ ނަފުސަކީވެސް އަޖަލެއްގެމަތީގައިވާ ފުރާނައެކެވެ. ދުނިޔެ ކުޑަޔަށްލައި ، ދުނިޔޭގައިވާހާ މުދަލާއި ފައިސާ އެއްކުރިޔަސް ، އެހުރިހާ އެއްޗެއް ދޫކޮށް ، އެ ނަފްސު އެނބުރި ގެންދަވާހުށީ އެކަލާނގެ ޙަޟުރަތަށެވެ. ދުނިޔެއިން ހޯދި ވެރިކަމެއް ، އެއްކުރި މުދަލެއް އަދި ފައިސާއެއް ކަށްވަޅަކަށް ނުގެންދެވޭނެއެވެ. އެކަން ދަންނަނީ މަދުބަޔެކެވެ.
އަލްއަންބިޔާ ސޫރަތުގެ 35 ވަނަ އާޔަތުގައި ، ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވައި އަންގަވައިފާ ވެއެވެ.
كُلُّ نَفْسٍ ذَآئِقَةُ ٱلْمَوْتِ وَنَبْلُوكُم بِٱلشَّرِّ وَٱلْخَيْرِ فِتْنَةً وَإِلَيْنَا تُرْجَعُونَ
" ކޮންމެ ނަފުސަކީވެސް މަރުގެރަހަ ލިބިގަންނާނޭ އެއްޗެކެވެ. އަދި ، ނުބައިގޮތާއި ހެޔޮގޮތް ، މެދުވެރިކުރައްވައި ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން އިމްތިޙާން ކުރައްވައި ގޮތް ބައްލަވަމެވެ. އަދި ، ތިޔަބައިމީހުން ރުޖޫޢަކުރައްވާހުށީ ، ތިމަން ރަސްކަލާނގެ ޙަޟުރަތަށެވެ. "
މިއީ ، މިބިން ފަސާދަކޮށް ، ދުނިޔެ ކުޑަޔަށްލައި ދުނިޔެހޯދަން މަސައްކަތްކުރާ ، އަޅުތަކުންނަށް ، ﷲ ސުބްޙާނަހޫ ވަތަޢާލާ ދެއްވާފައިވާ އިންޒާރުގެ ބަސްފުޅެކެވެ. އާޚިރަތުގެ ބާއްޖަވެރިކަން ހޯދާނެގޮތް އަންގަވައި ، މިބިންމައްޗަށް ފޮނުއްވި އިންސާނާ ، އާޚިރަތުގެ ބަދަލުގައި ދުނިޔެ ހޯދުމަށްކުރާ މަސައްކަތުގައި ބާއްޖަވެރިކަމެއް ނެތްކަން އަންގަވާ ، އެކަލާނގެ ދެއްވާފައިވާ ނަޞޭޙަތުގެ ބަސްފުޅެކެވެ. ﷲ ، އަޅަމެން އެންމެންނަށް ، ރަޙުމަތްލައްވާ ، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން މިންވަރު ކުރައްވާށިއެވެ !