މި ރަމަޟާންމަހު ، ޢަޞުރެއްހާއިރު ، ޓީވީ ޗެނަލަކުން ފޮނުވާ ޕްރޮގްރާމެއްގައި ކުކުޅުތަކެއް އެބަ ދޫކުރެއެވެ. ކޮންމެވެސް ކަމަކާގުޅިގެން އިނާމަކަށްދޭ އެއްޗެއްގެ ގޮތުގައެވެ. ދޮންބެއްޔާގެ ބޮލަށް އުނދަގޫވެގެން ، ރަދީފު ހުޅުވާލައި ދޫކުރުން ނުވަތަ ދޫކޮށްލުން އެއީ ކޮންމާނައެއްގައި ބުނާބަހެއްތޯ ބަލައިލިއެވެ.
ދޫކޮށްލުން މާނަކޮށްދެނީ ، ކަމަކުން އެއްކިބާވުން ނުވަތަ ގުޅުން ކަނޑައިލުން ނުވަތަ ހިފެހެއްޓުމުގެ އިދިކޮޅު ، އަދި ވާންކަން ކަނޑުވައިލުން ، ވީއްލުން ( މިސާލަކަށް ރޯދަ ވީއްލުން ) ، ދޫކޮށްލުން ( އެބަހީ ، ބަންދެއްގައިވާ މީހަކު ދޫކޮށްލުން ) ، ލުޔެއްދިނުން ، މިނިވަންކުރުން އަދި ބާރު ހުސްކޮށްލުން ހިމެނެއެވެ. ޓީވީއަކުން ފޮނުވާ ޕްރޮގްރާމެއްގައި އިނާމަކަށް ކުކުޅެއް ދޫކޮށްލެވިދާނެކަހަލަ ގޮތަކަށް ގުޅުވައިލެވިދާނެ ބަހެއް މީގެ ތެރެޔަކުން ދޮންބެއްޔާއަކަށް ނުފެނުނެވެ. މިވާއެއްޗެއް ބަލައިލަން ދޮންބެއްޔާ ޓީވީގެ އަޑު ގަދަކޮށްލިއެވެ. ދޮންބެއްޔާއަށް އަޑު އިވުނެވެ.
" ލެޓަރތަކެއް ނަގާލަން ޖެހޭނެ " ، " ސުއާލު ދެއްކިއިރު އެބައިން ޖަވާބު " އަދި ، " އިނާމެއް ނަގާލާން " ، ތެޔޮފިހާރައިން ދޫކޮށްލާ ތިން ކުކުޅު " ، އަދި ، " ޑޮލްފިން ގެ ފަރާތުން ދޫކޮށްލާ ފިހުނު ކުކުޅު " މިއީ ހައްތާވެސް ދޮންބެއްޔާއަށް ޓީވީން އިވުނު އަޑުއަޑެވެ.
ދޮންބެއްޔާ ކުޑަކޮށް ވިސްނައިލިއެވެ. " ލެޓަރތަކެއް ނަގާލަން ޖެހޭނެ " ކަމަށް އެބުނީ ، ބޯޑެއް ދައްކާފަ އެބޯޑުން އަކުރުތަކެއް ނަގަންޖެހޭ ވާހަކައެވެ. " ސުއާލު ދެއްކިއިރު އެބައިން ޖަވާބު " މީގެ މުރާދަކީ ، ސުއާލު ދެއްކުނުއިރު ، ޖަވާބުވެސް ފެންނަން އޮތްވާހަކަ ބުނުމެވެ. އެކަމަކު ދެފައިމައްޗަށް ތެދުވެ ޖަވާބެއް ، ކޮއްޅަކަށް ނުހުންނާނެއެވެ. " އިނާމެއް ނަގާލާން " އެބުނަނީ ، އެތާހުރި އިނާމުތަކުން އިނާމެއް ގެއްލުވައިލާ ވާހަކައެއްނޫނެވެ. އެތަނުން އިނާމެއް ޙާޞިލް ކުރާ ވާހަކައެވެ. ނުވަތަ އިނާމެއް ނަގަންޖެހޭ ވާހަކައެވެ. ދެންއިވުނީ ، ކުކުޅުތަކެއް ދޫކޮށްލާ ވާހަކައެވެ. އެއްތަނަކުން ފިހުނު ކުކުޅުވެސް ދޫކޮށްލައެވެ. ފަހަރެއްގައި ދޫކޮށްލީމަ ، ދުއްވައިގަނެވޭވަރަށް ފިހިފައި އޮތީކަމަށް ވެދާނެއެވެ. ތެޔޮފިހާރައިން ދޫކޮށްލާ ތިންކުކުޅަށް އޮތީ ކިހިނެއްހަދާފައިކަމެއް ނޭނގެއެވެ. އެވެސް ދޫކޮށްލީމަ ނުހިނގެންޏާ ބިންމަތީ އޮންނާނެއެވެ. ހިނގެންޏާ ދުއްވައިގަންނާނެ ތާއެވެ.
މީސްމީޑިއާގެ ވަޞީލަތްތަކަކީ ، ބަސް ދިރުވައި އާލާކުރުމުގައި ކޮންމެ މުޖުތަމަޢެއްގައިވެސް ، މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚާއްޞަކޮށް ޓީވީން ދައްކާ ވާހަކަ އާއި ބުނާ ބަސްތަކަކީ ބަހުގެ ހަމަތަކާ އެއްގޮތަށް ހުންނަ އެއްޗަކަށް ހެދުމަކީ މުހިންމު ކަމެކެވެ. ބަސް ހަލާކުވެގެން ދިޔައިމާ ގެއްލުންވާނީ އެންމެންނަށެވެ. ލަދުގަންނަން ޖެހޭނީވެސް އެންމެންނެވެ.