ދުނިޔޭގައި އުޅެނީ ދެ ބާވަތެއްގެ މީހުންނެވެ. އެއް ބާވަތަކީ އަމިއްލަ ނަފްސު ބިނާ ކުރާ މީހުންނެވެ. ދެވަނަ ބަވަތަކީ ތާރީޚު ބިނާ ކުރާ މީހުންނެވެ. ނުވަތަ ތާރީޚުގައި ފާހަގަ ކޮށްލެވޭ ފަދަ ކަންތައްތައް ކުރާ މީހުންނެވެ. އަމިއްލަ ނަފްސު ބިނާ ކުރާ މީހުން މަސައްކަތް ކުރާނީ ތިމާގެ އަމިއްލަ ނަފްސު މަތިވެރި ކުރެވޭތޯއެވެ. ތާރީޚު ބިނާ ކުރާ މީހުން މަސައްކަތް ކުރާނީ މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރެވޭތޯއެވެ.
އަމިއްލަ ނަފްސު ބިނާ ކުރާ މީހާގެ ހުރިހައި ޚިޔާލެއް އެނބުރޭނީ އޭނާގެ އަމިއްލަ ނަފްސުގެ ވަށައިގެންނެވެ. އޭނާ އުޅޭނީ އަމިއްލަ އެދުމެއް ފުރިހަމަ ނުކުރެވިގެންނެވެ. އަމިއްލަ ފައިދާއެއް ނުލިބޭ ކަހަލަ ތަނަކަށް ނުދާނެއެވެ. ފައިދާއެއް ލިބިދާނޭހެން ހީވާ ކަހަލަ ތަނަކަށް ވިއްޔާ ދުވެފައި އެ ތަނަކަށް ދާނެއެވެ. އަމިއްލަ އެދުމެއް ފުރިހަމަ ކުރެވުނީމާ އުފަލުން ފޮޅޭނެއެވެ. އެދުމެއް ފުރިހަމަ ނުކުރެވިއްޖެ ނަމަ އުފަލެއް ނުވާނެއެވެ. އޭނާގެ ސިކުނޑީގައި އެންމެ އިސް މަގާމެއް ދެވިފައި އޮންނާނީ އަމިއްލަ އެދުމަށެވެ. އަމިއްލަ އެދުމެއް ފުރިހަމަ ކުރުމަށްޓަކައި އޭނާ ކިތަންމެ ބޮޑު ގުރުބާނީއެއް ވެސް ވެދާނެއެވެ. އޭނާ އަކީ އެއްވެސް ކަހަލަ އުސޫލެއް ގަބޫލު ކުރާ މީހަކަށް ނުވާނެއެވެ. ވައުދެއް ފުއްދުމަކީ ކުރަން ޖެހޭ ކަމެއް ކަމަކަށް ގަބޫލެއް ނުކުރާނެއެވެ. ރީތި އުސޫލުތަކާއި ހިފަހައްޓަން ޖެހޭ ހަމަތައް މުގުރާލާފައި އޭނާ ކުރިއަށް ދާނީ އަމިއްލަ އެދުމުގެ ފަހަތުންނެވެ. އެ އެދުމެއް ފުރިހަމަ ކުރަން އަޅާ ފިޔަވަޅުގައި އެހެން އެއްވެސް ކަމެއްގެ މަތީން ހަނދާނެއް ނުކުރާނެއެވެ.
ތާރީޚު ބިނާ ކުރާ މީހުންނަކީ މި ދެންނެވުނު ފަދަ މީސް މީހުންނާ ތަފާތު ބައެކެވެ. އޭނާ ދިރިއުޅޭނީ އަމިއްލަ ނަފްސަށްޓަކައެއް ނޫނެވެ. އޭނާގެ މަގުސަދު އޮންނަނީ އެއަށް ވުރެ މާ މަތީ ދަރަޖައެއްގައެވެ. އޭނާ ހުންނާނީ ވަކި ހަމަތަކެއްގެ މަތީގައެވެ. ތިމާއަށް ލިބިދާނޭ ފައިދާ އަކަށް އޭނާއެއް ނުވިސްނާނެއެވެ. އޭނާއަށް ޒާތީ ކާމިޔާބީއެއް ނުވަތަ ނާކާމިޔާބީއެއް ލިބިދާނެތީ ފަހަރެއްގައިވެސް ފިކުރެއް ނުކުރާނެއެވެ. އޭނާއަށް އެންމެ މުހިއްމު ކަމަކަށް އޮންނާނީ އޭނާގެ ޢަޤީދާ ތަންފީޒު ކުރުމެވެ. އޭނާ ހުންނާނީ ހުރިހައި އަމިއްލަ އެދުމަކުން ސަލާމަތް ވެގެން، މުޅި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގައި އަތުކުރި އޮޅާލައިގެންނެވެ.
ތާރީޚުގައި ރަން އަކުރުން ނަން ލިޔެވޭ މީހަކަށް ވުމަށްޓަކައި ކޮންމެ މީހަކަށް ވެސް ޖެހެނީ އަމިއްލަ އެދުންތައް ގުރުބާން ކޮށްލާށެވެ. އަމިއްލަ އެދުންތައް އިސް ކުރުމުން ދުރުހެލި ވުމާއެކު އެ މީހަކަށް ހުރެވޭނީ އިންސާނިއްޔަތަށް ފައިދާ ކުރުވަނިވި މަގަކަށް ނުކުމެވިފައެވެ. އެ ފަދަ މީހަކީ ޒާތީ ހިތާމަތައް އެއް ފަރާތް ކުރަމުން ގެންދާ މީހަކަށް ވާނެއެވެ. އަމިއްލަ އެދުންތަކަކީ އޭނާގެ ކުރިމައްޗަށް އަންނަ މުހިއްމު ކަންތައްތަކެއް ކަމުގައެއް ނުވާނެއެވެ. އަމިއްލަ އެދުމެއް ނުފުދުމަކީ އޭނާ ހިތާމަ ކުރާ ކަމަކަށް ނުވާނެއެވެ.
ތާރީޚުގައި ރަން އަކުރުން ލިޔެވެނީ މި ދެންނެވި ފަދަ މީސްމީހުންގެ ނަމެވެ. އެ މީސްމީހުންނަކީ އަމިއްލަ އިޚްތިޔާރުގައި އިންސާނިއްޔަތަށް ޚިދުމަތް ކުރުމުގެ މަގު ޚިޔާރު ކުރާ މީހުންނެވެ. އެ ފަދަ މީހުންނަކީ އަމިއްލަ ހައްގުތަކެއް ނުލިބިގެން ޝަކުވާ ކުރާ ބައެއް ނޫނެވެ. އަމިއްލަ އެއްޗެއް ސަލާމަތް ނުވެގެން ކޮޅު ކޮޅު މައްޗަށް ދުވާ ބައެއް ނޫނެވެ. އެ ފަދަ މީސް މީހުންގެ ކުރިމަތީގައި އޮންނާނީ މަސްއޫލިއްޔަތެއް އެކަންޏެވެ. ކިތަންމެ ބޮޑު އުނދަގުލަކާ ކުރިމަތި ލާން ޖެހުނަސް އެ މަސްއޫލިއްޔަތު އުފުލައިގެން ކުރިއަށް ދިއުމަކީ އެ ފަދަ މީސް މީހުންގެ އާދަ އަކަށް އޮންނާނީ ވެފައެވެ. (ތަރުޖަމާއެއް)