ކިރުއިލޮށި - 13

(13 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ޚާލާ ދައްތަގެ ތިހުރިހާ ވާހަކަތަކެއް ، އަހަރެން ޤަބޫލުކުރަމެވެ. އަދި ތިދިން ނަޞޭޙަތް ޤަބޫލުކުރެވޭތޯ ބަލާނަމެވެ. އަހަރެންގެ ޙާލު ހަމަ ، ރަނގަޅެވެ. ދައްތަވެސް އަމިއްލަ ނަފްސަށް ޚިޔާލު ބަހައްޓާށެވެ ! މިހާރު ވަކިވެލާނަމެވެ. އަހަރެން ، ޚާލާދައްތަޔަށް ފަހުން ގުޅާނަމެވެ. ﷲ އާ ވަކީލު ކުރަމެވެ. " ޚައިރާދު ބުންޏެވެ. އަދި ، އަޝްހަރު އެއްޗެކޭ ބުނަން ފުރުޞަތުނުދީ އެތަނުން ނުކުމެގެން ދިޔައެވެ.

**************************

ޚައިރާދު ފޫހިވެގެން ، ގޯތިތެރެޔަށް ނުކުމެ ހިނގައިލިއެވެ. އެގެޔަކީ ބޮޑު ބަގީޗާއެއްލާފައި އޮތް ތަނަވަސް ގެޔެކެވެ. މީހަކު ހިނގާހިނގާ ފޫހިވާވަރަށް ހިނގާނެތަން އޮތެވެ. ޚައިރާދު ހިނގަމުން އައިސް ، ސިޑިއެއްގެ ގާގަނޑުމަތީ ޖައްސައިލިއެވެ. އޭނާއިނީ އެލޮވެރާ ގަހެއްގެ ކައިރީގައެވެ. ގަހާ ކުޅެލުމަށްފަހު ، މުޅިތަނަށް ނަޒަރު ހިންގައިލިއެވެ. ގޯތިތެރޭގެ އެތަންމިތާނގައިވަނީ މާގަސްތައް އިންދިފައެވެ. އުފާވެރި މާޙައުލެކެވެ. މާތައްއޮތީ ފޮޅިފައެވެ. އެހެނަސް އެ މާމަލުން ފޮނިބޯނެ މާބުރެއް ، އެތަނަކުން ނުފެނެއެވެ. މުޅިތަނަށް ވެރިވެފައި އޮތީ ހަމަހިމޭންކަމެވެ. ޙަރަކާތެއްނެތް ހަނަފަސް ސަހަރާއެއްފަދައެވެ. އެންމެ ދެރަވެގެން ދޫންޏެއް ގޮވައިލާ އަޑުވެސް ނުއިވެއެވެ.

ޚައިރާދަށް ކުއްލިޔަކަށް ފެނުނީ ސާރާ ވަދެގެން އަންނަ ތަނެވެ. ސާރާ އަންނަނީ އޭނާއާ ދިމާއަށެވެ. ސާރާ ފެނުނުކަމަކަށް އޭނާއެއް ނުހަދައެވެ. މަޑުމަޑުން އިސްދަށަށް ޖަހާލައިގެން އިނެވެ. ސާރާ އައިގޮތަށް އައިސް ސަލާމްކޮށްލުމުން ސަލާމްބަލައިގަނެ އިށީނދެލަން އަންނާށޭ ބުންޏެވެ. ގޭގައި ، ޚައިރާދު ނޫން އިތުރުމީހަކު ނެތެވެ. ފަރީދާ އެދިޔަތަނަކަށްގޮސް މިހާރު އަންނަން އުޅޭނެއެވެ. ވާހަކަ ފަށަން ނުފަށަން އިނދެފައި ސާރާ ވާހަކަ ދައްކަން ފެށްޓިއެވެ. އޭނާ އެގެޔަށް އެއައީ ، ޚައިރާދާ ބައްދަލުކޮށްލަންކަމަށް ބުނެއެވެ.

ޚައިރާދު އިނީ މާނަވީގޮތަކަށް ސާރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އަނެއްކާ ކޮންއެތިވަރެއް އޭނާއަށް ގޮވާނެބާވައޭ ހިތަށް އަރައަރައެވެ. ސާރާ މިފަހަރު އެއައީ އެއްޗެތި ގޮވާކަށް ނޫނެވެ. ސާރާ އެއައީ ، ކުރީދުވަހު ޚައިރާދާ ދިމާއަށް ގޮވުނު ބޭއަދަބީ ބަސްތަކަށް ، ޚައިރާދުގެ ކިބައިން މަޢާފަށް އެދުމަށެވެ.

" އަހަރެންނަށް ވަރަށްބޮޑަށް ޚައިރާދާ ދިމާއަށް އެއްޗެތި ކިޔުނެވެ. ވަރަށްބޮޑަށް ޚައިރާދުގެ ހިތުގައި ޖެއްސުނެވެ. އަހަރެންނަށް އެދުވަހު ވާޙަކަ ދެއްކުނީ ވަރަށް ހުތުރު ކޮންނެވެ. އަހަރެން މިއައީ އެކަމަށް ، ޚައިރާދުގެ ކިބައިން މާފަށް އެދޭށެވެ. އަހަރެންނަށް އެދުވަހު ، އެކުރެވުނު ކަންތަކަށް މިހުންނަނީ ވަރަށް ލަދުގެންފައެވެ. އެއީ އަހަރެން ކޮށްގެންވާނެ ކަމެއްނޫނެވެ. " ސާރާ ބުންޏެވެ.

" އެކަމާ އަޅައިނުލާށެވެ ! " ޚައިރާދު ބުންޏެވެ.

ސާރާގެ އަތުގައި ހިފާލައި ، ހީލަމުން ޚައިރާދު ، ސާރާގެ މައްޗަށް ހިތްހެޔޮ ކުރިއެވެ. ޚައިރާދު އިނީ ސާރާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. އޭނާގެ ހިތުގައި ސާރާގެ މައްޗަށް އެއްވެސް ހިތްބަރުކަމެއް ނެތެވެ. އަނެއްކާވެސް ވާހަކަ ދައްކަންފެށީ ސާރާއެވެ.

" ޚައިރާދެވެ ! އަހަރެން ދޮގުހަދާކަށް ބޭނުމެއްނޫނެވެ. އަހަރެންނާ އަޝްހަރާ ދެމީހުން ބޮޑުވީ އެކީގައެވެ. އަހަރެމެން ދެމީހުންނަކީ އަބަދުވެސް ވަރަށް ގާތް ދެމީހުންނެވެ. އަހަރެމެންނަކީ ދުރުތާ ތިމާގެ ބަޔެކެވެ. އެސަބަބުތަކަށްޓަކައި އަހަރެން ހީކޮށްގެންހުރީ އަޝްހަރަކީ އަހަރެންގެ މިލްކެއްކަމުގައެވެ. އެހެނަސް އަހަރެންނަކަށް އަޝްހަރެއް ނުލިބުނެވެ. ފަހަރެއްގައި އަހަރެންގެ ނަޞީބުގައި އަޝްހަރު ލިބެންނެތީކަމުގައި ވެދާނެއެވެ. މިހާރު އެއީ ޚައިރާދުގެ ޙައްޤެކެވެ. ފަހަރެއްގައި އެ ޙަޤީޤަތް އަހަރެންނަށް ޤަބޫލުނުކުރެވުނީކަމަށް ވެދާނެއެވެ. އެދުވަހު ، އަހަރެންނަށް ޚައިރާދާދިމާއަށް އެއްޗެތި ކިޔުނު ސަބަބަކީ އެއީއެވެ. އަހަރެންނަށް ހިތްހެޔޮކޮށް ، އެއްޗެކޭ ހީނުކޮށް މަޢާފު ކުރާށެވެ. އަހަރެންނަށް މަޢާފުކުރާށެވެ ! " ސާރާ އޭނާގެ އިޙުސާސްތައް ޚައިރާދުގެ ކުރިމަތީ ބަންޑުން ކޮށްލިއެވެ.

" ސާރާ ތިހުރީ އެކަމާ އަމިއްލަ ނަފްސުދެކެ ރުޅިއައިސްފައި ދޯއެވެ. އެއީދެން މާބޮޑުކަމަކަށް ނުހަދާށެވެ ! އަހަރެންގެ ހިތުގައި ސާރާގެ މައްޗަށް އެއްވެސް ހިތްބުރަކަމެއް ނެތެވެ. "  ޚައިރާދު އަނެއްކާވެސް ސާރާގެ އަތުގައި ހިފައިލާ ހިނިތުންވަމުން ބުނެލިއެވެ.

ޚައިރާދު އެހާ ފަސޭހައިން އޭނާއަށް މާޢާފުކޮށްފާނެކަމަކަށް ސާރާ ހިތަކަށް ނާރައެވެ. ނުކިޔަވާތިބޭ ކުދިންނަކީ ގޮތްދޫނުކުރާ އަދި އެމީހުންގެ އީގޯ އަށް ކުޑަވެސް ދުލެއް ނުދޭ ބަޔެކެވެ. ޚައިރާދު އެއާ ތަފާތެވެ. ޚައިރާދުގެ ފަރާތުން ފެނުނު ޝަޚުޞީ ތަޞައްވުރާމެދު ސާރާ އަޖައިބުވިއެވެ. އެއޮއްބޮޑު މައްސަލަ ދިރާސާކޮށްލައި އޭނާގެ ގޮތް ނިންމިލެއް އަވަސްކަމުންނެވެ. ތޫނުފިލިވެފައި ޚައިރާދުގެ ސާދާ ކަމުންނެވެ. ހިތްހެޔޮވެފައި " މޮޔަ " ކަމުންނެވެ.

" ޚައިރާދު ވެގެންދާނީ ، އަހަރެންގެ ހިތާމައިގެ ބައިވެރިޔެއްކަމުގައެވެ. އަބަދުވެސް އަހަރެންގެ ހިތުގެ ކެކުޅުމާ ، ޚައިރާދާ ގުޅިގެންވާނެއެވެ. ޚައިރާދުމެންގެ ކައިވެނި ހެޔޮހިތުން އަހަރެން ބަލައިގެންފީމެވެ. ޚައިރާދު އަޝްހަރުގެ ޙަޔާތަށް އައުމުގެ ކުރިން ، އަހަރެންގެ ހިތުގެ އިޙުސާސްތަކެއް އަޝްހަރަކަށް ނޭނގޭނެއެވެ. އެހާތަނަށް ، އަޝްހަރު އަހަރެންބަލަމުން އައީ އޭނާގެ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައެވެ. އަހަރެންގެ ހިތުގައި އަޝްހަރުގެ މައްޗަށް އިޙުސާސެއް އޮތްކަމެއް އަޝްހަރަކަށް ނޭނގޭނެއެވެ. މިހާރު އަނެއްކާ އަހަރެމެން ދެމީހުން މިތިބީ ، ހަމައެކަނި ، ދެރަޙުމަތްތެރިންގެ ގޮތުގައި ތިބުމަށް މަޖުބޫރު ވެފައެވެ. އަޝްހަރާއި އަހަރެން ދެރަޙުމަތްތެރިންގެ ގޮތުގައި ތިބުމަށް ޚައިރާދު ހިތްހަމައެއް ނުޖެހޭނެ ދޯއެވެ ؟ " ސާރާ ބުންޏެވެ.

" ނޫނެކެވެ ! އެއީ އަހަރެން ވަރަށް ހިތްހަމަ ޖެހޭނެ ކަމެކެވެ. އަޝްހަރާއި ސާރާއަކީ ، ކުޑައިރުއްސުރެ ދެ ރަޙުމަތްތެރިންނެވެ. ކަލޭމެން ދެރަޙުމަތްތެރިންގެ ގާތްގުޅުން އަބަދުވެސް އެގޮތުގައި އޮންނަންވާނެއެވެ. އަހަރެންނެއް ، ތި ދެރަޙުމަތްތެރިންގެ ދެމެދަކަށް ނުވަންނާނަމެވެ. އެކަމަކު ، ކޮންމެ ގުޅުމެއްގައިވެސް އިންތަކަކާއި މިންތަކެއް އޮންނާނެކަން ، ސާރާވެސް ޤަބޫލުކުރަން ވާނެއެވެ. ހިތް އެދުނަސް ހިތް ނޭދޭ ކަންކަމަށް ކެތްކުރަން އެނގެންޖެހޭނެއެވެ.  " ހިނިތުންވެލައިގެން އިނދެ ، ސާރާގެ އަތުގައި ފިރުމާލަމުން ޚައިރާދު ބުންޏެވެ.

" އަހަރެންނަށް މާފުކުރީތީ ވަރަށް އުފާކުރަމެވެ. އަހަރެން ބޭނުމީ ، ހަމައެކަނި އަޝްހަރު އަހަރެންގެ ރަޙުމަތްތެރިއެއްގެ ގޮތުގައި ހުރުން އެކަންޏެއްނޫނެވެ. ޚައިރާދު އަހަރެންނަށް މާފުވެސް ކޮށްފީމުއެވެ. އަހަރެންގެ ބެސްޓް ފްރެންޑަށް ވެދާނަން ހެއްޔެވެ ؟ " ސާރާ ދެރަވެ ، ރޮވިފައިވާ އަޑަކުން ބުންޏެވެ.

ސާރާގެ އެ އެދުންވެސް ޚައިރާދު ޤަބޫލުކުރިއެވެ. ޚައިރާދަކީ ، ސާރާގެ ރައްޓެއްސެއްކަމުގައި ޤަބޫލުކުރިއެވެ. ސާރާގެ ބޮލުގައި އޮތް ރިހުމަކަށް ، އެހާ ފަސޭހައިން ތަސައްލީ ގެނެސްދިނީތީ ، ސާރާ ، ޚައިރާދަށް އެތައްފަހަރަކު ޝުކުރު އަދާކުރިއެވެ. މާގިނަގިނައިން ޝުކުރު އަދާނުކޮށް ، އެވާހަކަ ހަނދާން ނައްތައިލުމަށް ސާރާގެ ކިބައިން ޚައިރާދު އެދުނެވެ.

**************************

ސާރާ ބަދިގެތެރޭގައި އުޅެމުން އަޝްހަރަށް ފޯނުކުރިއެވެ. އިޓަލީގެ ކެއުމެއް ތައްޔާރުކުރަނީކަމަށް އަޝްހަރުގާތު ބުންޏެވެ. އަދި ، ގޭގައި ފޫހިވެފައިނުހުރެ ، އެގެޔަށް އައިސް ސާރާމެންނާއެކު ރޭގަނޑުގެ ކެއުން ނުކާންވީ ކީއްވެތޯ ސުއާލު ކުރިއެވެ. އެގެޔަށް އައުމަށް އަޝްހަރުގާތު އެދުނެވެ. ސާރާ ، އެކެއުން އެތައްޔާރުކުރަނީ އަޝްހަރު އަންނާނެކަމަށް ބަލައިގެންކަމުގައިވެސް ބުންޏެވެ. ހަދާނެ ގޮތަކާމެދު އަޝްހަރު ވިސްނައިލިއެވެ. ބޭރަށްގޮއްސިއްޔާ އެނބުރި އާދެވޭނީވެސް އެހާ ލަހުންނެވެ. އަޝްހަރު ކޮންމެ ރެޔަކުވެސް ލަހުން ގެޔަށް އައުން މިހާރު އޮތީ މައްސަލަޔަކަށް ވެފައެވެ. އެހެންނަމަވެސް ، ސާރާ ކުރުނުކޮށްގެން އެންމެފަހުން ސާރާމެންގެޔަށް ދިއުމަށްޓަކައި އަޝްހަރު ނުކުތެވެ.

އަޝްހަރާ ވާހަކަ ދައްކަން ސާރާހުރިތަން ފެނިފައި ޒަރީނާ ، ސާރާއާ ގާތަށް ޖެހިލިއެވެ. އަދި އޭނާ އެކުރަނީ ރަނގަޅުކަމެއްނޫންކަމުގައި ބުނެ ނަޞޭޙަތް ދިނެވެ. އަޝްހަރާ ގާތްގުޅުމެއް ބޭއްވުމުގެ ބޭނުމަކީ ކޮބައިތޯ ޒަރީނާ ސުއާލުކުރިއެވެ. ޒަރީނާ އެކުރި ސުއާލު ، ސާރާއަކަށް ދޭހައެއް ނުވިއެވެ. އަދި މަންމަ އެބުނީ ކީކޭތޯ ސުއާލުކުރިއެވެ. އަޝްހަރާއެކު ގާތްގުޅުމެއް ނުބާއްވާ ދެން އެފަދަ ގުޅުމެއް  ބާއްވަންވީ ކާކާއެކުގަތޯ ސާރާ އޭނާގެ މަންމަކުރެން އެހިއެވެ. އަދި އަޝްހަރަކީ އަދިވެސް އޭނާގެ ޙަޔާތުގައި އެންމެ މުހިންމު މީހާކަމުގައި މަންމައާ ދިމާއަށް ބުންޏެވެ.

ސާރާގެ ރައްދަށް ޒަރީނާ ހިތްހަމައެއް ނުޖެހުނެވެ. އޭނާ އަނެއްކާ މޮޔަވީތޯ ސުއާލުކުރިއެވެ. އަޝްހަރުގެ ކައިވެނި އެވަނީ ކުރެވިފައެވެ.

" މަންމަ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ ؟ އަޝްހަރު އަހަރެންގެ ޙަޔާތުން ދޫކޮށްލަން ހެއްޔެވެ ؟ އެ އަގެއްނެތް އަންހެންކުއްޖާގެ ކުރިމަތީ ދެރަވެ ނިކަމެތިވުން ހެއްޔެވެ ؟ " ސާރާ ބުންޏެވެ.

ސާރާގެ ވާހަކަތަކުން ، ޒަރީނާ އިތުރަށް ކަންބޮޑުވިއެވެ. އަދި އެދައްކަނީ ކޮންކަހަލަ ވާހަކައެއްތޯ ސުއާލު ކުރިއެވެ. އަޝްހަރު އެގެޔަށް ގެނައުމާ އަދި ތިގޮތަށް ފޯނުކޮށްގެން ގަދަކަމުން އެގެޔަށް ގެންނަން ބާރުއެޅުމަކީ މޮޔަކަމެއްކަމުގައި ޒަރީނާ ، ސާރާއަށް ވިސްނައިދިނެވެ.

" އާނއެކެވެ ! އަހަރެން މިހުރީ މޮޔަވެފައެވެ. އަޝްހަރުގެ ލޯބީގައި ދީވާނާވެގެންގޮސް މޮޔަވެފައެވެ. އަޝްހަރު އައިމަ ކުރީދުވަހު ހެދިހެން ، ތަޤްރީރުދޭން ނުހަދައްޗެވެ. އަޝްހަރު މިގެޔަށް އައިސް އަހަރެމެން ދެމީހުން ބައްދަލުކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެ ، އަޝްހަރު ލަދުގަންނުވާލައިގެން ނުވާނެއެވެ. އަހަރެންނާ ބައްދަލުކުރުން ، އަޝްހަރު ހުއްޓާލައިފިއްޔާ ، އެހެން މީހަކާ ބައްދަލުކުރާން ދުނިޔޭގައި އަހަރެން ނުހުންނާނެކަން ހަނދާން ކުރައްޗެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

2 ޚިޔާލު

  1. މި ސާރާ މީ ދެދުލުން ވާހަކަދައްކާ އަންހެނެއް
    ޚައިރާދު ކައިރިން އެތައްފަހަރަކު މަޢާފަށްއެދިފާ
    ފައިގެފުންންނާ ުުބގެ މައްޗަށް މިހާރު ފުރޮޅިގަތީ

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.