ކިރުއިލޮށި - 12

(7 މާރިޗު 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" ކައިވެންޏޭ " ހެއްޔެވެ ؟ އެގުޅުމަށް ކައިވެންޏޭ ނުކިޔާށޭ އަޝްހަރު ބުންޏެވެ. އޭނާ ދިރިއުޅެމުން އެގެންދަނީ ވާހަކަ ނުދައްކާ ، ޙަރަކާތެއް ނުކުރާ ބުދަކާއެކީގައިކަމަށް ސިފަކުރިއެވެ. އެކަން ދެނެގަތުމަށްޓަކައި ޕްރޮފެސަރަކަށް ވާކަށް ނުޖެހެއެވެ. ކައިވެނިނޫން އެހެންނަމެއް އެގުޅުމަށް ދޭށެވެ. އަޝްހަރު ، ކަމުން ވާހަކަ ދައްކަމުން ގެންދިޔައެވެ.

އަޝްހަރުގެ ވާހަކަތަކުން ، ސާރާގެ މޫނުމަތި އަލިވެ އުޖާލާވެގެން ދިޔައެވެ. ތުންފަތުން ފާޅުވެހުރި  މަޑު ހިނިތުންވުން ތާޒާވެ މުޅި މޫނުމައްޗަށް ފެތުރިގެން ދިޔައެވެ. ލޮލުގެ ވިދުމަށް ދިރުންލިބި ދިހުން އަރައިގެންދިޔައެވެ. ހިތުގެ އެންމެ އަޑީގައި ރައްކާކޮށްފައިވާ އިޙްސާސްތަކެއް ތިލަވިއެވެ. މަންޒިލެއްނެތި މާދުރަށްގޮސް އޮބާފައިވާ އުއްމީދު ، ލޮލަށް ފެންނަ ހިސާބަށް ކައިރިވެލިއެވެ. ކަމުންގެންދިޔަ އުލާއި ސަމުސަލަށް ދިރުންލިބި ، އަތުގެ ޙަރަކާތް އަވަސްވެލިއެވެ. ހިތުގައި ޖަހަމުންދިޔަ ވިންދު އަވަސްވިއެވެ. ލޭނާރުތަކުގެ ހިނގުމަށް ބަދަލުއައިސް ، ލޭ ދައުރުވުން ހަލުއިވެ ، ކޮޅުކޮޅުމައްޗަށް ދުވަންފެށިއެވެ.

ޚައިރާދުގެ ޢަމަލުތަކަށް އަޝްހަރު ދޭނީ ކޮންކަހަލަ އިޖާބައެއްކަމެއް އޭނާއަކަށް ނޭނގެއެވެ. އަޝްހަރު މަސައްކަތް ކުރަމުން އެގެންދަނީ ، އޭނާގެ އަމިއްލަ ގޮތްތައް ދޫކޮށް ، ޚައިރާދަށްޓަކައި އޭނާ ބަދަލުވުމަށެވެ. އޭނާގެ މިންނަތް މަސައްކަތުގެ އަސަރެއް ނުފެނެއެވެ. ޚައިރާދުގެ ހިތުގައި އޭނާއާމެދު އޮންނަނީ ކޮންކަހަލަ އިޙްސާސްތަކެއްކަމެއް އަދިވެސް އަޝްހަރަކަށް ނޭނގެއެވެ. އެއީ އަޝްހަރު ބޭނުންވާ ކަހަލަ ކުއްޖެއްނޫނެވެ. އަޝްހަރަށް ، ޚައިރާދާ ވާހަކައެއްވެސް ނުދެއްކެއެވެ. މަދުފަހަރެއްގައިނޫނީ ޚައިރާދު އޭނާއާ ވާހަކައެއް ނުދައްކައެވެ. އޭނާގާތު އިށީންނާށޭ ބުނެފިއްޔާ އިށީންނާނެއެވެ. ތެދުވާށޭ ބުނެފިއްޔާ ތެދުވާނެއެވެ. އަޝްހަރު އޭނާގެ އަންހެނުން ، ސާރާއަށް ސިފަކޮށްދިނީ ރޮބޮޓެއްގެ ގޮތުގައެވެ. އަޝްހަރު ބޭނުންވަނީ އެކަހަލަ އަނތްބެއްނޫނެވެ.

ޚައިރާދާ ގާތްކަމެއް އުފައްދަން މަސައްކަތްކުރިންތޯ ސާރާ ސުއާލުކުރިއެވެ. އެކަންވެސް އަޝްހަރު ކުރިއެވެ. އެކަމަކު ، ބުދަކާ ވާހަކަ ދެއްކީމަ ޖަވާބުދޭނެ ހެއްޔޭ އަޝްހަރު ސުއާލުކުރިއެވެ.

" އަހަރެންނަށް ހީވަނީ ، އަޝްހަރުގެ ކުރިމަތީ ޚައިރާދަށް އިސްއުފުލާލަން ނުކެރެނީ ހެންނެވެ. އެއީ ދަރަޖައިގެ ތަފާތުންކަމަށް ވެދާނެއެވެ. ނުވަތަ ، އޭނާއަކީ އަޝްހަރާ އެކަށީގެންވާމީހެއްނޫންކަމަށް ދެކެނީކަމަށްވެސް ވެދާނެއެވެ. އެއީ މެދުފަންތީގެ އާދައިގެ ކުއްޖެކެވެ. އޭނާއަކަށް ، އަޝްހަރުމެންފަދަ މީހުންނާ ވާހަކަ ދައްކާކަށް ނޭނގޭނެއެވެ. ދައްކާނެ ވާހަކައެއްވެސް ނުވިސްނޭނެއެވެ. ބޭރަށްނުކުމެ ، އުޅެންވީގޮތެއް ނޭނގޭނެއެވެ. އަޝްހަރު އޭނާއާ މެދު ތިދެކޭގޮތަށް ، އޭނާވެސް އަޝްހަރާމެދު ދެކޭގޮތް އޮންނާނެއެވެ. އަޝްހަރު ތިދެކެނީ އޭނާއަކީ ގަމާރެއްގެ ގޮތުގައެވެ. އޭނާ އަޝްހަރު ދެކޭނީ ތަޢުލީމީ ޤާބިލްމީހެއްގެ ގޮތުގައެވެ. ދެމީހުންނަށްވެސް ތި އިޙުސާސް ކުރެވެނީ ، ދެމީހުންގެ ދަރަޖައާއި ފެންވަރުގެ ތަފާތެވެ. " ސާރާ އޭނާއަށް ފެންނަގޮތް ބުނެދިނެވެ.

ދަރަޖައިގެ ތަފާތު އެއްފަރާތްކޮށް ، އެއީ ކަމަކަށް ނުހަދައި އަޝްހަރު އެދަނީ ޚައިރާދާ ވާހަކަ ދެއްކޭތޯ ބަލަމުންނެވެ. އެކަމަކު ، ޚައިރާދުގެ ފަރާތުން އެކަން ބަލައިގަނެ ، ބަދަލެއް އަންނަތަނެއް ނުފެނެއެވެ. ގެޔަށްދާން އަޝްހަރު ބިރުގަނެއެވެ. އެއީ ޚައިރާދުގެ ޢަމަލުތައް ހުންނަގޮތް އެއީ އޭނާ ، އޭނާގެ އަނބިމީހާގެ ފަރާތުން ފެންނަން ބޭނުންނުވާ ގޮތްތަކެއްކަމަށްވާތީއެވެ.

**************************

އަޝްހަރު ގެޔަށް އައީ ، އެރޭގެ ނިދާގަޑިޖެހި އެތައްއިރެއް ވީފަހުންނެވެ. ޚައިރާދު އިނީ އެނދުމަތީ ފޮތެއް ހިފައިގެން ފޮތް ކިޔާށެވެ. އަޝްހަރުވެސް އިނީ ދުރުގައިހުރި ގޮނޑިއެއްގައި ފޮތެއް ހިފައިގެންނެވެ. ޚައިރާދު ނިދަން އޮށޯވޭތޯ ބަލައިލަން އަޝްހަރު އިރުއިރުކޮޅުން ޚައިރާދާ ދިމާއަށް ވަށްކަޅިން ބަލައިލައެވެ.

" މަޖައްލާ ރަނގަޅު ހެއްޔެވެ " އަޝްހަރު ސުއާލު ކުރިއެވެ.

" ރަނގަޅެވެ. " ޚައިރާދު ޖަވާބު ދިނެވެ.

" އެހެންވިއްޔާ މަޖައްލާ އެކޮޅުކޮޅުން ޖަހައިގެން ތިއިންނަނީ ކީއްވެ ހެއްޔެވެ ؟ "

ހިނިއައިސްފައި އިނދެ އަޝްހަރު ސުއާލު ކުރިއެވެ. ޚާއިރާދު އިނީ ފޮތްކިޔާކަށް ނޫނެވެ. ފޮތްކިޔަންކަމަށް ދައްކައިގެން އެހެން ޚިޔާލުތަކެއްގެ ތެރެޔަށް ގެއްލިފައެވެ. އެހެންކަމުން ، އެކޮޅުކޮޅުން މަޖައްލާ އޮތްއިރުވެސް އޭނާއަކަށް ރޭކައެއް ނުލިއެވެ. އެވަގުތު ، އަޝްހަރުގެ ފޯނުވިއެވެ. އެއީ ސާރާއެވެ. ސާރާ ވާހަކަދައްކަމުން ގެންދިޔައިރު ވަރަށްބާރަށް މިޔުޒިކްގެ އަޑު އިވެއެވެ. ސާރާ އެއުޅެނީ ތިމާގެ ކުދިންކޮޅެއް ބޭއްވި ޕާޓީއެއްގައެވެ. އަޝްހަރަށް އެޕާޓީއަށް އައުމަށް ސާރާ ދަޢުވަތު ދިނެވެ. އެއީ ހިނިހިރު ދުވަހުގެ ރެޔެވެ. ހަފުތާ ބަންދެވެ. ސާރާ އެއްގޮތަކަށްވެސް ކުރެއް ނުކުރިއެވެ. އެންމެފަހުން އަޝްހަރު މިދަނީއޭ ބުނެ ނުކުމެއެވެ. ތިމަންނަ މިދަނީ ބޭރަށޭ އަދި ލަސްވެދާނޭ ، ޚައިރާދުގާތު ބުންޏެވެ. އަޝްހަރު ކޮޓަރިން ނުކުތުމާއެކު ، ޚައިރާދު ފުން މާނޭވާއެއްލިއެވެ. މަންމައާއި ބޮޑުބޭބެގެ ގޮތްދޫނުކުރުމުގެ ތެރެއިންލާފައި އޭނާއަށް އެ ހުރެވެނީ ، މަންޒިލެއް ފެންނަންނެތް ހަތަރު އަނގޮޅިއެއްގެ މެދުގައެވެ. ދާންވީ ކޮންދިމާލަކަށްކަމެއް އޭނާއަކަށް ނޭނގެއެވެ.

އަޝްހަރު ، ޕާޓީއަށްގޮސް ދުރުގައިހުރި ގޮނޑިއެއްގައި ޖައްސައިލިއެވެ. އަދި ފޯނުން ގޭމް ކުޅެން ފެށިއެވެ. އެތަން ފެނުމުން ، ސާރާއައިސް އެކަނި އިންނަން ޕާޓީއަށް އައީ ކީއްކުރަންތޯ ސުއާލުކުރިއެވެ. އަޝްހަރު އެއައީ ޕާޓީގައި ބައިވެރިވާކަށްނޫނެވެ. އޭނާގެ ކޮޓަރިތެރޭ ، އަނގައިން ނުބުނާ ގުރައެއްހެން ، ބާޒާރުން ގެނެސް ބައިންދާފަ އިން އަންހެނާގެ ކިބައިން ސަލާމަތްވާން ވެގެންނެވެ. ގުޅުމެއް އުފެދުނީމަވެސް އެގުޅުން ދަމަހައްޓާކަށް ނޫޅެއެވެ.

" ކަލޭމެން ދެމީހުންގެ ގުޅުން ޤާއިމްވެގެންދިޔައީ އެތައްބަޔެއްގެ މަޖުބޫރާ ގުޅިގެންނެވެ. ދެމީހުންނަކީ އެކަކު އަނެކަކާ ގުޅޭ އަދި ޠަބީޢަތާއި މިޒާޖު ދަންނަ ދެމީހުންނެއްނޫނެވެ. އެކަންކަން ދެނެގަތުމަށް ފުދޭވަރެއްގެ ވަގުތު ނަގާނެއެވެ. އެ ޙަޤީޤަތް ޚައިރާދު ޤަބޫލު ކުރެއެވެ. " ސާރާ ބުންޏެވެ.

" އަޝްހަރެވެ ! އަހަރެންނަކީ އަޝްހަރުގެ ޅަދުވަހުގެ ރަޙުމަތްތެރިޔެކެވެ. އަޝްހަރު ތިގޮތަށް އުޅޭތަން ފެނުނީމަ އަހަރެން ވަރަށް ދެރަވެއެވެ. އަޝްހަރު ދެރަވެ ، ފިކުރު ބޮޑުވެ ، ކަންބޮޑުވެފައި ހުންނަތަން ފެނުމުން އަހަރެން ވަރަށް ކަންބޮޑުވެއެވެ. ވާން އޮތްކަމެއް އެއޮތީ ވެ ނިމިފައެވެ. ދެން ، އަހަރެމެންނަށް ކުރެވޭނެ މާބޮޑުކަމެއް ނުއޮންނާނެއެވެ. އަމިއްލަ ނަފުސަށް ތިގޮތަށް އަނިޔާ ނުދޭށެވެ ! ކުރީގެ މަޖާ ސާދާ ސީދާ މިޒާޖަށް ބަދަލުވާށެވެ ! " ސާރާ އިތުރަށް ބުންޏެވެ.

ސަރާގެ އެތައް ވާހަކަޔަކަށް ހެއްލި އެންމެފަހުން އަޝްހަރުގޮސް ޕާޓީގެ މީހުންނާއެކު މަސްހުނިވުމަށް މަޖުބޫރު ވިއެވެ.

**************************

ގޭތެރޭ އުޅޭއިރު ، ޚައިރާދަކީ ބަސްމަދު ކުއްޖެކެވެ. އިސްވެ އެއްވެސް މީހަކާ އަނގަޔަކުން ނުބުނާނެއެވެ. އޭނާގެ ފޯނަށް ފޯނެއްވެސް ނާންނާނެއެވެ. ފޯނުކޮށްލާނެ މީހަކު ނުހުންނާނެއެވެ. ކުއްލިޔަކަށް ޚައިރާދުގެ ފޯނު ރަނގަބީލުވާން ފެށިއެވެ. އެއީ މަންމަގެ ދުރުތާ ތިމާގެ ޚާލާ ދައްތައެވެ. ސަލާމް ގޮވައިލުމަށްފަހު ، ޚައިރާދުގެ ޙާލުގެ ވާހަކައިން ޚާލާ ސުއާލު ކުރިއެވެ. އަދި ޚައިރާދުގެ ބޮޑުބޭބެއާއި މައިދައިތަގެ ވާހަކައިންވެސް ސުއާލު ކުރިއެވެ. ހުރިހާމީހުންވެސް ރަނގަޅުކަމަށް ޚައިރާދު ބުނެ ޖަވާބު ދިނެވެ. ޚާލާގެ ޙާލުވެސް ޚައިރާދު އެހިއެވެ.

އަޝްހަރު ކިހިނެއްތޯ ޚާލާ ސުއާލުކުރިއެވެ. އެސުއާލަށް ކުއްލިޔަކަށް ދޭނެ ޖަވާބެއް ޚައިރާދަކަށް ނޭނގުނެވެ. ޚައިރާދު ހުރީ އުފަލުގައި ހިތްހަމަޖެހިގެންތޯ ޚާލާ ސުއާލުކުރިއެވެ. އެކައިވެނިން އުފާވެރިކަމެއް އަންނާނީ ކިހިނެއްތޯ ބުނެ ، ޖަވާބުގައި ޚައިރާދު ކުރީ ސުއާލެކެވެ. ޚައިރާދުގެ ޖަވާބާ ގުޅިގެން ޚާލާ އެތައް ސުއާލެއް ކުރިއެވެ. ޚައިރާދު އެހެން އެބުނީ ކީއްވެތޯއެވެ ؟ އެއްވެސް މީހަކު އެއްޗެކޭ ބުނީތޯއެވެ ؟ އެގޭގެ މީހުން ޚައިރާދަށް އިހާނެތިކޮށް ހިތަނީތޯއެވެ ؟ އެހާ ހިތްހަމަޖެހިގެން އުފަލުގައި އުޅުނު ސަކަ މިޒާޖުގެ ޚައިރާދަށް ، އެހާބޮޑު ހިތްދަތިކަމެއް އިޙްސާސްވަނީ ކީއްވެތޯއެވެ ؟

ޚައިރާދުގެ ޖަވާބު ވަރަށް ސާދާއެވެ. ގޭގެ އެންމެންވެސް ރަނގަޅެވެ. އެކަމަކު ، މަންމަ މިދުނިޔެ ދޫކޮށްދަމުން އެދިޔައީ ، އޭނާއާމެދު ރަނގަޅަށް ކަންތައް ކޮށްފައި ނޫންކަމުގައެވެ. އޭނާގެ ހިތް ފޮތިފޮތިކޮށްފައެވެ. ދުވަހަކުވެސް ކަރުނަތިތްކެއް ހިލިލަންވެސް ނޭނގޭ އޭނާގެ ދެލޮލުން ކަރުނަ އޮހޮރަން މަޖުބޫރު ކުރުވާފައެވެ. އެންމެ ބޮޑު އަނިޔާއަކީ ، މީހެއްގެ ދިރިއުޅުމުގެ ތެރެޔަށް ޚައިރާދު ، ގަދަކަމުން ވެއްދުމެވެ. އެގެޔާއި ގޭގެމީހުންނަށް އަދި އޭނާ ދިރިއުޅޭ މާޙައުލަށް ޚައިރާދު ބޭނުމެއް ނުވެއެވެ. އޭނާއަކީ އޭގެތެރެޔަށް ގަދަކަމުން ވަދެގަތް މީހެކެވެ. އެކަން ކުރުވީ މަންމައެވެ. ދުވާލު ހަތަރުދަމު އޭނާ އެއިންނަނީ އެކަމާ ވިސްނައި ފިކުރު ބޮޑުވެ ހިތްހަލާކުވާ ވަރުވެފައެވެ. ބޭބެމެންގެ ކުރިމައްޗަށް އަދި އަޝްހަރުގެ ކުރިމައްޗަށް ނުކުމެވޭ ކޮންމެ ފަހަރަކުވެސް ، އޭނާ ބާކީވެފައި ހުންނަ މިންވަރު އިޙްސާސްވެ ހިތަށް އަނިޔާ ލިބެއެވެ. އޭނާގެ ބޭނުން އެ މާޙައުލަށް ނެތްކަމުގެ އުދާސްތައް އުފައްދައެވެ.

ޚައިރާދުގެ ހިތަށް އަސަރެއްކޮށްފާނެ އެއްވެސް ވާހަކައެއް އަޝްހަރެއް ނުބުނެއެވެ. އެހެންނަމަވެސް ، އަޝްހަރު އެއިން ވާހަކައެއް ބުނާކަށް ނުޖެހެއެވެ. ޚައިރާދަށް އިޙްސާސްވާ ގޮތުގައި ، އަޝްހަރުގެ ކުރިމައްޗަށް އޭނާގެނެސް ބެހެއްޓިފައި އެހުރީ ދެމީހުންކުރެ މީހެއްގެ ބޭނުމެއް ނެތިއެވެ. އިންސާނާއަށް އޭނާގެ އަމިއްލަ ނަފްސުގެ ޢިއްޒަތަށް އިޙްތިރާމް ގެއްލޭތަން ފެނުމަކީ އޭނާގެ ހިތަށް ކެތްކުރެވޭނެކަމެއްނޫނެވެ. އަބުރާއި ޢިއްޒަތަކީ އަމިއްލަ ނަފްސުގެ ޙައްޤެކެވެ. އެޙައްޤު ގެއްލިގެންދާފަދަ ޙާލަތަކަށް އިންސާނާއަށް މަޖުބޫރު ކުރުވުމަކީ އިންސާފެއްނޫނެވެ. އެއީ އޭނާގެ އިންސާނީ ޙައްޤެއް ގެއްލުމެވެ. މަންމަ އެކުރިކަމަކުން ޚައިރާދު އެހުންނަނީ އޭނާގެ އަމިއްލަ ނަފްސުދެކެވެސް ފޫހިވެފައެވެ. އޭނާގެ އަމިއްލަ ނަފްސުގެ ކަރާމަތާއި ޢިއްޒަތް ގެއްލިއްޖެކަމުގެ ހިތްދަތި ވޭން ތަޙައްމަލު ކުރުމުގައެވެ.

މައިމޫނާއާ ބެހޭގޮތުން ޚައިރާދު ދެއްކި ވާހަކަތަކުން ޚާލާއަށް ވަރަށް އަސަރު ކުރިއެވެ. އަދި މަންމަޔަށް ބަދުދުޢާ ނުކުރުމަށް ޚައިރާދަށް ނަޞޭޙަތްތެރި ވިއެވެ. މަންމަ އެކަން އެކުރީ ޙާލަތާގުޅިގެން އެކަން ކުރުމަށް އޮތް އެންމެ ރަނގަޅަށް ކަމުގައި ބުނެދިނެވެ. ކަށިކުނބުރު ޖަންގައްޔަކަށް ޚައިރާދު ދޫކޮށްލާފައި ، މަންމައެއް ނުދާނެއެވެ. މަންމަ އެކުރިކަމެއް ކުރީ ، ޚައިރާދުގެ ޙަޔާތަށް ކުރިމަތިވެދާނެ އުނދަގޫ ތަކަކުން ޚައިރާދު ސަލާމަތް ކުރުމަށްޓަކައެވެ. މާސިންގާ ޖަންގައްޔަކަށް އޭނާގެ ދަރިފުޅު ދޫކޮށްލާފައި ނުދާން ވެގެންނެވެ. އެއީ ޚައިރާދަށް ހެޔޮއެދިގެން ކުރި ކަމެކެވެ. ޚައިރާދަށް ދެރަގޮތެއްވާކަށް މަންމައެއް ނޭދޭނެއެވެ. އެ ޔަޤީންކަން ޚައިރާދުގެ ހިތުގައި ނެތްކަމަށްވަންޏާ ، މަންމަގެ ލޯތްބާއި އިޙްސާންތެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ޚައިރާދުގެ ހިތަކު ނުވެއެވެ. ނުދަންނަ ދެމީހަކަށް އެކުގައި ދިރިއުޅުމަށް ދެމީހުން ދަސްކުރަން މަޖުބޫރުވާނެއެވެ. އެކަމަށް ވަގުތު ނަގާނެއެވެ. އެހުންނަނީ އެއްދުވަހަކުން ދެދުވަހަކުން ވާކަހަލަ ކަންކަމެއްނޫނެވެ. ކެތްތެރިކަން އިސްކޮށްގެން ، އެކަކު އަނެކަކަށް ވަގުތު ދޭން ޖެހޭނެއެވެ. ޚާލާ އާއި އަޝްހަރާ ދެފަހަރަކު އޮތީ ދިމާވެފައެވެ. ޚާލާގެ ނަޒަރުގައި އަޝްހަރަކީ ރަނގަޅު ކުއްޖެކެވެ. މަޑުމައިތިރި މިޒާޖެއްގެ ސާދާ ކުއްޖެކެވެ. އަޝްހަރު އެހާ ގޯހެއް ނުވާނެއެވެ. އަޝްހަރަށްވެސް ވަގުތު ދޭށެވެ. އަދި މަންމަޔަށް ބަދުބަސް ނުބުމަށް ޚާލާ އެދުނެވެ. ޚާލާ އެދެއްކީ ރަނގަޅު ވާހަކަ ކަމަށް ޚައިރާދު އެއްބަސް ވިއެވެ. އަދި އޭނާ އެކަންކަމަށް ވިސްނާނެކަމަށްވެސް ވަޢުދުވިއެވެ.

ޚާލާއާއި ޚައިރާދުގެ ވާހަކަ އެހައިހިސާބަށް ދިޔަތަނާ ، އަޝްހަރު ބޭރުން އައިސް ވަނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.