
ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މިއަހަރުގެ ޑިޖިޓަލް ޕާރޓްނަރަކަށް ދިރާގު ސޮއިކޮށްފިއެވެ.
މި ޕާޓްނަރޝިޕްމެދުވެރިކޮށް ދިރާގުން ސޮކަރ ވެޓަރަންސް އެސޯސިއޭޝަނަށް އެހީތެރިކަން ފޯރުކޮށްދޭނީ އެކި ކީ ސްޓޭޖްތަކަށް ހާއްސަކޮށްގެން ބާއްވާ އިންޓަރ ސްކޫލް ފުޓުބޯޅަ މުބާރާތް، 'ކިޑްސް ފުޓްބޯލް ފިއެސްޓާ' ބާއްވައި ފުޓުބޯޅަ ކުޅުންތެރިންގެ އައު ޖީލެއް އުފެއްދުމަށެވެ. ދިރާގުން ދަނީ ޒުވާނުންގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައި އަމަލީ ގޮތުން ހަރަކާތްތެރިވެ، ޒުވާނުންނަށް އެ ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމުގެ މަގު ފަހިކޮށްދެމުންނެވެ.
"ސޮކަރ ވެޓެރަންސް އެސޯސިއޭޝަންގެ ޑިޖިޓަލް ޕާޓްނަރަކަށްވެ، ކުޑަކުދިންނަށް ކުޅިވަރު ކުރިއެރުވުމަށް އެއްބާރުލުން ދިނުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ފުޓުބޯޅައަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރެއް. އެހެންކަމުން މި ޕާޓްނަރޝިޕް މެދުވެރިކޮށް ޒުވާން ފުޓުބޯޅަ ކުޅުންތެރިންގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދެވޭނެކަމަށް އުންމީދު ކުރަން،" ދިރާގުގެ އެސިސްޓަންޓް މެނޭޖަރ ބްރޭންޑް، ނާޔާ ޝަރީފް ވިދާޅުވިއެވެ.
"ކުޅިވަރުގެ އައު ޖީލެއް ބިނާކުރުމަށް ދިރާގުން ފޯރުކޮށްދެމުންދާ އެހީތެރިކަމަށް ފަށްފަށުން ޝުކުރު ދަންނަވަން. އަދި ފާއިތުވި އަހަރުތަކުގައި ދިރާގުގެ ފަރާތުން ލިބުނު އެއްބާރުލުމަށްވެސް ވަރަށް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުންމީދަކީ ދިރާގާއެކު ގިނަ އައު ފުޓުބޯޅަ ކުޅުންތެރިންތަކަކަށް އިތުރު ފުރުސަތުތަކެއް ހޯދާދިނުން،" ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވެސްގެ ރައީސް، އަލީ ޝަމީމް ވިދާޅުވިއެވެ.
ދިރާގުން ދަނީ ކުޅިވަރާއި އިޖްތިމާޢީ ހަރަކާތްތަށް ކުރިއަރުވާ އެކިއެކި ޕްރޮގްރާމްތަކާއި އިވެންޓްތަކަށް އެހީތެރިކަން ފޯރުކޮށްދީ މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިޔުމަށް އެއްބާރުލުންދެމުންނެވެ.