މަރުވުމަށް ފަހު

މަރަކީ ކޮންމެ އިންސާނަކަށް ކުރިމަތިލާން ޖެހޭ، އެކަމަކު އޭނާ ބޭނުން ނުވާ ވާގިއާއެކެވެ. އާދަމުގެދަރިޔާ ބޭނުން ވަނީ ދިގު މުއްދަތެއްގައި ދިރި ހުންނާށެވެ. އެކަމަކު އެއް ދުވަހަކު ހަމަ ކުއްލިއަކަށް މަރު އައިސް އޭނާ ގޮވައިގެން ހިނގައިދެއެވެ. އޭނާ ފަށައިގެން އުޅެނީ ދިގު ދަތުރެއް ކަހަލައެވެ. އޭނާ ބޭނުންވަނީ ވަރަށް ދުރަށް ދާށެވެ. އެކަމަކު މަންޒިލާ ހަމައަށް ދެވުމުގެ ކުރިން މަރުގެ ވަކި އަތަކަށް ޖެހިފައިވާ ފައިސަލާއާ ކުރިމަތިލާން ޖެހިދެއެވެ. ނަތީޖާއަކީ އޭނާގެ ދިރިއުޅުން ނިމުމެވެ.

މިހެން ވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ކޮންމެ މީހަކުމެ ކުރާ ސުވާލެކެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ މިހެންވާ ސަބަބު ހޯދާށެވެ. ދިރިއުޅުމަކީ ކޮބައި ހެއްޔެވެ؟ މަރަކީ ކޮބައި ހެއްޔެވެ؟ އޭނާ ދިގު މުއްދަތެއްގައި ދުނިޔޭގައި އުޅެން ބޭނުންވެފައި ހުއްޓައި، މަރު އައިސް އޭނާގެ އެއްވެސް ރުހުމަކާ ނުލައި އޭނާ ފުރާނަ ހިފައިގަނެއެވެ. އޭނާއަށް މަޖުބޫރުވަނީ އެ ފައިސާލާއާ ރުހޭށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟

މި މުއާމަލާއާމެދު ވިސްނައި ފިކުރު ހިންގައިލުމާއެކު އެންމެ ފުރަތަމަ ހެކި އަޅުގަނޑުމެންނަށް ފެންނަނީ ޑީއެންއޭގެ ޒަމާނީ ހޯދުންތަކުންނެވެ. މިހާރު އެނގިފައިވާ ގޮތުގައި ކޮންމެ އިންސާނެއްގެ ވަކި ޑީއެންއޭއެއް ހުރެއެވެ. އެ ޑީއެންއޭއަކީ އިންސާނާގެ ޝަޚުސިއްޔަތުގެ ފުރިހަމަ އެންސައިކްލޮޕީޑިއާއެކެވެ. ނުވަތަ އެކުމާފާނެކެވެ. އެ ޑީއެންއޭ ރޫޅައި ބެލީމާ އެނގޭ ގޮތުގައި އެއީ އަޅުގަނޑުމެން މި ގެންގުޅޭ ބޮޑެތި އެކުމާފާނުތަކަށްވުރެ އެތައް ގުނައެއް ބޮޑު އެކުމާފާނެކެވެ. ކޮންމެ މީހެއްގެ ޑީއެންއޭގައި އޭނާގެ ޝަޚްސިއްޔަތުގެ ކުދިބޮޑު ހުރިހައި ކަމެއް ވަނީ ރައްކާ ކުރެވިފައެވެ.

އެކަމަކު އަޖައިބުވާން ޖެހޭ ކަމަކީ އިންސާނާގެ ޑީއެންއޭގައި އެއް ކަމެއް އެކުލެވިފައި ނެތުމެވެ. މީހެއްގެ ޑީއެންއޭ މުތާލިއާ ކުރީމާ އެމީހަކާ ބެހޭ ހުރިހައި ކަމެއް ދެނެގަނެވޭއިރުވެސް އެއްކަމެއް ދެނެގަނެވޭ ގޮތެއް ނުވެއެވެ. އެއީ އޭނާ މަރުވާނޭ ވަގުތެވެ. މިއީ ގުދުރަތުން ކުރައްވާ އިއުލާނެކެވެ. އިއުލާނުގައި އަންގަވަނީ އިންސާނާ އޭނާގެ ހައިސިއްޔަތަށް ބަލާނަމަ، ދުވަހަކުވެސް މަރު ނުވާނޭ ކަމެވެ. އިންސާނާގެ ދިރިއުޅުމަކީ ނިމުމެއް ނެތް ސިލްސިލާ ދިރިއުޅުމެކެވެ. އޭނާގެ ޞަޚްސިއްޔަތު ހަގީގީ މާނައިގައި މަރެއް ނުވާނެއެވެ.

އިންސާނާގެ ޝަޚުސިއްޔަތުގައި އެހެން ކަމެއްވެސް ޝާމިލު ވެފައި ވެއެވެ. ދިރިހުރި ހުރިހައި އެއްޗަކަށް ބަލާއިރުވެސް މާދަމާގެ ތަސައްވުރަކާއެކު ދިރިއުޅެނީ ހަމައެކަނި އިންސާނާއެވެ. އެހެން ހުރިހައި ހައިވާނެއްވެސް ދިރިއުޅެނީ ހަމައެކަނި މިއަދުގައެވެ. މާދަމައެއް ނޯވެއެވެ. އެ ހައިވާނުންގެ ޝުޢޫރު ވަނީ ވަރަށް ބޮޑަށް މަހުދޫދު ވެފައެވެ. އެހެންވީމާ އުފަންވަނީވެސް މިއަދުގެ ޚިޔާލާ އެކުގައެވެ. އަދި ނިމިގެން ދަނީވެސް މިއަދުގެ ޚިޔާލާ އެކުގައެވެ. އެޔަށްވުރެ ދުރަށް ވިސްނުމަކާ ނުލައެވެ. އެކަމަކު އިންސާނާއަކީ އިސްތިސްނާއެކެވެ. އިންސާނާ ދިރިއުޅެނީ މާދަމައަށް ވިސްނުން ހިންގުމާއެކު ކުރިމަގުގެ ތަސައްވުރަކާ އެކީގައެވެ.

މި ދެންނެވި ވާހަކައިގެ ފުރިހަމަ ރައުޔެއް ގާއިމު ކުރުމަށްޓަކައި އިންސާނާގެ ދިރިއުޅުމުގައި އެކުލެވިފައިވާ ކަމެއްގެ ވާހަކަ ދަންނަވައިލުން ވަރަށް މުހިއްމެވެ. އިންސާނާ ދުނިޔެއަށް އަންނަނީ ވަރަށް ގިނަ އެދުންތަކަކާ އެކީގައެވެ. އެކަމަކު ހަގީގަތަކީ އޭނާ މަރުވެގެން ދަނީ އެ ހުރިހައި އެދުންތަކެއް ނުފުދި ކަމެވެ. ވުމާއެކު ކޮންމެ އިންސާނަކުމެ ވެގެން ދަނީ ނުފުދި ހުންނަ އެދުންތަކެއްގެ މަޖުމޫއާއަކަށެވެ. ކާއިނާތުގެ އާއްމު ނިޒާމަށް ބަލައިލާއިރު ކަންތައް އޮންނަނީ މިހެންނެއް ނޫނެވެ. މިއޮތް ބޮޑު ކާއިނާތުގައި މި ދެންނެވުނު މައްސަލަ ކުރިމަތިވާ މަޚުލޫގަކަށް ލައްވައިފައި ވަނީ ހަމައެކަނި އިންސާނާއެވެ. އިންސާނާ ފިޔަވައި އެހެން އެއްވެސް މަޚުލޫގަކަށް މި މައްސަލަޔާ ކުރިމަތިލާކަށް ނުޖެހެއެވެ.

މި ހާލަތަށް ބަލައިލީމާ އެނގޭ ކަމަކީ މައްސަލައަށް ހައްލެއް ބޭނުންވާ ކަމެވެ. އެހެން މަޚުލޫގުންނަށް ވާފަދައިން އިންސާނާގެ އެދުންތައްވެސް މުޅީން ފުރިހަމަ ވާން އެބަޖެހެއެވެ. މި ނަތީޖާއިން އެނގެނީ މި ދުނިޔެއަށް ފަހު އަދި އެހެން ދުނިޔެއެއް ގާއިމު ކުރެވޭނޭ ކަމެވެ. އެބަހީ އިންސާނާގެ ހުރިހައި އެދުމެއް ފުރިހަމަވެ، ހިތްހަމަޖެހުން ލިބޭ ދުނިޔެއެއް އޮންނާނޭ ކަމެވެ. (މަވްލާނާ ވަޙީދުއްދީން ޚާންގެ ލިޔުއްވުމެއްގެ ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.