41 ކައުންސިލަކަށް އެސްޖީން ހޯދަނީ

41 ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް ސިވިލް ސާރވިސް ކޮމިޝަން (ސީ.އެސް.ސީ) އިން އިޢުލާންކޮށްފި އެވެ

އެސްޖީން ހޯދުމަށް މިފަހަރު ހުޅުވާލި ކައުންސިލްތަކުގެ ތެރޭގައި 5 އަތޮޅު ކައުންސިލަކާއި 36 ރަށު ކައުންސިލެއް ހިމެނެ އެވެ.

މީގެ ތެރެއިން ރަށު ކައުންސިލުގެ އެސްޖީންގެ ގޮތުގައި 2 ރޭންކަކުން ކުރިމަތިލެވޭގޮތަށް ހުޅުވާލާފައިވާއިރު، ފުރަތަމަ ރޭންކްގެ މުސާރަ އަކީ 16،100 ރުފިޔާ އެވެ. ދެވަނަ ރޭންކްގެ މުސާރައަކީ 12،285 ރުފިޔާ އެވެ.

އަތޮޅު ކައުންސިލްތަކުގެ އެސްޖީންގެ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 21،000 ރުފިޔާއެވެ. މިއީ ހުސް 5 އަހަރު ދުވަހުގެ މުއްދަކަށް އައްޔަނުކުރާ މަޤާމެކެވެ.

ލޯކަލް ކައުންސިލުތައް އިދާރީ ހިންގުމުގެ އެންމެ އިސްވެރިޔާ، ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށްޓަކައި ސިވިލް ސާރވިސް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ.

އެ ކޮމިޝަނުން އެންމެ ފުރަތަމަ އެސްޖީންގެ މަޤާމަށް ހުޅުވާލީ 2021 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. އޭރު އެކޮމިޝަނުން 200 ކައުންސިލްގެ އިދާރާއަށް ސެކްރެޓަރީ ޖެނެރަލުންގެ މަޤާމަށް ހުޅުވާލި އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރާއި ހަމައަށް އައްޔަނު ކުރެވިފައިވަނީ 127 ސެކްރެޓަރީ ޖެނެރަލުންނެވެ. މީގެތެރެއިން ބައެއް އެސްޖީން އިސްތިޢުފާދީފައިވާކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅު ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.