ބްލޫ ރިބަން: ވެރިކަމުގެ ހަދިޔާ

ވެރިކަމުގެ ހަދިޔާއަކީ ދޮންބެއްޔާއަށްވެސް ވަރަށްގިނައިން ލިބިފައިވާ އެއްޗެކެވެ. ވެރިކަމުގެ ހަދިޔާއަކީ އެކިމީހުންނަށް ، އެކިއިރު އެކިގޮތަށް ، އެކިވަރަށް ލިބޭ އެއްޗެކެވެ. ވެރިކަމުގެ ހަދިޔާއަކީ ޙައްޤު އެއްޗެއްތޯ ، ޙަލާލު އެއްޗެއްތޯ ބަލަންޖެހޭ ހެއްޔެވެ ؟ ނުވަތަ އެކަމަށް ބަލާނެ ފުރުޞަތު އޮވޭ ހެއްޔެވެ ؟ ހަދިޔާ ބަލައިނުގަތްފިއްޔާ ދެންވާ ގޮތްގޮތްވެސް ހުރެއެވެ. އެއީ ކޮންމެ މީހަކުވެސް ބޭނުންވާ އެއްޗެކެވެ. ޙައްޤު އެއްޗެއްކަމަށް ޤަބޫލު ނުކުރެވުނަސް ، ލިބުނީމަ ދޫކޮށްލެވޭ ކަހަލަ އެއްޗެއް ނޫނެވެ.

ވެރިކަމުގެ ހަދިޔާ ބެހެވިގެންދާ ގޮތުގެ ހުވަފެނެއް ދޮންބެއްޔާއަށް ފެނުނެވެ. އެއީ ވަރަށް ކުރިންނެވެ. ކާޑުގެ ދުވަސްވަރު ، ދަންވަރު ބަނޑޭރިގެ ހުޅުވައިގެން ، ހަތިފުށީ ކުދިންނަށް ކާޑު ހަދިޔާ ކުރެވުނެވެ. އެއީ އެރަށު ރަމްލާއަށް އެކަންޏެއްނޫނެވެ. އަރިސް ބައެއް ކުދިންނަށް ބަންޑާރަ ޚަރަދުގައި ގެދޮރު އަޅައި ދެވުނެވެ. ސޯސަންމަގާއި ބިއްލޫރިޖެހިގޭގައި އެކަންޏެއްނޫނެވެ. ބޮޑުންނާއި ބޮޑުންގެ ދަރިންނަށް ވޯޓަކައި ނުލާ ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ހަދިޔާ ކުރެވުނެވެ. ބައެއްކުދިން ، ކިޔަވަން ބޭރަށް ފޮނުވުނެވެ.

 އަރިސް މުއައްޒަފުންގެ ، ޕެންޝަން ކައިރިވާއިރަށް ދެ މަޤާމްދީ ޕެންޝަންލިބޭ ޢަދަދު މަތިކުރެވުނެވެ. ސަރުކާރަށް ޚިދުމަތް ކުރާތާ ވިހި އަހަރު ފުރުމުން ލިބޭ ޕެންޝަން ، ސާޅީސް އަހަރު ވީމަ ލިބޭވަރަށް ޑަބަލްކޮށް ދެވުނެވެ. ބިންހިއްކާފަ ތައްޔާރު ކުރެވުނު ލިސްޓަށް ، ޑްރައިވަރަށް ދާންދެން ގޯތި ދޫކުރެވުނެވެ. ދެޔަކާ ދެޔަކާ ގުނަކުރީމަ ނުކުންނަ ޢަދަދު އެނގިވަޑައި ގަންނަވާނީ  އެމަނިކުފާނަށް ކަމަށް ނިންމާ މީހުންނަށް މިނިސްޓަރުކަން ދެވުނެވެ. ވޯޓު ، އެއްކޮށް ކަނޑައި ގުނަކޮށް ގެއްލައިގެން ނަތީޖާ ނެރެ ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ދެވުނެވެ. މަޖިލިސް މެންބަރުންނަށް ގޯތި ދެވުނެވެ. ދެވުނު ގޯތި ހަދަން ފައިސާ ދެވުނެވެ.

ނިންމާފައި ހުންނަ އެޕާޓްމަންޓްގެ ތަޅުދަނޑި ޙަވާލު ކުރެވުނެވެ. އެއްގޯތި ދިނީމަ އެގޯތި ވިއްކާލާއިރަށް އަނެއް ގޯތިވެސް ދެވުނެވެ. ހަށިގަނޑުގައި ހުރިއްޔާ ހުރި ބައްޔަކަށް ބޭސްކުރަން ފުރުޞަތު ދެވުނެވެ. އުފަން ދުވަހުގެ ހަދިޔާއަށް ފަޅުރަށް ދެވުނެވެ. ރިސޯޓް ހަދަން ބިޑަކާނުލައި ފަޅުރަށް ދެވުނެވެ. އިތުރު އާމްދަނީ ހޯދުމަށް ކުއްޔަށްދޭން ، ފަޅުރަށާއި ފިހާރަ ދެވުނެވެ. ދަތުރުފަތުރުގެ ނިޒާމް ފުރިހަމަނުކުރިޔަސް އެއާ އަޅުވާފައި ފަޅުރަށް ދެވުނެވެ. ވަގުންނާއި ޚިޔާނާތްތެރިން ޙިމާޔަތްކޮށް ސަލާމަތް ކޮށްދެވުނެވެ.

އެހާހިސާބަށް ދިޔަތަނާ ދޮންބެއްޔާއަށް ހުވަފެނުން ހޭލެވުނެވެ. ވެރިކަމުގެ ހަދިޔާއަކީވެސް ހާދަ ފާޑެއްގެ އެއްޗެއްތާއެވެ؟

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.