އެލްޖީއޭ ބޯޑުގެ މެމްބަރު އަފްޝަން، ނަޝީދުގެ ކެމްޕޭނާ ގުޅިއްޖެ

ލޯކަލް ގަވަރމެންޓް އޮތޯރިޓީ (އެލްޖީއޭ) ބޯޑުގެ މެމްބަރު އަފްޝަން ލަތީފް، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ޓީމާ ގުޅިއްޖެ އެވެ.

ރައީސް ނަޝީދަށް ތާއީދުކޮށް އަލަށް ކެންޕޭނާ ގުޅުނު ޓީމުތަކާއި މާލެއަށް ވޯޓުލައްވާ މެންބަރުންނާއި ރައީސް ނަޝީދު ބައްދަލުކުރެއްވުމަށް ބިލަބޯންގ ސްކޫލުގައި ބޭއްވި ބައްދަލުވުމަށް އަފްޝަން ވަނީ ވަޑައިގެންފަ އެވެ. މިބައްދަލުވުމުގައި އަފްޝަންގެ ފިރިކަލުން އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މިބައްދަލުވުމަކީ ވޯޓުގެ ކުރިން މާލޭގެ ރައްޔިތުންނާއި މިގޮތަށް ރައީސް ނަޝީދު ބައްދަލު ކުރައްވާ ފަހު ފަހަރެވެ. ކެމްޕެއިންގައި ރައީސް ނަޝީދު މިހާރު ހުންނެވީ އައްޑޫ ސިޓީގަ އެވެ.

އެސްޓީއޯގެ އެމްޑީ އަމްރު ރައީސް ނަޝީދަށް ތާއީދު ކުރެއްވުމުން ރައީސް ޞާލިހު ވަނީ އަމްރުއަށް އިންޒާރެއްވެސް ދެއްވާފައެވެ. ރައީސް ވިދާޅުވެފައިވަނީ ސަރުކާރުގެ ބައެއް އިސްވެރިންގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބުން ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތައް މަޑުނުޖެހޭނެ ކަމަށެވެ.

ރައީސްގެ ވާހަކަތަކަށް ރައްދު ދެއްވައި އަމްރު ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނު ހަރަކާތްތަކުގައި ބައިވެރިވުމުގެ ކުރިން އެ ހަރަކާތުގައި ބައިވެރިވާނެ ކަމާއި އެކަމުގެ ސަބަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދަންނަވާފައި ވާނެކަމަށެވެ.

އަމްރު ވިދާޅުވީ ނަޝީދާ އެކު ކެމްޕެއިނަށް ވަޑައިގަތުމުގެ ކުރިން ރައީސްއާ ވާހަކަ ދައްކަވައި، އެ ކެމްޕެއިނުގައި ބައިވެރިވެވަޑައިގަންނަވާ ސަބަބާ އަދި ޕާޓީގެ އެތެރޭގެ އިންތިހާބުގައި ގެންގުޅޭ ވިސްނުމުގެ ސަބަބުން އެސްޓީއޯ އިން ކުރަމުން އަންނަ އެއްވެސް މަސައްކަތަކަށް ބުރޫނާރާނެ ކަމަށް ދަންނަވާފައިވާނެ ކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.