ބްލޫރިބަން: ހަރާން ހުކުމާއި ހަލާލު ހުކުން

ހުކުމަކީވެސް ހާދަ  ފާޑެއްގެ އެއްޗެކެވެ. ހަރާން ހުކުމްވެސް އެބަ ހުރެއެވެ. ހަލާލު ހުކުމްވެސް އެބަހުރެއެވެ. ދޮންބެއްޔާގެ ހިތަށް އެރިއެވެ. ތަނެއް ހިސާބަށްވުރެ ބޮޑަށް ފަސާދަ ވެއްޖިއްޔާ ހުރިހާ ވައްތަރެއްގެ ހުކުމްވެސް ހުންނާނެއެވެ. ހުކުމް ގަތުމާއި ހުކުމް ވިއްކުމުގެ ސަޤާފަތެއް ތަޖުރިބާކޮށްފައިވާ ތަނެއްގައި އެއީވެސް ވެދާނެ ކަމެކެވެ. އިޖްތިމާޢީ ޢަދާލަތު ގެއްލި ، ޝަރުޢީ ނިޒާމް ގަޑުބަޑުކޮށްފައިވާ މުޖުތަމަޢުތަކުގައި ، ނިޒާމްތަކަށް ރައްޔިތުންގެ އިތުބާރު ލިބުމަށް ވަގުތު ނަގާނެއެވެ. ކޯޓުތަކުން ކުރާ ހުކުމެއް ހަރާމޭ ބުނެފިނަމަ އެކަން ޤަބޫލުކޮށްފާނެ ބަޔަކުވެސް އުޅެފާނެއެވެ. ނުވަތަ އެކަން ޤަބޫލު ކުރުވަން ބަޔަކު ތައްޔާރުކޮށްފައި ތިބިއްޔާ އެއަޑު އިއްވާމީހުންގެ ފަރާތުން އެހެންމީހުންނަށް އެއީ ވެދާނެކަމެއްކަމަށް ޤަބޫލުވެސް ކުރެވިދާނެއެވެ. ތިންހަތަރު މީހަކު މަގުމައްޗަށް ނުކުމެ ، ދިދައެއް ހިފައިގެން ، ހަރާމޭ ގޮވަމުން ދުވާއިރު ، އެއަޑު އިވޭ ބަޔަކުވެސް އުޅޭނެއެވެ. އެވަރުގެ ކުޑަ ޚަރަދަކުން ، ކުޑަކަމެއް ކޮށްލުމުގައި ، އެކަންކުރުވާ ބައެއްގެ ޙިކުމަތެއްވެސް އޮންނާނެއެވެ.

އެހެންނަމަވެސް ، ކޯޓަކުން ކުރާ ހުކުމެއް ހަރާމޭ ބުނެވޭނެގޮތެއް ދޮންބެއްޔާއަކަށް ނުވިސްނުނެވެ. އެހެން ކިޔާމީހުން އެކިޔަނީ ޤާނޫނާޚިލާފް ވާހަކައެކެވެ. ކޯޓުތަކުގެ ޙުރުމަތް ކެނޑޭނެ ވާހަކަ އެކެވެ. އެއީ ، ފިޔަވަޅު އެޅުމުގެ ޒިންމާ ބޮލު އަޅައިގެންތިބޭ ފަރާތްތަކުން ފިޔަވަޅުވެސް އަޅަން ޖެހޭނެ ކަމެކެވެ. ޤާނޫނުގައި މިނިވަންކަންވެސް ލިބިދީފައި އޮންނަނީ ވަކި ވަރަކަށެވެ. ޤާނޫނާ ޚިލާފަށް މީހުންކުރާ ޢަމަލުތައް ހުއްޓުވަންވެސް ބަޔަކު ތިބެންވާނެއެވެ. އެފަދަ ކަންކަން ނުހުއްޓުވޭ މުޖުތަމަޢުތަކުގައި ، އިޖްތިމާޢީ ޢަދާލަތު އިތުރަށްދާނީ ގޯސްވަމުންނެވެ. އިޖްތިމާޢީ ފޭރާން އިތުރަށް ދާނީ ވީދެމުންނެވެ.

މިފަހަކަށް އައިސް ހުކުމެއް ކުރެވެނީ ، ދަޢުވާ ލިބޭފަރާތާ ދަޢުވާކުރާ ފަރާތާ ދެފަރާތުން " ޒުވާބު " ކޮށް ، ކުށް ސާބިތުކުރަން ހެކިހުށަހަޅާ އަދި ކުށުން ބަރީޢަވުމަށްވެސް ހެކި ހުށަހަޅައިގެންނެވެ. ޝަރީޢަތުން ކުރާކަމަކީ ދެފަރާތުގެ ވާހަކަޔާއި ހެކި އަޑުއެހުމެވެ. އެކަންކަން އެނަލައިޒްކޮށް މުރާޖަޢާކޮށް ، ޤާނޫނުގައި އޮންނަގޮތަކަށް ނިންމުމެވެ. ޙުކުމެއް ކުރާހިސާބަށް ، ޝަރީޢަތަކީ ދެފަރާތަށްވެސް ޢަދުލުވެރި ، ޙައްޤުތައް ކަށަވަރުކޮށްފައި އޮންނަ މާޙައުލެކެވެ. ޙައްޤެއް ގެއްލޭނަމަ އެވާހަކަ ދައްކައިގެން އެ ޙައްޤެއް ހޯދެއެވެ. އެހެންނަމަވެސް ، ދަޢުވާލިބޭ މީހާއާ ދެކޮޅަށް ހުކުމެއް އިއްވައިފިނަމަ އެއީ ހަރާން ހުކުމެއްކަމަށް ، ދަޢުވާލިބޭ ފަރާތުން ނިންމައެވެ.

ހެއްކަކަށް އޮންނަ އިޖްރާޢަތެއްގައި ހަތަރެއް އޮންނަންޖެހޭ ތަނަކަށް ފަހެއް ޖަހާފައި އޮވެގެން ، ކުށް ސާބިތުނުވާކަމަށް ހުކުމެއް އިއްވިއްޖެނަމަ ، އެއޮތީ ހަލާލު ހުކުމެއް ލިބިފައެވެ. މިފަދަ މައްސަލައެއްގެ ވަށައިގެންވާ މައުޙާލާއި ވަށައިގެން ހިނގާ ކަންކަން ޝަރީޢަތަކަށް ނުފެންނާނެއެވެ. ޝަރީޢަތަށް ފެންނާނީ ، ދެފަރާތުން ޝަރީޢަތަށް ހުށަހަޅާ ހެއްކާއި ޝަރީޢަތުގައި ދައްކާ ވާހަކައެވެ. ވަށްކަމެއްގެ މައްސަލައެއްގައި ، މިފަދަ ޙުކުމެއް އަންނައިރު ، ނިދާފައި ހޭލާތަނުން ، ދަޢުވާލިބޭމީހާގެ ގެ ތިންބުރިޔަށް ހިއްލާލައިފާ ހުއްޓަސް އެއީ ޝަރީޢަތަށް ފެންނާނެ ކަމެއް ނޫނެވެ. ދަޢުވާލިބޭމީހާގެ ރައްޓެހިންނާއި ދަރިން ބޮޑެތި މަހުޖަނުންގެ ގޮތުގައި ކުއްލި މުއްސަނދިކަމެއްގައި ކުރާ ވިޔަފާރިއެއް ނުފެންނާނެއެވެ. ދަޢުވާ ލިބޭމީހާ ދިފާޢުކުރުމަށް ކޯޓުލައިގެން ނުކުމެ ތިބޭ މީހުންނަށް އެލިބޭ ނުޙައްޤު މުއްސަނދިކަމެއް ނުފެންނާނެއެވެ.

އެކަމަކުވެސް ، ވަށްކަމުގެ ހުކުމް ތަންފީޒުކޮށް މިނިވަންވެ ، ހަރާން ހުކުމޭ ގޮވަން ، މަގުމައްޗަށް ނުކުމެ އުޅޭ " އަނގަހުތުރު " މީހުން ، ކުއްލި ކުއްލިއަށް ދިހަބާރަ މިލިއަން ރުފިޔާ ދައްކައި އެއްފަހަރާ އެ ގަނެލާ ދެތިން އެޕާޓްމެންޓްގެ ވާހަކަ މީހުން ދައްކާނެއެވެ. ސައްޕެއްޖަހައި ބޭރުކޮށްލީމާ ދުރަށްގޮސް ހެއްދެވި ނުހެއްދެވިއަށް ގޮވައި ، ވަށަފަރުމީހުން އުނބަށްޖަހާހެން ، އެނބުރި އައިސް ފައިބުޑަށް ޖެހޭ މީހުންވެސް ، މީހުންނަށް ފެންނާނެއެވެ. ކުއްލި މުއްސަނދިކަމަކުން ވިޔަފާރި ފަށައި ، މީޓަރު ރަތްވާ ވަރަށް ، އިރާއި ހަނދު ނުފެންނަވަރަށް އުހަށް އަރައިގެންދާ ވިޔަފާރިތައްވެސް މީހުންނަށް ނުފެނިއެއް ނުހުންނާނެއެވެ.

ވަކި ސަހަލު މީހަކު ނެތެވެ. ދޮންބެއްޔާ ހިތަށް އެރިއެވެ. މިކަހަލަ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާއެވެ. ދައްކާފަ ނުދައްކާނެ ވާހަކައެއް ނުއޮންނާތީއެވެ. އެކަމަކުވެސް ، ކޮންމެވެސް ބަޔަކު މިކަހަލަ ވާހަކަވެސް ދައްކަން އެބަޖެހެއެވެ. ދޮންބެއްޔާ އެންމެ ދެރަވަނީ ، ޙަޤީޤަތް ޤަބޫލު ނުކޮށް ، ޤައުމުގެ ލާބައާއި މަންފާ އެއްފަރާތްކޮށް ، ފަރުދީ ޒިންމާ އަދާނުކޮށް ، ފިކުރުގެ ތަފާތު އޮއިވަރުގައިޖެހި ، ބައިބައިވުމަށް  މަގުދައްކާ އަމިއްލަ ނަފްސުގެ އަޅުން ، މުޖުތަމަޢުގައި ގިނަވަމުން ދާތީއެވެ. މިކަމުގައި އެއްކޮޅު މީހުންނާއި ދެކޮޅު މީހުންގެ ވަކި ތަފާތެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވަނީ ، އޭނާ ބޭނުންވާ ގޮތް އެންމެން ޤަބޫލު ކުރުމެވެ. ކޯޓުން ހުކުމެއް ކުރަންވިޔަސް ، ޤާނޫނެއް ހަދަންވިޔަސް ، ވެރިޔަކު ހޮވަންވިޔަސް ، ޤައުމު ހިންގަންވިޔަސް ، ދީނަށް އުޅެންވިޔަސް ވަކިމީހަކު ބޭނުންވާ ގޮތް އެއީ އެންމެންނަށް އިއްތިފާޤު ވެވޭނެ ކަމެއް ބާވައެވެ ؟ އެއީ ވާނެކަމެއް ނޫނެވެ. ނަތީޖާއަކީ ފަރުދުންނާއި މުޖުތަމަޢު ނިސްބަތްވާ ޤައުމު ، ބައިބައިވުމުގެ މިސްރާބަށް ދަތުރު ކުރުމެވެ. އޮޅިފައިވާ މި ކަންވާރު ބޮޅުތައް ސާފުކޮށް ތެދުކުރުމަށް ދުވަސްތަކެއް ނަގާނެކަމީ ކަށަވަރު ކަމެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.