މިދިޔަ އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެ: ރައީސް

އަހަރުން ފެށިގެން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލްތައް ހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާ:ލިހު ވިދާޅުވެއްޖެ އެވެ.

އައްޑޫސިޓީގެ ފެދޫ ސްކޫލަށް 50 އަހަރުފުރޭ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޭދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ އެއީ ރާއްޖޭގެ ތަޢުލީމީ ޙަޔާތުގައި ޙާޞިލުކުރެވުނު ވަރަށް ތާރީޚީ ކާމިޔާބެއް ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދަރިންނަށް ތަޢުލީމުދިނުމާއި މުޅި ރާއްޖޭގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސަރުކާރުން ކުރަމުންގެންދާ މުހިންމު މަސައްކަތްތަކުގެ މައްޗަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން ސަރުކާރުން ފަހިކޮށްދެއްވާފައިވާ ހިލޭ ޑިގްރީ ޕްރޮގްރާމާއި ސްޓޫޑެންޓް ލޯނަށް ނަގަމުން އައި އިދާރީ ފީ ކުޑަކުރުމާއި އަދި ލޯނު ދައްކަންޖެހޭ މުއްދަތު، 25 އިންސައްތަ އިތުރުކޮށްދިނުން ފަދަ ކަންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މީގެ އިތުރުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ތަޢުލީމުގެ ޤާނޫނެއް އެކުލަވާލައި 2021 ވަނަ އަހަރު ތަންފީޒުކުރަން ފެށުމާއި ބައެއް ސްކޫލުތަކަށް ސެޓެލައިޓް ސްކޫލް ނިޒާމު ތަޢާރަފު ކުރުމާއި ޕްރިންސިޕަލުންނާއި ޑެޕިޔުޓީ ޕްރިންސިޕަލުންނާއި ޓީޗަރުން، އަދި އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރުންގެ މުސާރައަށް ގެނެސްދިން ހެޔޮބަދަލާއި އަދި ތަޢުލީމީ ދާއިރާގެ އެހެނިހެން މުވައްޒަފުންނަށް، އަސާސީ މުސާރައިގެ 35 އިންސައްތަ، ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި ހަމަޖައްސައިދިނުންފަދަ އަދި މީގެ އިތުރުން ޓީޗަރުންނާއި ޕްރިންސިޕަލުން ތަމްރީނު ކުރުމަށް ހުޅުވާލި ފުރުޞަތުތައް ފަދަ ތަޢުލީމީ ދާއިރާއަށް ސަރުކާރުން ގެނެސްދެއްވާފައިވާ ކުރިއެރުންތަކަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުވާލެއްވި އެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފޭދޫ ސްކޫލުގެ މުވައްޒަފުންގެ ތެރެއިން މެދުނުކެނޑި 15 އަހަރު ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ރަންޔޫބީލްގެ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.