
ފުވައްމުލަށްސިޓީ އެތެރޭގެ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 77 ޕަސެންޓް ނިމިއްޖެ އެވެ.
އެމްޓީސީސީ އިން ބުނީ މި މަސައްކަތުގައި ހިމެނޭ ތާރު އެޅުމުގެ މަސައްކަތުގެ 40 ޕަސެންޓު ވެސް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 122,659 އަކަ މީޓަރުގެ ސަރަޙައްދެއްގައި ސަބްބޭސް އެޅުމާއި، 95،239 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ނިންމާފަ އެވެ. އަދި 27،450 އަކަ މީޓަރުގެ ފުޓްޕާތް ހެދުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، މަގުބައްތި ހަރުކުރުމަށް ވެސް ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން 19،940 މީޓަރުގެ ފެންހިންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.
މި މަޝްރޫޢަކީ 331.05 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.