ގެއްލިގެން ހޯދަމުން ދިޔަ ނިޒާމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ތެޔޮ ބޯޓުން ގެއްލިގެން ހޯދަމުން ދިޔަ، ގދ. ތިނަދޫ، މަނާރު މުހައްމަދު ނިޒާމް މަރުގެ މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އޭނާ ހޯދަމުން ދަނިކޮށް ފުލުހުންނަށް މިއަދު އޭނާ ފެނިފައިވަނީ މާލޭގެ ގެސްޓް ހައުސްއަކުން ކަމަށެވެ.

ފުލުހުން ބުނީ އުމުރުން 45 އަހަރުގެ ނިޒާމު މަރުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން މިއަދު ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރުމަހުގެ 31 ގައި ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފުލުހުން އިއުލާން ކުރީ ނާޒިމްގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މޮހައްމަދު ލިޓަން، 35އ، އެވެ. އެ ދެމީހުން ހޯދުމަށް ފުލުހުން ކަނޑުގެ ސަރަހައްދު ބަލަމުން  ދަނިކޮށް ދިވެހި މީހާ ފެނިގެން އާއްމުންގެ މީހަކު ވަނީ އޭނާއާއި އެކު ފޮޓޯ ނެގުމަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އެ މީހުން ދަތުރުކުރި ތެޔޮ ބޯޓު، ހުޅުލޭ ނެރު ކައިރިން އޮޔާދަނިކޮށް މިދިޔަ ބުރާސްފަތި ދުވަހު ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި ދެމީހުންނާއި ތެޔޮ ބޯޓު ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކުރީ ޑިސެމްބަރު 29 ކަމަށާއި މި ދެމީހުން ވިލިމާލެއިން ފުރީ ޑިސެމްބަރު 28 ގައި ކަމަށް ފުލުހުން ބުނެފައިވެއެވެ.

ނާޒިމް ފެނިފައިވީނަމަވެސް ބިދޭސީ މީހާ ފެނިފައިނުވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.