ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތުގެ އަޑުއެހުމެއް މިއަދު ބާއްވަން ތާވަލުކޮށްފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މައްސަލައިގައި ބާއްވާ މި ޝަރީއަތުގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ މިއަދު ހެނދުނު 10 ޖަހާއިރަށެވެ.

ކްރިމިނަލް ކޯޓުން ބުނީ މި އަޑުއެހުން ބޭއްވުމަށް ނިންމާފާއިވަނީ އޮންލައިންކޮށް ކަމަށެވެ.

ފުއްގިރީގެ މައްސަލައިގައި ދައުލަތުން، ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ޤަބޫލުކުރުމާއި މަނީ ލޯންޑަރިންގގެ ދައުވާ އެވެ.

އެގޮތުން ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްޤީކުރަން ކުއްޔަށް ދޫކުރުމުގެ މުޢާމަލާތުގައި މަޤާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯއްދަވާފައިވާކަމަށް ދަޢުލަތުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި ސަން ކޮންސްޓްރަކްޝަން އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި، ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

ރައީސް ޔާމީންގެ އިތުރުން މިމައްސަލައިގައި މއ. ކުރިކީލަހިޔާ އަޙްމަދު ކްރިކް ރިޟާއާއި، ސަން ކޮންސްޓްރަކްޝަނާއި، ސަން އިންވެސްޓްމެންޓްގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ.

ވ. އާރަށުގެ މައްސަލައިގައި ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި ދެ ދައުވާއެއް ސާބިތުވުމާއި ގުޅިގެން އެމަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް މިދިޔަމަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ އިއްވަވާފަ އެވެ. އަދި އެމަނިކުފާނު މިވަގުތު ހުންނެވީ ހުކުމް ތަންފީޒުކުރުމަށް ކ. މާފުށީ ޖަލުގަ އެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.